ads
އިސްލާމިކް މިނިސްޓްރީ-- ފޮޓޯ: ސީއެންއެމް
ކޮރޯނާ ވައިރަސް ފެތުރޭތީ މިސްކިތްތަކުގައި ގުނޫތު ކިޔަނީ
ކޮރޯނާ ވައިރަހާއި ހިމަބިހި ފަދަ ނުރައްކާތެރި ބަލިތައް ފެތުރެމުންދާތީ އެފަދަ ބަލިތަކުން ސަލާމަތްކޮށްދެއްވުމަށް އެދި މިސްކިތްތަކުގައި ގުނޫތު ކިޔުމަށް ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނި ގޮތުގައި ބަލިތަކުން ސަލާމަތްކޮށްދެއްވުމަށް އެދި މިސްކިތްތަކުގައި ގުނޫތު ނާޒިލާ ކިޔުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން މިއަދު މަޣުރިބް ނަމާދުން ފެށިގެން މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން، އަޑު ހަރުކޮށް ކިޔަން ޖެހޭ ނަމާދުތަކުގެ ފަހު ރަކުއަތުގެ އިއުތިދާލުގައި ގުނޫތު ކިޔަން ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މިނިސްޓްރީން ވަނީ އެގޮތަށް ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި އަމަލުކުރަން ވެސް އަންގާފަ އެވެ. 

ޗައިނާއިން އަލަށް ފެނިގެން އުޅޭ ނުރައްކާތެރި ކޮރޯނާ ވައިރަސް އެކި ގައުމުތަކަށް މިހާރު ފެތުރިފައިވާއިރު މިވައިރަހުގެ ސަބަބުން މިހާތަނަށް 170 މީހަކު ވަނީ މަރުވެފަ އެވެ.

އަވަށްޓެރި ސްރީލަންކާ އާއި އިންޑިއާއިން ވެސް މިހާރު ކޮރޯނާ ވައިރަސް ފެނިފައިވާއިރު ކޮރޯނާ ވައިރަސް ރާއްޖެއިން ފެނިދާނެ ކަމަށް ބަލައި ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ދަނީ ބުނަމުންނެވެ. 

މިބަލިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން މިހާރު ވަނީ ފިޔަވަޅުތަކެއް ވެސް އަޅާފައިވެ އެވެ. އެގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ދަތުރުވެރިންގެ ހަށިގަނޑުގެ ބޭރުފުށުގެ ފިނި ހޫނުމިން ހުރި މިންވަރު ދެނެގަތުމަށް ތާމަލް ކެމެރާ ބޭނުންކުރެ އެވެ. 

އެއާޕޯޓްތަކުގެ ޓާމިނަލްގައި ތާމަލް ކެމެރާއިން ހުން ހުރި ކަމަށް ދައްކާ ފަސިންޖަރުން ސްކްރީންކުރުމުގެ އިންތިޒާމު ހަމަޖެއްސުމާއި ބައްޔަށް ޝައްކުކުރެވޭ އަދި ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކަށް ރައްކާތެރިކަމާއެކު ފަރުވާދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް އެޗްޕީއޭ އިން މައުލޫމާތުދެ އެވެ.

މީގެއިތުރުން މިބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އަމަލުކުރަންޖެހޭ ގޮތުގެ ގައިޑްލައިންތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދީފައިވާ ކަމަށްވެސް އެޗްޕީއޭ އިން ވަނީ ބުނެ އެވެ. އެގޮތުން އެއާޕޯޓުގައި މަސައްކަތްކުރާ މުއައްސަސާތަކުގެ މުވައްޒަފުންނަށާއި، މިނިސްޓްރީ އޮފް ޓޫރިޒަމް މެދުވެރިކޮށް ޓޫރިސްޓް ރިސޯޓްތަކަށާއި، ގެސްޓް ހައުސްތަކަށާއި އަދި ފަތުރުވެރިކަމާ ގުޅޭ އެހެނިހެން ޖަމުއިއްޔާ ޖަމާއަތްތަކަށް ގައިޑްލައިން ފޯރުކޮށްދީފައިވެ އެވެ. 

ހަމައެހެންމެ ސްކްރީން ކުރެވޭ ފަސިންޖަރުންގެ ތެރެއިން އެބަލީގެ ސަވައިލަންސް ކްރައިޓީރިޔާއަށް ފެތޭ ފަސިންޖަރުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވަސީލާތްތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައާއި ހުޅުމާލޭގައި އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކުރެވިފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. 

އޭގެ އިތުރުން ބަލި ޖެހިފައިވާ މީހަކު ފެނިއްޖެނަމަ އެމީހަކު އެކަހެރި ކުރަން ނިންމާފައި ވަނީ ކ. ފޮނަދޫގަ އެވެ. ނަމަވެސް މި ބައްޔަށް ޓެސްޓު ކުރާނެ އިންތިޒާމު އަދި ރާއްޖޭގައި ހަމަޖެހިފައި ނެތްއިރު އެ ބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ ޓެސްޓުތައް ހަދާނީ އިންޑިއާއިން ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. 

ރާއްޖެއިން ވެސް މި ބަލި ފެނުމުގެ ފުރުސަތު ބޮޑު ކަމުން، ގިނަ ބަޔަކު ދަނީ ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން ގެނައުން މަޑު ޖައްސާލުމަށް ވެސް ގޮވާލަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް