ads
ސިހުރު ހަދަމުންދަނިކޮށް ސީސީޓީވީ ފޮޓޯގެ މަންޒަރު
ގޯތީގެ ބޭނުމުގައި ގެެއަށް ސިހުރު ހެދީ އެއްބަފާ ބޭބެ
ގެދޮރާއި މުދަލަކީ ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރުން ދުނިޔޭގެ ދިރިއުޅޭ އިރު ހަދާނެ އަދި ހޯދާނެ އެއްޗެއްސެވެ. ތަނަވަސް ކަން ލިބިފައިވާ މީހުން ގަނޑުވަރެއް ފަދައިން ގެތައް ބިނާކުރާނެއެވެ. ނަމަވެސް ކިތަންމެ ޒީނަތްތެރިކޮށް ގެދޮރު ހެދި ނަމަވެސް އެ މީހެއްގެ ގެދޮރުގައި ތާއަބަދަކު އެއްވެސް މީހަކަށް ދިރި ނުއުޅެވޭނެއެވެ. އެއްވެސް މީހަކަށް މަރުވުމަށްފަހު ވެސް އެމީހާ ދުނިޔޭގެ އުޅުނު އިރު ހަދާފައި ހުރި ގެއެއް އަދި އެއްވެސް މުދަލެއްވެސް ހިފައިގެން ނުދެވޭނެ ކަން ކަށަވަރެވެ.

ކަން މިހެން އޮތް ނަމަވެސް ދުނިޔޭގައި ތިބެމެ މުދަލާއި ގެދޮރުގެ ދަހިވެތި ކަމުގައި އެތައްބައެއް އެތައް ސަކަރާތެއް ޖަައެވެ. ހައްގު ފަރާތްތައް ތިބި ކަމުގައި ވިޔަސް އެފަރާތަށް ދޭންޖެހޭ ހައްގު މިންވަރު ވެސް ނުލިބި، ނޫނީ ނުދިނުމުގެ ސަބަބުން ވަރަށް ބޮޑެތި މައްސަލަތައް އޭގެ ސަބަބުން ކުރިމަތިވެއެވެ. ރުޅިވެރިކަމާއި، ނަފްރަތު އަދި ދުނިޔޭގެ އެދުމަށް ސިހުރު، ފަންޑިތާގެ ބޭނުންކުރެވޭތަންވެސް އާދެއެވެ. ގޯސްކަމެއްކަން އެގިތިބެވެސް މެއެވެ.

ދާދި ފަހުން ޏ. ފުއައްމުލަކުގައި ހިގައިދިޔަ ގޯތީގެ މައްސަލައެއްގެ ތެރެއިން، މައިންބަފައިންގެ ގޯތީގެ ބޭނުމުގައި، ދަންވަރު ގޯތި ތެރެއަށް ވަދެ ގެެއަށް ސިހުރު ހެދީ އެއްބަފާ ބޭބެ އެވެ. މިމަންޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. 

ސިހުރު ހެދީ ބޭބެ ކަމަށް ބުނެ، ސޯޝަލް މީޑިއާއަށް އެވީޑިއޯ ލީ ޏ. ފުއައްމުލަކު ދިގުވާޑު އަހުމަދު ސިނާން އިބްރާހިމްދީދީ "ސީއެންއެމް" މިކަން ހިނގައިދިޔަ ގޮތް ކިޔައިދެމުން ބުނިގޮތުގައި، އެނާ އާއިއެކު، ބައްޕަގެ ދެބަނޑަށް 14 ކުދިން ތިބެއެވެ. ކުރީ ބަނޑުގައި ތިބި ހަތް ކުދިންނާއެކު، ސިނާން އަކީ އޭނާގެ ބައްޕަގެ މިހާރު ބަނޑުގެ ހަތް ކުދިންގެ ތެރެއިން (އިބްރާހީމްދީދީގެ) 12 ވަނަ ދަރިއެވެ. 

އެހެން އާއިލާއެކޭ އެއްގޮަތަށް އެއާއިލާ ގައިވެސް މީގެ ކުރިންވެސް ކުދިކުދި މައްސަަލަ ޖެހެއެވެ. ނަމަވެސް މިފަދަ ނުބައި އަމަލެއް ހިންގާފައި މިވަނީ ބައްޕަ ދުނިޔޭގައި ހުރެ ބައްޕަގެ 8400 އަކަފޫޓްގެ ގެއެއް ބެހި ހިސާބުންނެވެ. 

ގެއަށް ސިހުރު ހަދިކަން އެގުނީ ސީސީޓީވީ މަންޒަރުންނެވެ. ސިނާން ބުނިގޮތުގައި އެކަން ކޮށްފައިވަނީ މިިދިޔަ ޖެނުއަރީ މަހުގެ 21ވަަނަ ދުވަހުގެ ރޭ ކަމަށެވެ.

"ބޭބެ އެއީ ބޭބެ ނޫން ކަމުގައި އިންކާރު ކުރި ނަމަވެސް ވިޑިއޯ އިން އެ ފެންނަނީ ބޭބެ" ސިނާން ބުންޏެވެ.

ސީސީޓީވީ މަންޒަރުން ފެންނަގޮތުގައި ދަންވަރު ހުދު ގަމީހެއްގައި ހުރި މީހަކު ގޯއްޗެއްގެ ތެރެއަށް ވަދެއެވެ. އޭނާގެ އަތުގައި ފުޅިއެއް އޮތްއިރު ފުރަތަމަ އެގޭގެ ގޭޓު ކުރިމަތީ އިރުކޮޅަކު މަޑުކޮށްގެން ހުރެއެވެ. އެއަށްފަހު އެ ގޯތިތެރޭ ހުރި އެކި ތަންތަނަށް ފުޅިން ވެލި އުކާ، މަންޒަރު ފެނެއެވެ. އެގޮތަށް ގެއަށް ވަަންނަ ދޮރުމައްޗާއި، ގޭޓު ކުރިމަައްޗަށްވެސް ވެލި އަޅާތަން ފެނެއެވެ. އެއަށްފަހު ބާރަށް ދުވެފައި ނުކުމެގެންދާ މަންޒަރުވެސް ފެނިގެން ދެއެވެ.

ސިނާން ބުނީ ގިނަބަޔަކަށް އެކަން ގަބޫލުކުރަން ދަތިވެދާނެ ކަަމަށާއި، ހުދު އޭނާއަށް ވެސް ގަބޫލުކުރަން ދަތި ކަމަށެވެ. ސަބަބަކީ އޭނާ އަކީ ހާފިޒެއް ކަމުންނާއި، މިސްކިތެއްގެ މުދިމެއް އަދި ހުކުރު ކުރުމުގެ ހުއްދަ އޮންނަ ރަށުގެ ގިނަބަޔަކު ގަދަރުކުރަމުން އައި މީހަކަށް ވާތީ ކަމަށް ބުންޏެވެ.

ސިނާން ބުނީ ބޭބެ އެފަދައިން ސިހުރު ހަދާނެ ކަމަށް ގަބޫލުނުކުރެވުނަސް، ކެމަރާއަށް އަރާފައިވާ ވީޑިއޯ އެއްވެސް މީހަކަށް ދޮގު ނުކުރެވޭނެ ކަމަށެވެ. ޖެނުއެރީ 21 ވަނަދުވަހު މެންދަމު ސިނާން ދިރިއުޅޭ ގެއަށް ސިހުރު ހަދާ މަންޒަރު ފެންނަ ވީޑިއޯ އޭނާ އަށް ފެނުމާއެކު، ފުލުހަށް އޭރު މައްސަލަ ޖެއްސި ކަމަށްވެސް ސިނާން ބުންޏެވެ. ފުލުހުންގެ އެއްބާރުލުންވެސް ލިބޭ ކަމަށާއި، މައްސަލަ ރަނގަޅަށް އެފަރާތުން ބަލާ ކަމަށްވެސް ސިނާން ބުންޏެވެ. އެހެން ނަމަވެސް މިހާރުވަނީ އެ މައްސަލައަށް އެއްމަސް ވާން ކައިރި ވެފައެވެ.

އެވީޑިއޯ އާއްމުކުރީ ރަށުގެ ގިނަ މީހުން ސިނާނުމެން ގޯސް ކުރަމުން ދާތީ ކަމަށާއި، އެކިވާހަކަތައް ރަށުގައި ފެތުރިފައިވާތީ ކަމަށް ވެސް ސިނާން ބުންޏެވެ. ބޭބެ އެކަން ދޮގު ކުރާ ކަމަށާއި، ބޭބެ އެފަދަ އަމަލެއް ނުހިންގާ ކަމަށް ބޭބެ ބުނެފައިވާ ކަމަށް ސިނާނު ބުންޏެވެ. އެހެންވެ އެންމެނަށް ފެންނަހެން ވީޑިއޯ އާންމު ކުރީ ކަމަށް ސިނާން ބުންޏެވެ. އެކަމަކު މި ވީޑިއޯ ފެނުމުން ބޭބެގެ ފަހަތުގައި، ނަމާދު ކުރަންވެސް ހެޔޮނުވާނެ ކަމަށް ގިނަމީހުން ބުނަމުންދާ ކަމަށް ސިނާން ބުންޏެވެ.

"ބައްޕަ ދުނިޔޭގަ ހުރެ ގޯތި ބަހާފަ ދިނީ ގޯތި ނެތް ކުދިންނަށް. ބޭބެ މެންގެ ގޯތި އެބަހުރި. ނޭނގެ ކީއްވެ ކަމެއް ސިހުރު ހަދަން ޖެހުނީ. ސިހުރުގެ އެއްވެސް އުދަގުލެއް އަދި ނުފޯރާ. އެހެން ނަމަވެސް މިހާރު އެކަމެއްވަނީ ކޮށްފައި. ގަބޫލު ކުރަނީ ރަނގަޅަށް ތިބިބަޔަކަށް ސިހުރުގެ އުދަގުލެއް ނުފޯރާނެ ކަމަކަށް." ސިނާން ބުންޏެވެ.

ސިހުރަކީ މާތް ﷲ ހަރާމް ކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައިވާ ބޮޑު ފާފައެކެވެ. ސިހުރުގެ ސަބަބުން ބައެއް މީހުން ނިދިން މަހްރޫމުވެ އަނެއް ބަޔަކަށް ނުތަނަވަސްކަމާއި ހިތްހަމަ ނުޖެހުން ވެރިވެ އެވެ. މިކަމަކީ އިސްލާމީ މުޖުތަމައެއްގައި އޮންނަންވާނޭ ކަމެއް ވެސް ނޫނެވެ. ނަމަވެސް ހިތާމައަކީ މި ކުޑަކުޑަ މުޖުތަމައު ގައިވެސް ސިހުރު ފަންޑިތަ ވަރަށް ބޮޑަށް އާއްމުވެފައިވާ ކަމެވެ.

ސިހުރު ހާހޫރަ ހަދާ މީހުން އެކަން ކުރަނީ އީމާންކަން ބަލިކަށި ވުމުންނެވެ. ތިމާގެ ކިބައިގައި ނެތް ކުޅަދާނަ ކަމެއް ހޯދުމުގެ މަގްސަދުގައެވެ. ނަމަވެސް އެފަދަ މީހުންނަށް ވިސަނައިނުގަނެވޭ ކަމަކީ އެއީ، ދާއިމީ ގޮތެއްގައި ލިބޭ ކުޅަދާނަ ކަމެއް ނޫންކަމެވެ. އެކަމުގެ ނުރައްކަލަކީ، ސިހުރު ހަދާ މީހާ މާތް ﷲ އަށް އުރެދި، ޝައިތާނާގެ އަމުރުތަކަށް ކިޔަމަންވާން ޖެހުމެވެ. އެކުޅަދާނަކަން ހޯދޭނީ ޝައިތާނާ މެދުވެރިކޮށް ކަމަށްވާތީ، ދީނުން ބޭރުވާ ކަންކަން ކުރުމަށް ސިހުރު ހަދާ މީހާ އަށް ޝައިތާނާ އަމުރުކުރެ އެވެ. އެ އަމުރުތަކަށް ކިޔަމަންވުމުން ނޫނީ ޝައިތާނާގެ ވާގިވެރިކަމެއް ނުލިބެއެވެ.

ސިހުރު ހެދުމަކީ ޝައިތާނީ އަމަލެކެވެ. ޝިރުކު ކޮށްގެންނާއި ހުތުރު ރޫހުތަކާ ގާތް ގުޅުމެއް އުފައްދައިގެން އެ ތަކެތީގެ ބަހަށް ހެއްލިގެން މެނުވީ އެކަމެއް ނުކުރެވެ އެވެ. ސޫރަތުލް ބަޤަރާގެ 102 ވަނަ އާޔަތުގައި މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ. "އެހެނެއްކަމަކު، އެޝައިތާނުން ކާފިރު ވޫއެވެ. އެއުރެން މީސްތަކުންނަށް ސިހުރު އުނގަންނައި ދިނުމުންނެވެ."

ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. "ފަހެ، މީހާ އާއި އެމީހާގެ އަނބިމީހާއާ ދެމެދު ދުރުކޮށް ވަކިކުރާނޭ ގޮތް އެ ދެ މަލާއިކަތުންގެ ކިބައިން އެއުރެން އުނގެނި އުޅެތެވެ." އަދި ކީރިތި ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. "ފަނާކުރަނިވި ހަތް ފާފައިން ތިޔަބައިމީހުން އެއްކިބާވާށެވެ! ދެންނެވުނެވެ. އެއީ ކޮން ކަންތައްތަކެއް ތޯއެވެ؟" ޙަދީޘްކުރެއްވި އެވެ. "މާތް ﷲ އަށް ޝަރީކު ކުރުމާއި، ސިޙުރު ހެދުމާއި ޙައްޤަކާ ނުލައި މީހަކު މެރުމާއި ރިބާ ކެއުމާއި ޔަތީމުންގެ މުދާ ޙައްޤަކާ ނުލައި ކެއުމާއި ހަނގުރާމައިގެ މައިދާނުން ފިލުމާއި އިއްފަތްތެރި މުއުމިނު އަންހެނުންނަށް ޤަޛްފު ކުރުމެވެ."

އެބައިމީހުންނަށް އެހީތެރިވާ ޝައިޠާނުން ބަދަލަކާ ނުލައި އެހީތެރިނުވާނެއެވެ. އަންއާމު ސޫރަތުގެ 128، 129 ވަނަ އާޔަތުގެ މާނައިގައިވެ އެވެ. "އެކަލާނގެ، އެއުރެން އެންމެން އެއްކުރައްވާ ދުވަސް ހަނދުމަ ކުރާށެވެ! (އެދުވަހުން، އެކަލާނގެ ވަޙީ ކުރައްވާނެތެވެ.) އޭ ޖިންނީންގެ ޖަމާޢަތުގެ މީހުންނޭވެ! ތިޔަބައިމީހުން އިންސީންގެ ވަރަށް ގިނަ މީހުންނަށް މަގުއޮޅުވައިލީމު އެވެ.

ދެން އިންސީންގެ ތެރެއިން އެއުރެންގެ އެކުވެރިން ދަންނަވާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޯ އެވެ! އަޅަމެންގެ އެއް ބަޔަކު އަނެއް ބަޔެއްގެ ކިބައިން ފައިދާ ހޯދީމުއެވެ. އަދި އިބަރަސްކަލާނގެ، އަޅަމެންނަށް ކަނޑައަޅުއްވައިދެއްވައިފައިވާ އަޖަލަށް އަޅަމެން ފޯރައްޖައީމު އެވެ. އެކަލާނގެ ވަޙީ ކުރައްވާނެތެވެ. ތިޔަބައިމީހުން ތިބޭނެ ތަނަކީ ނަރަކަ އެވެ. 

الله އިރާދަކުރެއްވި ވަގުތަކަށް މެނުވީ، އެއުރެން އެތާނގައި ދެމިތިބެނިވި ގޮތުގައެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ ހަކީމްވަންތަ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ. ހަމަ އެފަދައިން އެއުރެން ހޯދައިގަތް ކަމުގައިވީ ކަންތަކުގެ ސަބަބުން، ތިމަންރަސްކަލާނގެ އަނިޔާވެރިންގެ އެއްބަޔަކު އަނެއްބަޔަކާ މަތިކުރެއްވީމެވެ."

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް