ads
ހިފެހެއްޓުމަށް ވުރެން ހާމަކުރުން ބުއްދިވެރި!
ރާއްޖޭގައި އަދި ދުނިޔޭގައި ވެސް މިހާރު އެންމެ ބޮޑަށް ދެކެވެނީ ކޮރޯނާވައިރަސްގެ ވާހަކައެވެ. ރައްޔިތުންގެ ކަންބޮޑުވުން މިކަމުގައި އިންތިހާ އެވެ.

ދުނިޔޭގެ ޤައުމުތަކުގައި އަދި ހާއްސަކޮށް ޗައިނާގައި މި ބަލި ފެތުރެން ފެށުމާއި އެކު މުޅި ދުނިޔެ އޮތީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މިބަލީގައި ދުނިޔެއިން މިހާތަނަށް 213 މީހުން މަރުވެފައިވެ އެވެ. އަދި 9007 އަށްވުރެއް ގިނަ ކޭސް މިބަލީގައި ދުނިޔޭގެ އެކި ހިސާބުތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

ރާއްޖެއިން ވެސް މިވަނީ ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ މީހަކު ފެނި އެކަހެރި ކުރެވިފަ އެވެ. އަދި ކޮރޯނާ ވައިރަހާއި އިތުރަށް ގުޅޭތޯ ބެލުމަށް ދެމީހަކު މޮނީޓާ ކުރަމުން އަންނަކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފައެވެ.

ދެން އޮތީ ބޮޑު ވާހަކަ އެވެ. ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. ހެލްތް މިނިސްޓްރީން މިކަމުގައި އަދި ހާއްސަ ކޮށް ހެލްތް މިނިސްޓަރު އަމީން މައުލޫމާތު ނުދެއްވާ ކަމަށް ކުރައްވާ ތުހުމަތެވެ. މައުލޫމާތު ހާމަކުރުމުގައި ލަސްކަމެއް ހުރި ވާހަކައެވެ.

މިވަގުތަކީ އަދި މި ބަލީގައި ރާއްޖެ މިއޮތީ ހައްސާސް ވަގުތުކޮޅެއްގައިކަން  ގަބޫލުކުރަމެވެ. އެހެން ނަމަވެސް ކަންކަން ފޮރުވުމަށް ނުވަތަ ކަންކަން އޮންނަ ގޮތް ރަނގަޅަށް ރައްޔިތުންނަށް ސާފުކޮށް ނުދެވޭނަމަ އޭގެ ޒާތުގައި ރައްޔިތުންގެ މެދުގައި ތަފާތު އެކި ވާހަކަތައް ދެކެވޭތަން އަންނާނެ އެވެ. މިފަހަރުވެސް ކަންދިމާވީ ހަމަ އެގޮތަށެވެ. ކަންކަން ރަނގަޅަށް ސާފުކޮށްދެވިފައި ނެތުމުން ހުޅުލޭ އެއާޕޯޓުން އެކަހެރި ކުރެވި ޗެކް ކުރެވޭ ކޮންމެ މީހަކީ ކޮރޯނާވައިރަހަށް ޝައްކުކުރެވޭ މީހެއްކަމަށް އާންމުން ދެކުނެވެ. އެކަން އެގޮތަށް ދިމާވީ ހެލްތް މިނިސްޓްރީއަށް އެކަމުގެ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް ކުރީބައިގައި ހިއްސާކުރެވިފައި ނެތުމުންނެވެ.

މީގެ އިތުރުން ރައްޔިތުންނަށް އިތުރު ކަންބޮޑުވުމަކަށް އޮތީ، މީޑިއާ އާއި ރައްޔިތުންނާއި ބައްދަލުކުރުމަށް ފަހު ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރިސަތު ދިނުމަށް ފަހު މާ އަވަހަށް ޕްރެސްކޮންފަރެންސް ނިންމާލުމަށް އުޅުއްވާކަމަށް ބުނެ އިވޭ ޝަކުވާއެވެ. އަދި ނޫސްވެރިންގެ ސުވާލުތަކަށް އެންމެ އެކށީގެންވާ ޖަވާބު މިނިސްޓަރަށް ނުދެއްވޭ ކަމުގެ ޝަކުވާއެވެ.

ދަންނަވަން އޮތީ ހަމަ އެއްވާހަކަ އެކެވެ. މިވީހާތަނަށް، ސިޔާސީ މަޤާމެއްގައި ހުންނެވި ބޭފުޅަކަށް ހާމަކުރަންޖެހޭ މައުލޫމާތު އެންމެ ފުރިހަމަ ގޮތުގައި ހާމަނުކޮށް ހުރެގެން ސަލާމަތުގެ އައްސޭރިއަކަށް ނުދެވުނު ވާހަކައެވެ. ރައްޔިތުންގެ ރުހުމައި ލޯބި ނުލިބުނު ކަމެވެ. އެހެން ކަމުން މިނިސްޓަރަށް ވެސް އާދޭހާއި އެކު ދަންނަވަން އޮތީ ހާމަކުރެއްވޭން އޮތް އެންމެ ބޮޑަކަށް މިކަންކަމުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ހިއްސާކުރެއްވުމަށެވެ.

22%
ކަމުގޮސްފި
56%
އަޑުއެހިތާ މިހުރީ
11%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް