ads
އުކުޅަހު ސިއްހީ މަރުކަޒުގައި ކުރިއަށްދިޔަ އޯޕީޑީ ސެޝަންއެއްގެ ތެރެއިން އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ ޑރ. އަހްމަދު އަބްދުﷲދީދީ ބަލި މީހަކު ބައްލަވަނީ-----
ނިވާކަން ކުޑަ ހެދުން ލައިގެން ހިދުމަތް ހޯދަން ނުދިއުމަށް އިލްތިމާސް ކޮށްފި
އއ. އުކުޅަހު ސިއްހީ މަރުކަޒުން ހިދުމަތް ހޯދަންދާއިރު، އިޖްތިމާއީ މިންގަނޑަށް ނުފެތޭ ނިވާކަން ކުޑަ ހެދުން އަޅައިގެން ނުދިއުމަށް އެ މަރުކަޒުން އިލްތިމާސް ކޮށްފި އެވެ.

އުކުޅަހު ސިއްހީ މަރުކަޒުގެ މެނޭޖަރު އަބްދުﷲ ސައީދު ވިދާޅުވީ، އެފަދަ އިލްތިމާސެއް ކޮށްފައިވަނީ މިފަހަކަށް އައިސް ބައެއް ފަތުރުވެރިން ނިވާކަން ކުޑަ ހެދުމުގައި އެމަރުކަޒުން ހިދުމަތް ހޯދަން އަންނަކަމުގެ ޝަކުވާތަކެއް އާއްމުންގެ ފަރާތުންވެސް އަންނަން ފެށުމުންނާއި، އެފަދަ ކަންކަމަކީ އިޖްތިމާއީ މިންގަނޑަށް ނުފެތޭ މުޖުތަމައުގެ އަހްލާގީ މިންގަނޑުން ބޭރު އަމަލުތަކެއް ކަމަށްވާތީ އެކަން ހުއްޓުވުމުގެ ގޮތުން ކަމަށެވެ. 

ސައީދު ވިދާޅުވީ، އެފަދައިން އަންނަ މީހުންނަށް އެ މަރުކަޒުން އެއްގޮތަކަށްވެސް ހިދުމަތް ނުދޭނެ ފަދަ އިބާރާތަކުން ބައެއް ނޫސްތަކުން ހަބަރުތައް ޝާއިއުކުރަމުންދާތަން ފެންނަ ކަމަށާއި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. ސިއްހީ މަރުކަޒަކީ ކޮންމެ މީހަކަށްވެސް ހިދުމަތް ދޭނެ ތަނެއް ކަމަށާއި، މަރުކަޒުން ކޮންމެ މީހަކަށްވެސް ހިދުމަތް ހޯދޭނެ ކަމަށެވެ. ނަމަވެސް ހިދުމަތް ހޯދުމަށް އަންނައިރު އިޖްތިމާއީ މިންގަނޑުން ބޭރު، ނިވާކަން ކުޑަ ހެދުން އަޅައިގެން އައުމުގެ ސަބަބުން އެތަނުގައި ހިދުމަތް ހޯދުމަށް ތިބޭ ދިވެހީންގެ ތެރެއިން އެކި ޖިންސުގެ ކުދި ބޮޑު މީހުންނަށް އުނދަގޫ ވާތީ އެކަން ހުއްޓުވުމަށް އެގޮތަށް އިލްތިމާސް ކޮށްފައިވަނީ ކަމަށް އޭނާ ވިދާޅުވިއެވެ. 

"އަޅުގަނޑުމެން ވާނީ އެފަދަ އިލްތިމާސެއް ކޮށްފަ. އެއީ ހާއްސަކޮށް ފަތުރުވެރިން ގެންގުޅޭ ގެސްޓު ހައުސްތަކުގެ ވެރިންގެ ސަމާލުކަމަށް އެކަން ގެނައުމަށް. ނަމަވެސް އެފަދަ މީހުންނަށް ހިދުމަތް ހޯދުމަށް މަރުކަޒަށް އައުން އަޅުގަނޑުމެން މަނަލެއް ނުކުރަން. ހިދުމަތް ނުދޭނީ ކީވެސް ނޫން. އަޅުގަނޑުމެންގެ އެދުމެއް އެއީ މުޖްތަމައުގެ އަހްލާގީ މިންގަނޑަށް ފެތޭ ގޮތަށް ހެދުން އަޅައިގެން އާއްމުން ހިދުމަތް ހޯދާ ތަންތަނުން ހިދުމަތް ހޯދަމުން ދިއުމަކީ" ސައީދު ވިދާޅުވިއެވެ.

އާބާދީގައި ޖުމްލަ 1200އާ ގާތްކުރާ އުކުޅަހުގެ 100 އިންސައްތައަކީ އިސްލާމީ މިންގަނޑުން ހެދުން އަޅާ، ބުރުގާ އަޅައިގެން އުޅޭ ރަށެކެވެ. ގާތްގަނޑަކަށް 35 ވަރަކަށް ގެސްޓުހައުސް ހުންނަ މި ރަށަށް ގިނަ އަދަދެއްގެ ފަތުރުވެރިން އައިސް ގޮސްވެ އުޅޭއިރު، ބައެއް ސިއްހީ މައްސަލަތަކުގައި މަރުކަޒުން އެ ފަތުރުވެރިން ހިދުމަތް ހޯދާ އުޅެއެވެ. އެފަދަ ބައެއް ފަތުރުވެރިން ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އުޅުމަކީ މަރުކަޒަށް ހިދުމަތް ހޯދަން ދާ އެހެން އާއްމުންގެ މެދުގައި ބޮޑު ކަންބޮޑުވުން އޮތް ކަމެކެވެ. 

ގެސްޓްހައުސް ވިޔަފާރި ހިންގާ ބައެއް ރަށްރަށުގައި ފަތުރުވެރިންނަށް ހާއްސަ ބީޗު ސަރަހައްދުތައް ހުންނައިރުވެސް، އެ ސަރަހައްދުތަކުން ބޭރަށް ނިވާކަން ކުޑަ ހެދުމުގައި ފަތުރުވެރިން ނުކުންނާތި އެކަމާ ބައެއް ރަށްރަށުގެ ރައްޔިތުން ހިތްހަމަނުޖެހުން ފާޅު ކުރެ އެވެ. ފަތުރުވެރިން މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އުޅޭ އިރު ފޭރާން އަޅަން ޖެހޭ މިންގަނޑު ގަވާއިދުގައި ބަޔާންކޮށްފައި އޮންނައިރު، މި މިންގަނޑުތައް ދަށްވެގެން 2019 ވަނަ އަހަރު ވެސް އާއްމުންގެ ޝަކުވާތައް ބޮޑުވިއެވެ. 

އަދި އއ. ތޮއްޑޫގައިވެސްް ފަތުރުވެރިން ރަށުތެރޭ އުޅޭއިރު ނިވާކަން ކުޑަ ހެދުން އެޅުން އިތުރުވާތީ އެކަން ހުއްޓުވަން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ކައުންސިލުގެ ފަރާތުން ރަށުގެ އެކި ތަންތަނުގަ އާއި، ގެސްޓު ހައުސްތަކުގައިވެސް ނޯޓިސް ހަރުކުރި އެވެ.  

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް