ads
ޑިފެންސް މިނިސްޓަ މާރިޔާ އަހްމަދު ދީދީ
ހަތިޔާރާއެކު ހަރަކާތްތެރިވާ ބޭރުގެ ސިފައިންނެއް ރާއްޖޭގައި ނެތް: އެމްއެންޑީއެފް
ހަތިޔާރާއެކު ހަރަކާތްތެރިވަމުންދާ ރާއްޖެއިންބޭރުގެ ސިފައިންނެއް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ނެތްކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އދ.މަހިބަދޫގައި 2022 މާރިޗު 11 ވަނަ ދުވަހުގެރޭ "އިންޑިއާ އައުޓް" ނަމުގައި ކުރިއަށްގެންދިޔަ ޙަރަކާތުގައި އުތުރު ތިލަފަޅުގައި ތަރައްޤީކުރެވޭ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑް ގުޅޭގޮތުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ފިތުނަ އުފެދޭގޮތަށް ޙަޤީޤަތާ ޚިލާފް ގިނަ ވާހަކަތަކެއް ދައްކާފައިވާ ކަމަށް ބުނެ އެމްއެންޑީއެފްއިން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ.

"ހަތިޔާރާއެކު ޙަރަކާތްތެރިވާ ބޭރުގެ ސިފައިންގެ އެއްވެސް ބަޔަކު ދިވެހިރާއްޖޭގެ އެއްވެސް ތަނެއްގައި ނެތްކަމުގައި ދަންނަވަމެވެ. އަދި، އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑުގައިވެސް ހަތިޔާރާއެކު ބޭރުގެ އެއްވެސް ބަޔަކު ޙަރަކާތްތެރި ނުވާނޭކަމުގައިވެސް މިފުރުޞަތުގައި ދަންނަވަމެވެ." އެމްއެންޑީއެފްގެ ނޫސްބަޔާނުގައި ވެއެވެ. 

އެ މިނިސްޓްރީން ބުނީ އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ކޯސްޓްގާޑް ބަނދަރާއި ޑޮކްޔާޑަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ބޭނުންތަކަށް ޢަމާޒުކޮށް، ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުން ބޭނުންވާގޮތަށް ފަރުމާކޮށް، ދިވެހި ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް ތަރައްޤީކުރާ ދިވެހި ދައުލަތުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮތް އަދި، ދިވެހި ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބަނދަރެއް ކަމަށެވެ. އެހެންކަމުން، އެތަނަކީ ބޭރު ޤައުމެއްގެ މިލިޓަރީ ބޭސްއެއް ނުވަތަ މަރުކަޒެއްކަމުގައި ސިފަކޮށް ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއްކަމުގައި އެމިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
"އެހެން ގައުމުތަކުގެ އަސްކަރީ އުޅަނދުތައް ދިވެހިރާއްޖޭގެ ސަރަޙައްދަށް ވަނުމުގެ ކުރިން ހޯދަންޖެހޭ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ދިނުމަކީ ދިވެހި ދައުލަތުގެ އަބަދުމެ ދެމިއޮންނާނެ ސިޔާދަތީ ހައްގެއް ނުވަތަ ސޮވެރިން ރައިޓެއްކަމުގައި ދަންނަވަމެވެ. އެހެންކަމުން، ބޭރު ގައުމެއްގެ އަސްކަރީ އުޅަނދުތައް ދިވެހިރާއްޖެއަށް އައުމުގައި ދިވެހި ދައުލަތުގެ ޑިޕްލޮމެޓިކް ކްލިއަރެންސް ނުވަތަ ހުއްދަ ނަގަން ނުޖެހޭނެ ކަމަށާއި އަދި މި ބަނދަރަށް ވަންނަން ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގެ ހުއްދައެއް ހޯދަން ނުޖެހޭނެކަމަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ޙަޤީޤަތް އޮޅޭ ގޮތަށް ދައްކާފައިވާ ދޮގު
ކަންވެސް ފާހަގަކުރަމެވެ." ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް