ads
ކޮމިޝަންގައި ކުރިން ތިއްބެވި މެންބަރުން. ފޮޓޯ: އޭސީސީ
5 އަހަރު ތެރޭގައި އެންމެ ގިނަ މައްސަލަ ޕީޖީއަށް ފޮނުވީ މިދިޔަ އަހަރު: އޭސީސީ
މިދިޔަ ފަސް އަހަރު ތެރޭގައި ދައުވާކޮށް ދިނުމަށް އެދި އެންމެ ގިނަ މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުނީ މިދިޔަ އަހަރު ކަމަށާއި އެއީ ލިބިފައިވާ ވަސީލަތްތަކާއި އަޅާކިޔާއިރު ބޮޑު ކާމިޔާބެއްކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފި އެވެ.

އޭސީސީން މިއަދު އާންމުކުރި އެ  ކޮމިޝަނުގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވަނީ, ތަހްގީގުތައް ކުރިއަށްގެންދާ ގޮތްތަކަށް މިދިޔަ އަހަރުތެރޭގައި މުހިންމު ބަދަލުތަކެއް ގެނެސް, ދައުވާ ކުރެވިދާނެކަމަށް ބެލެވޭ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއްދީ, ފާއިތުވި ފަސް އަހަރުގެތެރޭގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް އެންމެ ގިނަ  މައްސަލަތައް ފޮނުވީ މިިދިޔަ އަހަރު ކަމަށެވެ.

މިދިޔަ އަހަރުގައި އޭސީސީއަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު 782 މައްސަލައެއް ރަޖިސްޓްރީކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅުގައި ފަސް އަތޮޅެއްގެ 48 ރަށަކަށް ދަތުރުކޮށް ތަހްގީގު ހިންގާފައިވާކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މިދިޔަ އަހަރުތެރޭގައި އޭސީސީން 588 މައްސަލަ ނިންމާފައިވާއިރު, ކޮރަޕްޝަންގެ އަމަލު ހިމެނޭ 22 މައްސަލައެއް ޝަރީއަތަށް ހުށަހެޅުމަށް ޕީޖީއަށް ފޮނުވާފައިވެ އެވެ. އެއީ ވޭތުވެދިޔަ ފަސް އަހަރަށް ބަލާއިރު އެންމެ ގިނަ އަދަދެއްގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް ޕީޖީއަށް ފޮނުވުނު އަހަރުކަމަށް އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

''މިއީ ކޮމިޝަނަށް ލިބިފައިވާ ވަސީލަތްތަކާ އަޅާކިޔާއިރު ފާހަގަކޮށްލެވޭ ކާމިޔާބީއެއް.'' އޭސީސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން ވޭތުވެދިޔަ އަހަރުތެރޭ ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގައި ދައުލަތަށް އަނބުރާ ހޯދަންޖެހޭ 2,182,565.78 ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ވަނީ އަންގާފައެވެ.

އޭސީސީގައި އެންމެ ފަހުން ތިއްބެވީ  މަރްޔަމް ޝިއުނާ (ރައީސް) އާއި, ފާތުމަތު އަނޫލާ (ނައިބު ރައީސް) އާއި, ކޮމިޝަނުގެ މެންބަރު އާއިޝަތު އަބްދުﷲ އާއި, އަލީ އަޝްރަފް އިބްރާހިމް ޝަކީލެވެ. 

އެ ހުރިހައި ބޭފުޅުން ވެސް ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. މިދިޔަ ޑިސެމްބަރުމަހުގެ 02 ވަނަ ދުވަހުގައި އަޝްރަފް އިސްތިއުފާ ދެއްވިއިރު, ޝަކީލް އިސްތިއުފާދެއްވީ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހުގައެވެ. ޝިއުނާއާއި, އަނޫލާއާއި, އާއިޝަތު އިސްތިއުފާދެއްވީ ޑިސެމްބަރު 27 ވަނަ ދުވަހުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް