ads
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވުމަށް މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގަންނަވާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވަނީ -- ފޮޓޯ: މަޖިލިސް
ދައުލަތް ހިންގަން ލިބުނު އެންމެ މުހިއްމު ބައިވެރިޔަކީ މަޖިލިސް: ރައީސް
ދައުލަތް ހިންގުމުގައި ސަރުކާރަށް ލިބުނު އެންމެ މުހިއްމު ބައިވެރިޔަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ދައުލަތް ހިންގުމުގައި ސަރުކާރަށް ލިބުނު އެންމެ މުހިއްމު ބައިވެރިޔަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުއްވައިދެއްވުމުގެ ގޮތުން މިއަދު އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވިދާޅުވީ މިއަދު ދިވެހި ރައްޔިތުންނަށް ކުރެވޭނެ އެންމެ އުފާވެރި އިހްސާސަކީ ހަމަޖެހުމާއި ސުލްހަވެރިކަން އަޅުގަނޑުމެންގެ ތެރެއަށް އަލުން އަނބުރާ އަންނަން ފެށުމުގެ އިހްސާސް ކަމަށެވެ. ނިމިގެން ދިޔަ އަހަރަކީ އަޅުގަނޑުމެން އެކުގައި ފެށި ޑިމޮކްރަސީގެ ދަތުރުގައި ކާމިޔާބު އަހަރެއް ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ސަރުކާރާއި އެމަނިކުފާނަށް އެކަމުގައި އެންމެ މުހިއްމު ބައިވެރިއަކަށްވީ މަޖިލިސް ކަމަށެވެ.

"ރައްޔިތުން ދެއްކި މިސްރާބަށް ދައުލަތް ހިންގުމުގެ ނިޒާމު ސީދާކުރުމުގައި ސަރުކާރަށާއި އަޅުގަނޑަށް ލިބުނު އެންމެ މުހިއްމު ބައިވެރިޔަކީ މި އިއްޒަތްތެރި މަޖިލިސްކަން އަޅުގަނޑު އުފަލާއެކު ފާހަގަކުރަން. ހެޔޮ ވެރިކަމަކަށް މަގު ކޮށުމަށްޓަކައި ދުސްތޫރީ އަދި ގާނޫނީ އޮނިގަނޑަށް ގެންނަންޖެހުނު ބަދަލުތައް މި މަޖިލީހުގެ ތެރެއިން ގެނެވުމަކީ އަޅުގަނޑުމެން މިއަދު މި ދެކޭ އިޖުތިމާއީ ސުލްހަވެރިކަމުގެ ހަގީގީ ސިއްރު،" އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސް ސޯލިހް ވިދާޅުވީ މިދިޔަ އަހަރު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް 49 ބިލެއް ފޮނުވުމުން 19 ވަނަ ރައްޔިތުންގެ މަޖިލީހުން 27 ބިލެއް ފާސްކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން ރައީސް ވަނީ އެކަން ފާހަގަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށާއި، މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އަށް އަދި މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. 

ރައީސް ވިދާޅުވީ މި އަހަރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ވެސް 56 ބިލެއް މަޖިލީހަށް ފޮނުވުމަށް ސަރުކާރުން ގަސްދުކުރާ ކަމަށެވެ. އެއީ މިހާރު އަމަލުކުރަމުން ގެންދާ ބައެއް ގާނޫނުތައް އިސްލާހުކުރުމަށް ހުށަހަޅާ 32 ބިލަކާއި، މުޅިން އަލަށް އުފައްދާ ގާނޫނުތަކާ ބެހޭ 24 ބިލެއް ކަމަށްވެސް ވިދާޅުވި އެވެ. 

"އެ ބިލުތައް ފާސްކުރުމުގައިވެސް މިއިއްޒަތްތެރި މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން އަޅުގަނޑަށް ޔަގީން،" ރައީސް ވިދާޅުވި އެވެ. 

އެމަނިކުފާނު ވިދާޅުވީ މި ސަރުކާރަށް މިވީ އަހަރެއްހާ ދުވަހާއި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިވީ އަށެއްކަ މަސް ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ފެނިގެން މިދިޔައީ ދައުލަތުގެ ތިން ބާރު މިނިވަންކަމާއެކު މަސައްކަތްކޮށް، އެއް ބާރުން އަނެއް ބާރަށް އެހީތެރިވެ، ފާރަވެރިވުމާއި ޒިންމާދާރުކުރުވުމުގެ ވަރަށް ރީތި މިސާލެއް ކަމަށެވެ. 

ޑިމޮކްރަސީގެ މި އުސޫލުތައް ނެގެހެއްޓުމުން އެކަމުގެ ހުރިހާ ލާބަޔަކާއި މަންފާއެއް ލިބޭނީ އާންމު ރައްޔިތުންނަށް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. ދައުލަތުގެ ކޮންމެ ބާރެއްވެސް ދުސްތޫރީ އިމުގެ ތެރޭގައި އެބައެއްގެ މަސައްކަތަށް އެބަޔަކު ސަމާލުކަން ދޭނަމަ ރައްޔިތުންނަށް ލިބޭ ލާބަޔާއި މަންފާ މިހާރަށް ވުރެ އަދި މާ އިތުރުވާނެ ކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް