ads
މަހްލޫފް
ސްޕޯޓްސް އެވޯޑް ބޭއްވިއިރު، ޕްރޮކިއުމެންޓް ޕްލޭން ފިނޭންސަށް ހުށަނާޅާ
ތިރީހަކަށް މިލިއަން ރުފިޔާ ޚަރަދު ކުރިކަމަށް ބެލެވޭ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް މިދިޔަ ހަފްތާގައި ބޭއްވިއިރު، ކުޅިވަރު މިނިސްޓްރީގެ ޕްރޮކިއުމެންޓް ޕްލޭންތައް ފިނޭންސް މިނިސްޓްރީއަށް ހުށަނާޅާކަން ފިނޭންސްގެ ލިޔެކިޔުންތަކުން ދައްކައިފިއެވެ.

ރާއްޖޭން ބޭރުންވެސް އެތައް ބަޔަކު ގެނެސްގެން މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނަމުގައި މިނިސްޓަރު މަހްލޫފު އިސްވެ ހުންނަވައި، އެވޯޑު ހަފްލާއެއް ބޭއްވީ މިދިޔަ ހަފްތާގައެވެ. މި އެވޯޑަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކުރެވިފައިވާކަން ފާހަގަ ކުރެވިފައިވާއިރު، ފިނޭންސް މިނިސްޓްރީއަށް ކުޅިވަރު މިނިސްޓްރީގެ ޕްރޮކިއުމެންޓް ޕްލޭން ހުށަނާޅާކަން އެނގުނީ ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ދައުލަތުގެ އިދާރާތަކުގެ ޕްރޮކިއުމެންޓް ޕްލޭންތަކުގެ ލިސްޓުގައި ކުޅިވަރު މިނިސްޓްރީގެ ޕްލޭންތައް ނެތުމުންނެވެ.

ފިނޭންސުން ބުނީ އެ އިދާރާއަށް ފޮނުވާފައިވާ ހުރިހާ ޕްރޮކިއުމެންޓް ޕްލޭނެއް އާއްމުކޮށްފައިވާނެ ކަމަށެވެ. ފިނޭންސުން މިދިޔަ ޖަނަރަވީ މަހުވަނީ ޖަނަވަރީ މަހުގެ ނިޔަލަށް މިއަހަރުގެ ޕްރޮކިއުމެންޓް ޕްލޭންތައް އެ މިނިސްޓްރީއަށް ފޮނުވުމަށް އަންގާފައެވެ. މި ޕްލޭންތަކުގައި ހިމެނެނީ ޕްރޮކިއަރކުރާ ޚިދުމަތްތަކާއި އަދި މުދަލުގެ ތަފްސީލެވެ. ޖަނަވަރީ މަހުގެ ނިޔަލަށް ފޮނުވަން އަންގާފައިވާ ޕްލޭންތައް ކުޅިވަރު މިނިސްޓްރީން މިއަދާ ހިސާބަށްވެސް ފޮނުވާފައެއް ނުވެއެވެ.

މާލިއްޔަތު ޤަވާޢިދުގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހާމަކުރުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އިން ނެރުއްވާފައިވާ ސަރކިއުލަރގައިވާ ގޮތަށް ކުޅިވަރު މިނިސްޓްރީން އެ މިނިސްޓްރީގެ ޚަރަދުތައްވެސް އާއްމެއް ނުކުރެއެވެ. އެހެންކަމުން، ސްޕޯޓްސް އެވޯޑަށް ޚަރަދުކޮށްފައިވަނީ ކިހާވަރެއް ކަމެއް އަދި ސާފުވެފައި ނުވެއެވެ. އެހެންނަމަވެސް މީޑިއާ ރިޕޯޓްތަކުގައި ސްޕޯޓްސް އެވޯޑަށް ތިރީހަކަށް މިލިއަން ޚަރަދުވާނެ ކަމަށް ރިޕޯޓް ކުރުމުން މިނިސްޓަރު މަހްލޫފުވަނީ އެ ކަމަށް ރައްދު ދެއްވާފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުޑަ ޚަރަދަކުން ބޭއްވި އެންމެ ބޮޑު އިވެންޓު.ކުޅިވަރުގެވެސް އެންމެ ބޮޑު،ރާއްޖެ އިޝްތިހާރު ވެގެންދިއުމުގައިވެސް އެންމެބޮޑު އިވެންޓު. ތިރީސް މިލިއަން ރުފިޔާ އަށް އަޅުގަނޑުމެން މީގެ 6 އިވެންޓު ބާއްވާނަން.

ކުޅިވަރު އެވޯޑް ބޭއްވިއިރު ފިނޭންސަށް ޕްރޮކިމެންޓް ޕްލޭން ހުށަނާޅާކަން ފާހަގަ ކުރެވިފައިވާއިރު، މި ހަފްލާގެ ދޯދިޔާކަމާއި އަދި އެވޯޑްތައް ދިނުމުގައި އިންސާފުވެރިކަމެއް ނެތް ކަމަށް އެތައް ބަޔަކު އަންނަނީ ބުނަމުންނެވެ. މީގެ އިތުރުން ކުޅިވަރުގެ މުހިއްމު އެތައް ބަޔަކަށް މި އެވޯޑަށް ދައުވަތު ނުދޭ މައްސަލަވެސްވަނީ ފެންމަތިވެފައެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް