ads
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ފިތުރު ޒަކާތަކީ ކޮބާ؟
ފިތުރު ޒަކާތަކީ، ކޮންމެ މުސްލިމަކު، ތިމާ އާއި، ތިމާ ހަރަދު ކުރަން ޖެހޭ މީހުން، އީދު ވިލޭރެ އާއި، އީދު ދުވަހު ކާނޭ ތަކެތި ހުރެފައި، އިތުރަށް ހުރި އެއްޗަކުން ތިމާ އާއި ތިމާ ހަރަދު ދިނުން ލާޒިމު އެންމެންގެ ފަރާތުން، ތިމާ ދިރިއުޅޭ މުޖުތަމައުގެ ފަގީރުންނަށް ދިނުން، ފަރުޟު ކުރައްވައިފައިވާ އެއްޗެކެވެ.
Advertisement

ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވެފައިވާ ގޮތުގައި، ފިތުރު ޒަކާތް ފަރުޟު ކުރެވުނީ، ހިޖުރައިން ދެ ވަނަ އަހަރު އެވެ. އެއީ، ރަމަޟާން މަހުގެ ރޯދަ ވެސް، ފަރުޟު ކުރެވުނު އަހަރެވެ.

ފިތުރު ޒަކާތަކީ، ކޮންމެ މުސްލިމް ފިރިހެން އަންހެން، ކުދި ބޮޑު އެންމެންގެ މައްޗަށް ވެސް، ފަރުޟު ކުރައްވައިފައިވާ ކަމެކެވެ. މިކަން ބަޔާންކުރައްވާ، ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީސްފުޅު ކުރައްވައިފައިވާ ކަމަށް، (عَبْدُ الله إبْن عُمَر) ރިވާ ކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. 

”ހަމަކަށަވަރުން، ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ، މީސްތަކުންގެ މައްޗަށް ރަމަޟާންމަހު، ފިތުރު ޒަކާތް ފަރުޟު ކުރައްވާފައިވެއެވެ. އެއީ ކަދުރުން ނުވަތަ ގޮދަނުން، ސާއެއްގެ މިންވަރެވެ. މުސްލިމުންކުރެ ކޮންމެ ފިރިހެނަކާއި، އަންހެނެއްގެ މައްޗަށާއި، މިނިވަނުންނާއި، އަޅުންގެ މައްޗަށްވާ ވާޖިބެކެވެ.“

ފިތުރު ޒަކާތް ވާޖިބުވަނީ، ތިން ޝަރުތަކާ ލައިގެންނެވެ. އެއީ:

1. މުސްލިމަކު ކަމުގައިވުން.

ކާފިރުންގެ މައްޗަށް ފިތުރު ޒަކާތް ވާޖިބެއް ނުވާނެ އެވެ. މިކަން އިސްވެދިޔަ (عَبْدُ الله إبْن عُمَر)ގެ ރިވާޔަތުން ރަނގަޅަށް އެނގެއެވެ.

2. ރަމަޟާން މަހުގެ ފަހު ދުވަހުގެ އިރު އޮއްސުން.

ރަމަޟާން މަހުގެ ފަހު ދުވަހުގެ، އިރު އޮއްސުނު ފަހުން، މަރު ވެއްޖެ މީހާގެ މައްޗަށް، ފިތުރު ޒަކާތް ވާޖިބު ވާނެ އެވެ. އޭނާ މަރުވީ، ފިތުރު ޒަކާތް ނެރުމުގެ ކުރިން ކަމުގައި ވިޔަސް އަދި ޒަކާތް ނެރުނު ފަހުން ކަމުގައި ވިޔަސް، ތަފާތެއް ނެތެވެ. ނަމަވެސް، ރަމަޟާން މަހުގެ ފަހު ދުވަހުގެ، އިރު އޮއްސުމުގެ ކުރިން، މަރު ވެއްޖެ މީހާގެ މައްޗަށް، ފިތުރު ޒަކާތް ވާޖިބެއް ނުވާނެއެވެ.

ރަމަޟާން މަހުގެ ފަހު ދުވަހުގެ، އިރު އޮއްސުމުގެ ކުރިން، ދުނިޔެއަށް، އުފަންވާ ކުއްޖާގެ މަތިން، ފިތުރު ޒަކާތް ނެރުން ވާޖިބު ވާނެއެވެ. ނަމަވެސް، އެދުވަހުގެ އިރު އޮއްސޭ ފަހުން، ދުނިޔެއަށް އަންނަ ކުއްޖާގެ މަތިން، ފިތުރު ޒަކާތް ނެރޭކަށް ނުޖެހޭނެ އެވެ.

3. ތިމާއާ ތިމާ ހަރަދު ބެލެހެއްޓުން، ވާޖިބުވެފައިވާ މީހުން، އީދު ދުވަހާއި، އީދު ވިލޭރޭ ކާނެ ތަކެތި ހުރެފައި، އިތުރަށް އެއްޗެއް ހުރުން.

އީދު ދުވަހާއި، އީދު ވިލޭރޭ ކެއުމާއި، އެހެނިހެން ބޭނުން ހަރަދު ތަކަށް ފުދޭ ވަރަށް، އެމީހެއްގެ އަތުގައި ތަނަވަސްކަން ނެތް މީހާގެ މައްޗަށް ފިތުރު ޒަކާތް ވާޖިބެއް ނުވާނެއެވެ.

އިސްވެދިޔަ ތިން ޝަރުތު ހަމަވާ ކޮންމެ މީހަކު، އޭނާގެ އަމިއްލަ ނަފްސުގެ މަތިންނާއި، އަނބި ދަރިންގެ މަތިންނާއި، އަދި އޭނާހެ މައްޗަށް، އެބައެއްގެ ނަފަގާ ލާޒިމުވެފައިވާ އެންމެންގެ މަތިން، ފިތުރު ޒަކާތް ވާޖިބުވާނެއެވެ.

އޭނާގެ ފިރިހެން ދަރިންގެ ތެރެއިން، ބާލިގުވެ އާމްދަނީ ހޯދުމުގެ ކުޅަދާނަކަން ލިބިފައިވާ ދަރީންގެ މަތިން، ފިތުރު ޒަކާތް ދިނުން އޭނާގެ މައްޗަކަށް ވާޖިބެއް ނުވާނެ އެވެ. ހަމައެހެންމެ، އޭނާގެ މައްޗަށް އެބައެއްގެ ހަރަދު ބަރަދު ބެލެހެއްޓުން ވާޖިބުވެފައިނުވާ، ގާތްތިމާގެ މީހުންގެ މަތިން، ފިތުރު ޒަކާތް ނެރުން ވެސް، އޭނާގެ މައްޗަކަށް ވާޖިބެއް ނޫނެވެ.

ފިތުރު ޒަކާތުގެ ބާވަތާއި މިންވަރު

ފިތުރު ޒަކާތުގެ ގޮތުގައި ނެރެން ޖެހެނީ، ރަށުގައި އާއްމުކޮށް، ކައިބޮއެ އުޅޭ ބާވަތަކުން ސާއެއްގެ މިންވަރެވެ. އިސްވެދިޔަ (عَبْد الله إبْن عُمَر) ރިވާ ކުރައްވައިފައިވާ ހަދީސް، މިކަމަށް ދަލީލުކުރެއެވެ. އަދި (أبِيْ سَعِيْد الْخُدرِيِّ) ރިވާ ކުރެއްވި ކަމަށް، (الْإمَام الْبُخَارِيِّ), (صَحِيْح الْبُخَارِيّ) ގައި ލިޔުއްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. 

”ތިމަންމެން، ކީރިތި ރަސޫލާގެ ޒަމާނުގައި، ފިތުރު ޒަކާތުގެ ގޮތުގައި ނެރެނީ، ކާއެއްޗެއްގެ ސާއެއްގެ މިންވަރެވެ، އަދި އެދުވަސްވަރު، ތިމަންކަލޭގެފާނުމެންގެ އާއްމު ކެއުމަކަށް ބޭނުންކުރެވެނީ، ގޮދަނާއި، ކަދުރާއި، ހިކި މޭބިސްކަދުރެވެ.“

ފިތުރު ޒަކާތުގެ ގޮތުގައި ދިނުން އެންމެ ރަނގަޅީ، އެ ބަޔަކު އާއްމުކޮށް ކައިއުޅޭ އެއްޗަކުންކަން، އިސްވެދިޔަ ހަދީސްފުޅުން ވަރަށް ރަނގަޅަށް އެނގިއްޖެ އެވެ. ވީމާ، ފިތުރު ޒަކާތުގެ ގޮތުގައި ނެރެން ޖެހޭނީ، އެމީހަކު އާއްމުކޮށް ކާއެއްޗަކުން، ސާއެކެވެ. (صَاع) އަކީ، މިޒަމާނުގެ މިނެކިރުމުގެ ހިސާބުން ބަލާނަމަ، ގާތްގަނޑަކަށް، 2.4 ކިލޯ ގުރާމެވެ.

އަޅުގަނޑުމެންނަށް، ﷲ ދެއްވާފައިވާ ނިއުމަތްތަކަށް ޝުކުރުކުރުމުގެ ގޮތުން، ﷲގެ މަގުގައި، ގިނަގިނައިން ހޭދަކުރަމާތޯއެވެ؟ ﷲގެ މަގުގައި ހޭދަކުރުމުގައި، ދަހިވެތި ނުވަމާތޯއެވެ؟ އެއިރުން، އެކަލާނގެ އަޅުގަނޑުމެންނަށް އިތުރަށް ދެއްވާނެ އެވެ. މުދަލުގައި ބަރަކާތް ލައްވާނެ އެވެ. އަޅުގަނޑުމެންގެ ނަފްސުތައް ތާހިރުވުމަށް މަގު ފަހިވާނެ އެވެ. އަދި ދަހިވެތިކަމުގެ ސުންޕާ ބަލިން، އަޅުގަނޑުމެންނަށް ސަލާމަތް ވެވޭނެ އެވެ.

ސަދަގާތް ކުރުމަކީ، އިޖްތިމާއީ ގުޅުން ވަރުގަދަވެ، މުސްލިމުންގެ މެދުގައި، އުހުއްވަތްތެރިކަމާއި ދީނީ ލޯބި، އުފެދިގެން ދާކަމެކެވެ. މިހެންވެ، ގިނަގިނައިން ސަދަގާތްދީ، ތިމާގެ ތަނަވަސްކަން ހުރި މިންވަރަކުން، އެހެން މީހުންނަށް އެހީތެރިވެ އުޅުމަށް، މާތްﷲ އާއި އެކަލާނގެ ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ، އަޅުގަނޑުމެންނަށް އަމުރު ކުރައްވާފައިވެ އެވެ.

މާތްﷲ، އަޅުގަނޑުމެންނަށް ދެއްވާފައިވާ މުދަލުން، އެކަލާނގެ މަގުގައި ހޭދަކުރުމުގެ ތައުފީގު ދެއްވާށިއެވެ. އާމީން!

50%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް