ads
ރޯދަ
ރޯދަ އަކީ މުޅި ހަޔާތް އުޖާލާ ކޮށްދޭ މާތް އަޅުކަމެކެވެ!
ރަމަޟާން މަހަކީ އެތައް ގޮތަކުން ހެވާއި ދަރުމަ ލިބިގެންވާ ބަރަކާތްތެރި މަހެކެވެ. އެމަހުގައި ކުރާ އަޅުކަންތަކުން ލިބޭ ސަވާބު އެހެން މަސްމަހުގައި ކުރާ އަޅުކަމާއި އަޅާބަލާއިރު އެތައް ގުނައެއް އިތުރުވެފައި ވާކަމަށް، ވަނީ އަންގަވާފައެވެ.

މިއަހަރުގެ ރަމަޟާން މަސް ދިވެހިންނާއި ބައްދަލުކުރީ، ވޭތުވެދިޔަ ދެ އަހަރުގެ ރަމަޟާން މަހު ގޭބަންދެއްގައި ތިބެ މިނިވަން ޖައްވަކަށް ނޭވާލާން ފެށިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އެއާއި އެކު ދިވެހިން ކުރިން އުޅެމުން ދިޔަ ގޮއްތައްވެސް މި ރަމަޟާން މަހާއި ދިމާކޮށް ކޮންމެވެސް ވަރަކަށް މިވަނީ ބަދަލުވެގެން ގޮސްފައެވެ. 

ރަމަޟާން މަސް ފެށި، އެ މަހުގެ އުފަލުގައި އުޅެމުންދާއިރު ވިސްނާލަން ޖެހޭ އެތައް ކަންކަމެއް އެބަހުއްޓެވެ. އެއީ ހަމަ ޔަގީނުންވެސް މި މައްސަރަކީ އަޅުކަމުގެ މަސްވަރެއް ކަމުން ނޭނގި ނަމަވެސް ތިމާއަށް ކުރެވޭ ކުޑަކުޑަ ކަމަކުން ތިމާއަށް ލިބެން އޮތް ހެޔޮ ދަރުމަ ނުލިބުމުގެ ފުރުސަތު ވެސް އޮތީމައެވެ. 

ރޯދައިގެ ސަބަބުން ތަހައްމަލުކުރަންޖެހޭ އުނދަގޫތަކުން ސަލާމަތްވުމަށްޓަކައި މުޅި ދުވަހު ނިދާފައި އޮތުމަކީ ވަރަށް މޮޅު އަދި ފަސޭހަ ގޮތެއްކަމުގައި ފެނިދާނެ އެވެ. ނަމަވެސް މިއާ ހިލާފަށް މުސްލިމުން މިވަގުތުތަކުގައި އެހެން މަސްތަކަށްވުރެ ބުރަކޮށް މަސައްކަތްކޮށް އުޅެއެވެ. އޭނާގެ އިހްލާސްތެރިކަން ދެއްކުމަށްޓަކައި ގަދައަޅާ މަސައްކަތްކޮށް ކިތަންމެ ވަރުބަލިވެފައިވިއަސް ޝަކުވާގެ އެންމެ ބަހެއް ވެސް އޭނާ ބޭރެއް ނުކުރާނެ އެވެ. 

މީގެ 49 އަހަރު ކުރިން، 1973 ގައި ސައިނާ ޕެނިންސިއުލާ އަނބުރާ ފަތަހަ ކުރުމަށް މިސްރުގެ ލަޝްކަރުން އިޒްރާއީލަށް ކުއްލި ހަމަލާއެއްދިނީ ވެސް ރަމަޟާން މަހުގަ އެވެ. އަދިކިއެއްތަ، މި ހަމަލާ ދެވުނު ވަގުތަކީ އިރުގެ ހޫނުކަން އެންމެ ގަދަވެފައި އޮތްވަގުތެވެ. އަދި މިސްރުގެ ސިފައިން ތިބީ ފަތިހުއްސުރެ ކެއުމާއި ބުއިމުން ދުރުވެ ރޯދައިގެ މަތީގަ އެވެ. މި ހަމަލާގެ ސަބަބުން އިޒްރާއީލްގެ އެންމެނަށް ލިބިގެންދިއައީ ކުއްލި ސިހުމެކެވެ. އެމީހުންނާއި އިދިކޮޅަށް ހަމަލާދޭނެ ލަޝްކަރުގެ އެންމެން ރޯދަ ހިފައިގެން ތިބެ ހަމަލާއެއް ދީފާނެކަމަކަށް އެމީހުން ހިއެއްނުކުރެ އެވެ. މިއީ ރަމަޟާން މަހުގެ ރޯދަ ހިފުމާ މެދު މުސްލިމުންގެ އީމާންތެރިކަން ހުރި މިންވަރު ދައްކައިދޭ މިސާލެކެވެ. ރަމަޟާން މަހުގެ ރޯދައަކީ މުޅި ނަފްސުން ހިފޭ، ހަމައެކަނި މާތްﷲ އަށްޓަކައި ހާއްސަކުރެވިގެން ކުރެވޭ އަޅުކަމެކެވެ.

ރޯދައިގެ ތާރީހާއި އިސްލާމީ ކަލަންޑަރު

ތާރީހުގެ ތެރޭގައި އެންމެ ފުރަތަމަ ރޯދަ ހިފަން ފެށީ މުސްލިމުންނެއް ނޫނެވެ. އެހެނިހެން ދީންތަކުގައިވެސް އެކި ސިފަސިފައިގައި ރޯދައަށް ހުރުމާއި މަސް ކެއުން ފަދަ ކަންކަމުން ދުރުހެލިވެގެން ތިބުން އެ މީހުންގެ އަޅުކަންތަކުގެ ތެރޭގައި ހިމެނިފައިވެ އެވެ. 

ކީރިތި ގުރުއާނުގައި މާތްﷲ ވަހީކުރައްވަވާފައިވާ އާޔަތުން މިކަން ދޭހަވެ އެވެ. " ތިޔަބައިމީހުންގެ ކުރިން އައި މީސްތަކުންގެ މައްޗަށް ފަރުޟު ކުރެއްވުނު ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ." 

ރަސްގެފާނު ދާއޫދު އަލައިހިއްސަލާމް ކޮންމެ ހަފްތާއަކު ރޯދައަށް ހުންނެވިކަމުގައި ބުނެވެއެވެ. ނަމަވެސް އެ ރޯދަ ހިއްޕެވީ ސީދާ ކޮން ގޮތަކަށް ކަމެއް އެނގޭކަށް ނެތެވެ. އިބްރާހީމްގެފާނާއި، އަހަރެމެންގެ ލޮބުވެތި ރަސޫލާ صلى الله عليه وسلم އެކަލޭގެފާނަށް ކީރިތި ގުރުއާން ބާއްވަވާލެއްވުމުގެ ކުރިން ވެސް ރޯދައަށް ހުންނެވި އެވެ. ވީމާ އިންސާނުންނަށް އެބައިމީހުންގެ ވިސްނުން ހަރުދަނާކޮށް ހެޔޮކަންތައްތައް ކުރުމަށް މަގުފަހިކޮށްދޭ ސަބަބެއް ރޯދަ ހިފުމުން ހާސިލްވާކަން ކަށަވަރެވެ. 

އެހެނީ ރޯދައަކީ ތަގުވާވެރިކަން އިތުރުކޮށްދޭ އަޅުކަމެކެވެ. މުސްލިމަކު ރޯދައަށް ހުރުމުން އޭނާ ކުރާ ހުރިހާ އަމަލަކީ ހަމައެކަނި ﷲއަށްޓަކައި ހާލިސްކޮށްގެން ކުރެވޭ އަޅުކަންތަކެއްކަން އޭނާއަށް ހަނދުމަވުމުން އޭނާއަށް އެދުވަސް ހިތްހަމަޖެހުމާއި ފަސޭހަކަންމަތީ ހޭދަކުރެވެއެވެ. އެހެނިހެން ދީންތަކުގައި ރޯދަތަކާއި މުސްލިމުންގެ ރަމަޟާން މަހުގެ ރޯދައިގެ ތަފާތަކީ ކުރިން ވެސް ދަންނަވާލެވުނު ފަދައިން މުސްލިމުން ހިފާ ރޯދައަކީ މުޅި ނަފްސާއި ހަށިގަނޑުން ކުރެވޭ އަޅުކަމެއް ކަމެވެ. 

އެމަހަކީ މުޅި އަހަރުގެ ތެރޭގައިވެސް އިންތިޒާރުކުރެވޭ، އުފަލާއެކު ބައްދަލުކުރެވިގެން އަންނަ މައްސަރެކެވެ. އަދި އެ މަހުގެ އަޅުކަންތައްތައް ފުރިހަމަ ކުރެވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ މައްސަރެކެވެ. މުސްލިމް މީހާ އޭނާއަށް ކުރެވުނު ހެޔޮއަމަލުތަކާ މެދު ސަމާލުވެހުރެ އެވެ. އެހެނީ އޭގެން ކޮންމެ ކަމަކީވެސް އޭނާ މާތް ﷲ އަށްޓަކައި ކުރި އަޅުކަމެކެވެ.

މީހުން ހިތަށް އަރާފާނެއެވެ. ރޯދައަށް ހުރުމުން ކުރެވޭނީ ކޮން ކަހަލަ އިހުސާސްތަކެއް ބާވައެވެ. އެއް މަސް ވާންދެން ދުވާލުގެ ގަޑީގައި ނުކައި ނުބޮއި ބަޔަކު އެމީހުންގެ ދިރިއުޅުން އުޅޭނީ ކިހިނެއްބާވަ އެވެ. ރަސޫލާ صلى الله عليه وسلم އަޅުގަނޑުމެންނަށް ދެއްވާފައިވާ ނަސޭހަތަކީ ފަޖުރުގެ އަލިކަން ފާޅުވުމުގެ ކުރިން ލުއި ކެއުމެއް ކެއުމަށެވެ. މިހެންވުމުން، މުސްލިމުން އުޅޭ ގެތަކުގައި ދަންވަރުގެ ވަގުތުގައި މުޅި އާއިލާ އެއްކޮށް ހޭލާ އެންމެން އެއްމޭޒެއްގެ ދޮށުގައި މި ކެއުމަށް އިށީނދެ އެވެ. މި ކަމާ ގުޅޭ ގޮތުން މިސްރުގެ ކައިރޯގައި ޒަމާނުއްސުރެ ކުރެވެމުން އަންނަ ކަމެއް އޮވެއެވެ. މެސާހަރާޓީ އޭ ކިޔޭ މީހެއްގެ ވަޒީފާއަކީ މި ދަންވަރުގެ ވަގުތުގައި މަގުމަތީގައި މުއުމިނުންނަށް އެމީހުންގެ ހާރު ކެއުމަށް ހަނދުމަކޮށްދިނުމަށް ގޮވަމުން ހިނގުމެވެ. 

ދުނިޔޭގެ ހަގީގަތާއި ކުރިމަތިލާ ބަލާއިރު އަހަރުމެންގެ ތެރެއިން ކޮންމެ މީހަކީ މަޝްހޫރުވާނެ މީހެއްނޫނެވެ. އަހަރުމެންގެ ތެރެއިން ކޮންމެ ކޮންމެ މީހަކަށް އާދަޔާ ހިލާފް ކަންކަމާއި ކުރިމަތިލާކަށް ނުޖެހޭނެ އެވެ. އެންމެ ފުރަތަމަ ފަރުބަދައަކަށް އެރި މީހަކަށް ނުވަތަ އެންމެނަށްވުރެ ބާރަށް ދުވެވޭ އެތުލީޓަކަށް ނުވެވޭނެއެވެ. ބޮޑެތި ހަޒާނާތަކާއި މުއްސަނދިކަމެއް ނުވަތަ ފާހަގަ ކޮށްލެވޭ އިނާމެއް ނުލިބޭނެ އެވެ. ނަމަވެސް ކޮންމެ މީހަކަށް ވެސް ގޮވާލެވިގެންވަނީ އޭނާއަށް ކުޅަދާނަވީ މިންވަރަކުން އެންމެ ފުރިހަމައަށް އޭނާގެ ހަޔާތް ވޭތުކުރުމަށެވެ. އެމެރިކާގެ ކަނޑުގެ ސިފައިން ރެކްރޫޓް ކުރުމަށް އިއުލާންކުރާ ޕޯސްޓަރެއްގައި ލިޔެފައި އޮތެވެ. "ކަލެއަށް ވެވޭ އެންމެ ފުރިހަމައެއް ކަލޭ ވާށެވެ." އިސްލާމްދީން އަހަރުމެންގެ ތެރެއިން ކޮންމެ މުސްލިމަކަށް ގޮވާލަނީ ވެވޭ އެންމެ ފުރިހަމަ އިންސާނުންނަށް ވުމަށެވެ. މިކަމަށް އޮތް އެންމެ ފުރިހަމަ ފުރުސަތަކީ ރަމަޟާން މަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް