ads
ޗައިނާގެ ހޫނާން ޕްރޮވިންސުގައި ރޭލްވޭ ސްޓޭޝަނެއް ޑިސްއިންފެކްޓް ކުރަނީ-- ފޮޓޯ: ރޮއިޓާޒް
ކޮރޯނާ ވައިރަހަށް ކިޔާނެ ނަމެއް ނިންމައިފި، ވަރަށް އަވަހަށް އިއުލާން ކުރާނެ
ޗައިނާއިން ފެތުރެން ފެށި އާ ކޮރޯނާ ވައިރަސް މިހާރު އެތައް ހާސް ބަޔަކަށް ޖެހިފައި ވާއިރު، އަދިވެސް އެ ވައިރަހަށް ކިޔާނެ ނަމެއް ކަނޑައެޅިފައެއް ނުވެ އެވެ. ނަމަވެސް ރިޕޯޓުތައް ބުނާ ގޮތުން ވަރަށް އަވަހަށް ނަމަކާ މެދު ގޮތެއް ނިންމާނެ އެވެ.

ކޮރޯނާ ވައިރަސް އެއަށް ކިޔަމުން ދަނީ ނިސްބަވްތާ ވައިރަހުގެ ގްރޫޕުގެ ސަބަބުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދިން ވަގުތީ ނަމަކީ 2019-އެންކޮވް އެވެ. އެއީ ވައިރަސް ފެނުނު އަހަރާއި، ނިސްބަތްވާ ގްރޫޕާއި، އާ ވައިރަހެއްކަން އެންގުމަށް "ނޮވެލް" ނުވަތަ "ނިއު" ފެށޭ އިނގިރޭސި ބަހުގެ "އެން" އަކުރެވެ. 

ވައިރަހަށް ނަން ކިޔުމުގެ މަސައްކަތް ކުރާ ސައިންޓިސްޓުންގެ ގްރޫޕަކުން ބުނީ ނަމެއް ނިންމަން ގިނަ ދުވަސް ވަނީ އާއްމު ސިއްހަތަށް ބޮޑަށް ފޯކަސް ކުރާތީ ކަމަށެވެ. ނަމަވެސް ރަސްމީ ނަމެއް ނެތުމުގެ ސަބަބުން ވައިރަހަށް "ވޫހާން" ނުވަތަ "ޗައިނާ" ވައިރަސް ފަދަ ނަންތައް ކިޔަން ފެށި އެވެ. އެއާއެކު ޗައިނާ މީހުންނާ މެދު ދެކޭ ގޮތް ކޮންމެވެސް ވަރަކަށް ބަދަލުވެފައިވާ ކަމަށް ސައިންޓިސްޓުން ބުނެ އެވެ. 

އެހެންކަމުން ވައިރަހަށް ރަސްމީ ނަމެއް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން ދަނީ އިންޓަނޭޝަނަލް ކޮމިޓީ އޮން ޓެކްސޮނޮމީ އޮފް ވައިރަސަސް (އައިސީޓީވީ) އިންނެވެ. އެތަނުގައި ސައިންޓިސްޓުންގެ ޓީމުން ނަން ކަނޑައަޅާއިރު ވިސްނަން ޖެހޭ ބައިވަރު ކަންކަން އެބަ ހުއްޓެވެ. 

މިސާލަކަށް 2009 ވަނަ އަހަރު އެޗް1އެން1 ވައިރަސް ފެނުނުއިރު، އެއަށް "ސްވައިން ފްލޫ" ގެ ނަން ދިނުމުން މިސްރުގައި ހުރިހާ އޫރެއް ކަތިލިކަމަށް ވެއެވެ. އެކަމަކު ހަގީގަތުގައި އެ ވައިރަހަކީ އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް އަރާ އެއްޗެކެވެ. 

އެފަދަ ކަންކަމުން ދުރުވުމަށް ޑަބްލިއުއެޗްއޯ އިން ވަނީ ވައިރަހަށް ނަން ކިޔުމުގެ ގައިޑްލައިނެއް ނެރިފަ އެވެ. އޭގައި ވަނީ ނަމެއްގައި ހިމެނުން މަނާ ކަންކަމެވެ. އެއީ:

  • ޖިއޮގްރަފީ
  • މީހުންގެ ނަން
  • ޖަނަވާރެއް ނުވަތަ ކާބޯއެއްޗެއްގެ ނަން
  • ވަކި ސަގާފަތަކަށް ނުވަތަ އިންޑަސްޓްރީއަކަށް ނިސްބަތްވާ ނަން

އައިސީޓީވީގައި މަސައްކަތް ކުރަމުންދާ ސައިންޓިސްޓުންގެ ޓީމުން މިހާރު ވަނީ މި އާ ކޮރޯނާ ވައިރަހަށް ދޭނެ ނަމަކާ މެދު މަޝްވަރާކޮށްފަ އެވެ. ދެ ދުވަހުގެ މަޝްވަރާއަށް ފަހު އެމީހުން ވަނީ ނަމެއް ކަނޑައަޅާފަ އެވެ. އަދި މަދު ދުވަސްކޮޅެއްގެ ތެރޭގައި ސައިންސް ޖާނަލެއްގައި ޝާއިއުކޮށް، އެ ނަން ރަސްމީކޮށް އިއުލާން ކުރާނެ އެވެ. 

43%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް