
ކުދި އަލާމާތް ތަކަކީ ގިޔާމަތް ވުމުގެ އެތައް ޒަމާނެއް ކުރިން ހިނގައި ގޮސްފައިވާ ކަންތައްތަކެވެ. އޭގެ ތެރޭގައި ވެނިމިފައިވާ ކަންތަކާއި، ތަކުރާރުވަމުންދާ ކަންތަކާއި، މިހާރު ހިނގަމުންދާ އަދި މުސްތަގްބަލުގައިވެސް ހިނގާނެ ބައެއް ކަންތައްތައް ހިމެނިގެންވެއެވެ. މީގެ އިތުރުން އަދި މިހާތަނަށް ހިނގާފައިނުވާ އެހެންނަމަވެސް މުސްތަގްބަލުގައި ހިނގާނެ ކަންތައްތަކެއްވެސް ހިމެނިގެންވެއެވެ.
ގިޔާމަތް ވުމުގެ ބޮޑެތި އަލާމާތް ތަކަކީ ގިޔާމަތް ވުމުގެ ކުޑަދުވަސް ކޮޅެއް ކުރިން ހިނގައިދާނެ ކަންތައްތަކެވެ.
ގިޔާމަތުގެ ކުދި އަލާމާތްތައް ބައިވަރެވެ. އޭގެ ތެރޭގައި:
- ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ނަބީ ކަމާއިގެން ފޮނުއްވުން.
- ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެންނެވުން.
- ބައިތުލް މަގްދިސް ފަތަހަ ކުރެއްވުން.
- މުދާ ގިނަވެ ސަދަގާތަށް ބޭނުން ނުޖެހުން.
- ފިތުނަތައް ފާޅުވުން.
- ނަބީ ކަމަށް ދައިވާ ކުރާ މީހުން ފާޅުވުން، މިސާލަކަށް މުސައިލަމަތުލް ކައްސާބު އަދި އަލްއަސްވަދުލް އަންސީ.
- އަމާނާތްތައް ގެއްލި ދިޔުން.
- އިލްމު އުފުއްލަވާ ޖަހާލަތު ފެތުރިގެން ދިޔުން.
- ޒިނޭ އާއްމުވުން.
- ރިބާ އާއްމުވުން.
- މިޔުޒިކް އާއްމުވުން.
- ބަނގުރާ ބުއިން އާއްމުވުން
- މީހުން މެރުން ގިނަވުން.
- ބިންހެލުންތައް ގިނަވުން.
- އައުރަ ނިވާ ނުކޮށް އުޅޭ އަންހެނުން ގިނަވުން.
- ދޮގުހެކި ދިނުން ގިނަވުން.
- އަންހެނުން ގިނަވުން.
އަދި މިނޫންވެސް އެތައް ކަމެކެވެ.
ގިޔާމަތުގެ ބޮޑެތި އަލާމާތްތައް ބަޔާން ކުރައްވާ ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީސް ކުރައްވާފައިވެއެވެ.
عَنْ حُذَيْفَةَ بْنِ أَسِيدٍ الْغِفَارِيِّ رضي الله عنه قَالَ : اطَّلَعَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَيْنَا وَنَحْنُ نَتَذَاكَرُ فَقَالَ : مَا تَذَاكَرُونَ ؟ قَالُوا : نَذْكُرُ السَّاعَةَ ، قَالَ : إِنَّهَا لَنْ تَقُومَ حَتَّى تَرَوْنَ قَبْلَهَا عَشْرَ آيَاتٍ فَذَكَرَ الدُّخَانَ وَالدَّجَّالَ وَالدَّابَّةَ وَطُلُوعَ الشَّمْسِ مِنْ مَغْرِبِهَا وَنُزُولَ عِيسَى ابْنِ مَرْيَمَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَيَأَجُوجَ وَمَأْجُوجَ وَثَلاثَةَ خُسُوفٍ خَسْفٌ بِالْمَشْرِقِ وَخَسْفٌ بِالْمَغْرِبِ وَخَسْفٌ بِجَزِيرَةِ الْعَرَبِ ، وَآخِرُ ذَلِكَ نَارٌ تَخْرُجُ مِنْ الْيَمَنِ تَطْرُدُ النَّاسَ إِلَى مَحْشَرِهِمْ .
މާތް ﷲ ރުއްސުންލެއްވި ހުޒައިފާ ބިން އުސައިދުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން މުދާރަސާ ކުރަން ތިއްބާ ކީރިތި ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމަ ވަޑައިގެންނެވިއެވެ. އަދި ހަދީސް ކުރެއްވިއެވެ. "ތިޔަބައިމީހުން މުދާރަސާ ކުރަނީ ކޮން އެއްޗެއް ހެއްޔެވެ؟" ސަހާބީން ދެންނެވިއެވެ. "ގިޔާމަތުގެ ވާހަކަތަކެވެ." ހަދީސް ކުރެއްވިއެވެ. ދިހަކަމެއްގެ ކުރިން ގިޔާމަތެއް ނުވާނެއެވެ.
އެ ދިހަ ކަންތަކަކީ، ދުހާން (ދުންގަނޑު)، ދައްޖާލު، ދާއްބާ، ހުޅަނގުފަރާތުން އިރު އެރުން، އީސާ އަލައިހިއްސަލާމް ފައިބާ ވަޑައިގަތުން، ޔައުޖޫޖު މައުޖޫޖު، ތިންކޭތަ ހިފުން، އިރުންނާއި ހުޅަގުން، އަދި ޖަޒީރަތުލް އަރަބިން، ޔަމަނު ކަރައިން ނިކުންނަ އަލިފާން ގަނޑު.
މި އަލާމާތް ތަކަކީ ވަކި ތަރްތީބަކުން ފާޅުވާނެ ކަންތަކެއް ނޫނެވެ. ނަމަވެސް އެއް އަލާމާތެއް ފާޅުވެއްޖެނަމަ މާގިނަ ދުވަސްތަކެއް ނުވެ އަނެއް އަލާމާތެއް ފާޅުވާނެއެވެ. والله أعلم .
މަސްދަރު: ދިއިސްލާމް