
1- ﷲ ތައާލާ އަށް ކިޔަމަންތެރިވެ އެކަލާނގެ ރަސޫލާއަށް ތަބާވުން.
އަދި، ﷲ އަށާއި، ރަސޫލާ އާއަށް، ތިޔަބައިމީހުން ކިޔަމަންތެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަހްމަތް ލެއްވުމަށްޓަކައެވެ. (ސޫރަތުލް އާލްއިމްރާން 132)
2- ﷲ ތައާލާ އަށް ބިރުވެތިވެ ތަގުވާވެރިވުން.
މި ޤުރްއާން އަކީ، ތިމަންރަސްކަލާނގެ ބާވައިލެއްވި، ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ފަހެ، ތިޔަބައިމީހުން، އެފޮތަށް ތަބާ ވާށެވެ! އަދި ތިޔަބައިމީހުން ތަގުވާ ވެރިވާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙްމަތް ލެއްވުމަށްޓަކައެވެ. (ސޫރަތުލް އަންއާމް 155)
އަދި ތިމަންރަސްކަލާނގެ ރަޙްމަތް ކޮންމެ އެއްޗަކަށްމެ ތަނަވަސް ވެގެންވެއެވެ. ފަހެ، ތަގުވާ ވެރިވާ މީހުންނަށް ތިމަންރަސްކަލާނގެ އެ ރަހުމަތް ލިޔުއްވާހުށީމެވެ. (ސޫރަތުލް އައުރާފް 156)
3- ﷲ ތައާލާ އަށް އިހްސާންތެރިވެ އަދި މަހުލޫގުންނަށްވެސް އިހްސާންތެރިވުން.
ހަމަކަށަވަރުން، ﷲ ގެ ރަހްމަތްފުޅުވަނީ، އިހްސާން ތެރިންނާ ގާތުގައެވެ. (ސޫރަތުލް އައްރާފް 56)
4- އަސްރު ނަމާދުގެ ކުރިން ސުންނަތް 4 ރަކްއަތް ކުރުން.
ރަސޫލް ސައްލަﷲ އަލައިހި ވަސައްލަމް ހަދީސް ކުރެއްވިއެވެ. އަސުރު ނަމާދުގެ ކުރިން 4 ރަކްއަތް ކޮށްފި މީހަކަށް ﷲ ރަޙްމަތް ލައްވާށިއެވެ! (ތިރްމިޒީ)
5- ސަމާލުކަމާ މަޑުމައިތިރި ކަމާއެކު ގުރްއާން އަޑު އެހުން.
އަދި ގުރްއާން ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަހްމަތް ލެއްވުމަށްޓަކައެވެ. (ސޫރަތުލް އައްރާފް 204)
6- ﷲ ތައާލާ ގެ އަޅުތަކުންނަށް ރަހުމް ކުރުން.
ރަސޫލް ސައްލަﷲ އަލައިހި ވަސައްލަމް ހަދީސް ކުރެއްވިއެވެ. މީސްތަކުންނަށް ރަހުމް ނުކުރާ މީހަކަށް ﷲ ރަހުމް އެއް ނުކުރައްވާނެއެވެ! (ބުހާރީ އާއި މުސްލިމް) އަދިވެސް ހަދީސް ކުރެއްވިއެވެ. މީސްތަކުންނަށް ރަހުމް ކުރާށެވެ. އޭރުން ތިޔަބައިމީހުންނަށް ރަހްމަތް ލައްވާނެއެވެ. އަދި މީސްތަކުންނަށް މާފު ކުރާށެވެ. އޭރުން ﷲ ތިޔަބައިމީހުންގެ ފާފަ ފުއްސަވާނެއެވެ. (އަހްމަދް)
ﷲ ތައާލާ އަހަރެމެން އެންމެނަށް ރަހްމަތް ލައްވާށި! އަދި އެކަލާނގެ ރަހްމަތުން މަހުރޫމްވާ މީހުންގެ ތެރެއިން އަހަރެމެން ނުލައްވާށި!