
ހެނދުނު ކާކެއުމަށް އަޅުގަނޑުމެން ބްރެކްފާސްޓް ކިޔަމެވެ. އެއީ މިސާލަކަށް މަސްހުންޏާއި ރޮއްޓެވެ. މެންދުރު ކެއުމަށް ކިޔައި އުޅެނީ ލަންޗެވެ. އެއީ މިސާލަކަށް ބަތާއި ރިހައެވެ. ބްރެކްފާސްޓްގެ ވަގުތުގައި ބަތާއި ރިހަ ކެއިކަމުގައިވިޔަސް އެކެއުމުގެ ނަން ލަންޗަކަށް ނުވާނެއެވެ. ހެނދުނ ކައިފިނަމަ، ކޮންމެއެއްޗެއް ކެއިނަމަވެސް ވާނީ ބްރެކްފާސްޓަށެވެ. އެގޮތުން ހާރުކެއުމަކީވެސް އެހެން ކެއުންތަކެކޭވެސް އެއްފަދައިން ވަކި ހާއްސަ ވަގުތެއް ލިބިގެންވާ ކެއުމެކެވެ. އެކެއުމުގެ ވަގުތަކީ ސަސަރުގެ ވަގުތެވެ. އެއީ ފަތިސްނަމާދަށް ގޮވުމުގެ ކުރިން ރޭގަނޑުގެ އެންމެ ފަހު ވަގުތުކޮޅެވެ. ނިދުމުގެ ކުރިން ހާރުކަނީއޭ ބުނެ ބޮޑުކެއުމެއް ކާލައިގެން ނިދި ކަމުގައި ވީނަމަވެސް އެކެއުން ހާރުކެއުމަކަށް ނުވާނެއެވެ.
އަނަސް އިބްނު މާލިކްގެ އަރިހުން ރިވާ ވެގެން އައިސްފައި ވެއެވެ. ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމް ހަދީސް ކުރައްވާފައިވެއެވެ." تَسَحَّرُوا فَإِنَّ فِي السَّحُورِ بَرَكَةً " (رواه البخاري (1923) ومسلم (1095))
މާނަ: "ހާރުކާށެވެ. ފަހެ ހަމަކަށަވަރުން ހާރުކެއުމުގައި ބަރަކާތް ވެއެވެ."
ހާރުކެއުމަކީ ދީނީ ގޮތުންނާއި ދުންޔަވީގޮތުންވެސް އެތައް ގިނަގުނަ ފައިދާތަކެއް ރޯދަވެރިޔާއަށް ކުރާ ކަމެކެވެ. އަދި މަތީގައިވާ ހަދީސުންވެސް ހާމަވާފަދައިން އެއީ އިސްލާމްދީން ވަރަށްބޮޑަށް ބާރުއަޅާކަމެކެވެ. ބަރަކާތް ލެއްވިގެންވާ ކަމެއްކަމަށް ހަދީސުގައި އޮތުމުން މިކަމަށް އިސްލާމްދީން ބާރުއަޅާ މިންވަރު ހާމަވެގެންދެއެވެ.
އަދިވެސް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީސްކުރެއްވިއެވެ." مَنْ أَرَادَ أَنْ يَصُومَ فَلْيَتَسَحَّرْ بِشَيْءٍ "(رواه أحمد (14533) وصححه الألباني في السلسلة الصحيحة (2309)
މާނަ: "ރޯރަހިފަން ބޭނުން މީހަކުނަމަ، ކޮންމެވެސް އެއްޗަކުން ހާރުކާހުށިކަމެވެ."
ވީމާ ކިތަންމެ މަދު އެތިކޮޅަކުން ނަމަވެސް ހާރުކެއުމަކީ ވަރަށް މުހިންމުކަމެކެވެ. އެއީ ކޮންމެހެން މާބޮޑު ކެއުމަކަށް ވާކަށް ނުޖެހެއެވެ. ރަނގަޅުގޮތަކީ ވެސް ލުއި ގޮތަކަށް ހާރުކައިލުމެވެ. ސަބަބަކީ، އެގަޑީގައި ބޮޑު ކެއުމެއް ކައިފިނަމަ ފަތިސްނަމާދުގެ ވަގުތު ކަންނެތްކަން އިހުސާސުވެދާނެތީއެވެ. އަދި އެގަޑީގައި މާގިނައިން ކައިފިނިމަ، ރޯދަޔަށް ހުންނައިރު މާބޮޑަށް ކަރުހިއްކުންވެސް އެކަށީގެންވާތީއެވެ.
ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ގެ އެހެން ހަދީސްފުޅެއްގައި ވެއެވެ. " السَّحُورُ أَكْلُهُ بَرَكَةٌ فَلاَ تَدَعُوهُ، وَلَوْ أَنْ يَجْرَعَ أَحَدُكُمْ جُرْعَةً مِنْ مَاءٍ، فَإِنَّ اللهَ وَمَلاَئِكَتَهُ يُصَلُّون عَلَى الْمُتَسَحِّرِين " (رواه أحمد، وحسنه الألباني)
މާނަ: "ހާރަކީ ބަރަކާތް ލިބިގެންވާ ކެއުމެކެވެ. އެހެންކަމުން އެކަން ދޫކޮށް ނުލާށެވެ. އެއީ ހަމައެކަނި ފެން ކޯވަރެއް ބޯލުން ކަމުގައި ވިޔަސްމެއެވެ. ފަހެ ހަމަކަށަވަރުން ﷲ ގެ ރަހުމަތް ހާރުކާ މީހުންގެ މައްޗަށް ހުއްޓެވެ. އަދި އެއިލާހުގެ މަލާއިކަތުންވެސް އެބައިމީހުންނަށް ރަހުމަތް ލެއްވުމަށް އެދި ދުއާކުރެއެވެ."
ހާރުކެއުން ލަސްކްށްލުން ސުންނަތްވެގެންވެއެވެ. ސަހީހުލް ބުހާރީގައިވާ ހަދީސްއްގައި ވެއެވެ.
عَنْ أَنَسِ بْنِ مَالِكٍ، أَنَّ زَيْدَ بْنَ ثَابِتٍ، حَدَّثَهُ: ” أَنَّهُمْ تَسَحَّرُوا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، ثُمَّ قَامُوا إِلَى الصَّلاَةِ، قُلْتُ: كَمْ بَيْنَهُمَا؟ قَالَ: قَدْرُ خَمْسِينَ أَوْ سِتِّينَ “، يَعْنِي آيَةً (رواه البخاري)
މާނަ: "އަނަސް ރަޟިޔަ ﷲ އަންހު ޒައިދު ބުނު ސާބިތުގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މާތް ނަބިއްޔާ ސައްލަ ﷲ އަލައިހި ވަސައްލަމަ ތިމަންމެންނާއެކުގައި ހާރު ފަރީއްކުޅުވިއެވެ. އެއަށްފަހު ނަމާދު ކުރެއްވުމަށް ތެދުވެވަޑައިގަތެވެ. އަނަސްގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ސުވާލުކުރެއްވީމެވެ. ހާރު ކޭންބެއްލެވުމާއި ބަންގިޔާ ދެމެދުގައިވީ ކިހާ ވަގުތުކޮޅެއް ތޯއެވެ؟ ވިދާޅުވިއެވެ. ފަންސާހަކަށް ނުވަތަ ފަސްދޮޅަހަކަށް އާޔަތް ކިޔައިލެވޭހާ ވަގުތުކޮޅެކެވެ."
އަދިވެސް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ހަދީސްކުރައްވާފައިވެއެވެ.
. “لاَ تَزَالُ أُمَّتِي بِخَيْرٍ مَا عَجَّلُوا الإِفْطَارَ وَأَخَّرُوا السُّحُورَ” (رواه أحمد)
މާނަ: "ރޯދަވީއްލުން އަވަސްކޮށް އަދި ހާރުކެއުން ލަސްކުރާހާ ހިނދަކު ތިމަން ކަލޭގެފާނުގެ އުއްމަތް ހެއުކަމުން ފިލައި ނުދާނެއެވެ"
ހާރުކެއުމުގެ ބައެއް ފައިދާ:
- ހާރު ކެއުމުގެ ސަބަބުން ހަށިގަނޑަށް ބާރުލިބިދީ، ރޯދަޔަށް ހުރެ އަޅުކަންކުރުމަށާއި އެހެނިހެންވެސް ކަންތައްކުރުމަށް ތިމާއަށް ފަސޭހަކޮށްދެއެވެ. ހާރުކެއުމަކާނުލައި ބަނޑުހައިކަންމަތީ ހުރެއްޖެނަމަ، ވަރުބަލިވުމާއި ކަންނެތްވުން ފަދަ ކަންކަން މެދުވެރިވުމަކީ އެންމެނަށް ވެސް އެނގޭފަދައިން ހަމަ ދިމާވެދާނެ ކަންކަމެވެ.
- ހާރުކެއުމަކީ، މީހާ ތާޒާކޮށް، އެހެން މީސްތަކުންނާ ހެޔޮގޮތުގައި މުއާމަލާތު ކުރަން ބާރުއަޅައިދޭ ކަމެކެވެ.
- ހާރުކައިގެން ރޯދަހިފާމީހެއްނަމަ، ރޯދަހިފުން ވާނީ އެމީހަކަށް ވަރަށް ފަސޭހަކަމަކަށެވެ. އަދި ރޯދައިގެ ބުރައެއް އޭނާއަކަށް މާބޮޑަކަށް އިހުސާސެއް ނުވާނެއެވެ. މިކަމުގެ ސަބަބުން ރަމަޟާން މަހުގެ އިތުރުން ސުންނަތް ރޯދަ ހިފުމަށް ވެސް އިތުރަށް ހިތްވަރު ލިބިގެން ދެއެވެ.
- ހާރުކެއުމަކީ ރަސޫލު އަދިވެސް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ގެ ވަރަށް މަތިވެރި ސުންނަތެކެވެ. މިސުންނަތަށް އަމަލުކޮށް އެކަމުން ދަރުމަޔާއި ސަވާބަށް އެދި، ރޯދައަށް ހުރުމުގެ ކުރިން ހާރުކައިފިނަމަ، އޭގެ ސަބަބުން އޭނާ އަށް ހެޔޮ ޖަޒާއާއި ސަވާބު ލިބިގެންދާނެއެވެ.
- ހާރުކާން އެދޭމީހާ ރޭގަނޑުގެ ފަހުބައިގައި ތެދުވާނެއެވެ. ސަބަބަކީ ހާރުކާ ވަގުތަކީ މިއީ ކަމަށްވާތީއެވެ. މިވަގުތަކީ ދުއާ އިޖާބަވެވޭ ވަގުތެއްކަމުން، ހާރުކެއުމުގެ ކުޑަތަންކޮޅެއް ކުރިން ތެދުވެ، ނަމާދު ކުރުމާއި، ޒިކުރުކުރުމާއި ދުއާކުރުމުގައި ވަގުތުހޭދަކުރަން ހާރުކާމީހަކަށް ފުރުސަތު އެބައޮތެވެ. މިއީ ވެސް ހާރުކާން ތެދުވުމުން ލިބޭ ވަރަށް މުހިންމު ފައިދާއެކެވެ.
- ހާރުކެއުމަކީ އެބަޔަކާއި ތަފާތުވުމަށް އަހަރެމެންނަށް އަމުރުވެވިގެންވާ، އަހުލުކިތާބީންނާ ތަފާތުވެވޭ ކަމެއްކަން ރަސޫލުﷲ ސައްލައްﷲ އަލައިހި ވަސައްލަމް ވަނީ އަންގަވާފައެވެ. އެކަލޭގެފާނު ހަދީސް ކުރައްވާފައިވެއެވެ. إِنَّ فَصْلَ مَا بَيْنَ صِيَامِنَا وصِيَامِ أَهْلِ الْكِتَابِ أَكْلَةُ السَّحَر) (رواه مسلم)
މާނަ: "އަހަރެމެންގެ ރޯދައާއި ފޮތުގެ އަހުލުވެރިންގެ (އެބަހީ؛ ޔަހޫދީންނާއި ނަސާރާއިންގެ) ރޯދައާއި ދެމެދުގައިވާ ތަފާތަކީ ހާރުކެއުމެވެ"
މީގެ އިތުރުން ހާރުކާން ތެދުވުމުން ލިބޭ ވަރަށް މުހިއްމު އެއް ފައިދާއެއް ވެއެވެ. އެއީ ފަތިސް ނަމާދުގެ ޖަމާއަތަށް ހާޒިރުވެ ޖަމާއަތުގައި ފަތިސްނަމާދު ކުރުމަށް ފުރުސަތު ލިބުމެވެ.