ads
އެފްއޭއެމްގެ ރައިސް ބައްސާމް
އެފްއޭއެމުން ކްލަބުތަކަށް ފައިސާ ނުދެނީތަ؟
ރާއްޖޭގެ ފުޓްބޯޅައިގެ ސިސްޓަމް ޒަމާނުއްސުރެ އޮތް މޮޑިއުލްއަކީ ކްލަބުތައް ވަރަށް ބޮޑަށް އެފްއޭއެމާ އަދި ސަރުކާރަށް ބަރޯސާވާ މޮޑިއުލްއެކެވެ. ކުޅުންތެރިންނަށް މުސާރަ ދިނުމުން ފެށިގެން ކްލަބުތަކުގެ ދުވަހުން ދުވަހަށް ކުރަން ޖެހޭ ހަރަދުތަކުގެ މައިގަނޑު ސޯސްއަކީވެސް އެފްއޭއެމް ކަމަށް މިހާތަނަށް އޮތީ ވެފައެވެ.

ދެހާސް ވިހި ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޕްރޮފެޝަނަލް އުސޫލުތަކުގެ ތެރެއިން ކްލަބްތައް ހިންގުން ހަރުދަނާކުރުމުގެ ވިސްނުމުގައި ކުރިއަށް ދިއުމުގެ ގޮތުންކަމަށް ބުނެ އެފްއޭއެމުން ޓުވާޑްސް ފިއުޗާ ފައިނޭންޝަލް އެސިސްޓަންސްގެ ނަމުގައި ފުރަތަމަ ޑިވިޝަން ޓީމުތަކާ އެކު އެއްބަސްވުންތަކެއް ހެދިއެވެ. ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަށް ޓީމާ އެކު ފައިނޭންޝަލް އެސިސްޓަންސް ޕްރޮގްރާމްގައި ސޮއިކުރީ ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ.

ހާއްސަކޮށް ފައިނޭންޝިއަލީ ކްލަބްތަކަށް މި ލިބޭ އެހީގެ އިތުރަށް ބިޒްނަސް މޮޑެލް އަކަށް ކްލަބް ހިންގުން ބަދަލުކުރުމާ ކްލަބްތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ވަރަށް ގިނަ ކަންތައްތަކެއް މި އެގްރިމެންޓްގައި ހިމެނިފައިވާނެ. އެ ގޮތުން އެފްއޭއެމް އިން މިހާރު ފަށާފައިވާ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކުން ހެދޭ އިމާރާތްތަކުގެ އެހީގައި އާމްދަނީ އިތުރުކުރަން ކްލަބްތަކަށް ފުރުސަތު ލިބޭނެ

ކޮންމެ ޓީމަކަށް މި އެއްބަސްވުމުގެ ދަށުން ތިން މިލިއަނެއްހާ ރުފިޔާ ދޭން ނިންމާފައިވާއިރު، އެކަން ކުރާނީ ބަހާލައިގެން ވަކި ކަންތައްތަކެއް ފުރިހަމަވުމުންނެވެ. އެގޮތުން ފައިސާ ދޭން ނިންމާފައިވަނީ ލީގުގެ ކޮންމެ ބުރަކަށާއި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕްގެ އިތުރުން އެގްރީމެންޓްގައި ހިމެނޭ ވަކި ކަންތައްތަކެއް ފުރިހަމަވަމުންދާ މިންވަރަށް ބެލުމަށް ފަހު ކަމަށް އެފްއޭއެމުން ބުންޏެވެ. ދެހާސް ވިހި ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހެދި ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ މި އަހަރުގެ ސެޕްޓެންބަރަށެވެ.

އެކަމަކު ސުވާލަކީ އެފްއޭއެމުން ކޮންޓްރެކްޓާ އެއް ގޮތަށް ކްލަބުތަކަށް ފައިސާ ދޭތޯއެވެ؟ ރާއްޖޭގެ ސިސްޓަމް އޮންނަ ގޮތުން ކްލަބުތަކުންވެސް މި ވާހަކަ ފާޅުގައި ދައްކާކަށް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް ނަން ހާމަ ނުކުރާ ގޮތަށް ވާހަކަ ދެއްކި ބައެއް ކްލަބުތަކުން ބުނާ ގޮތުގައި މި ސީޒަންގައިވެސް އެފްއޭއެމުން ދޭން ޖެހޭ ފައިސާއެއް ނުދެއެވެ. އެފްއޭއެމްއަކީ މީޑިއާއާ ބީރައްޓެހި އަދި މައުލޫމާތު ހާމަ ކުރުމާ ދުރު އިދާރާއެއް ކަމުން މި ކަމުގައި އެފްއޭއެމްގެ ބަހެއް ނުލިބެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް