ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ހުށަހެޅުއްވި ސުވާލަކާއި ގުޅިގެން ޑރ.ހުސައިން މިއަދު މަޖިލީހަށް ހާޒިރުކުރިއެވެ. އެ ސުވާލަށާއި, މެންބަރުން ކުރެއްވި އިތުރު ސުވާލުތަކަށް ވެސް މިނިސްޓަރު ވަނީ ޖަވާބުދެއްވާފައެވެ.
އެ ގޮތުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ސުވާލު ކުރައްވަމުން ދަނިކޮށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ނިޒާމީ ނުކުތާއެއް ނަންގަވައި ވިދާޅުވީ މިިނިސްޓަރު މަޖިލީހަށް ހާޒިރުކޮށްފައިވަނީ ގޯސްކޮށް ކަމަށެވެ.
ޝަރީފްގެ ނިޒާމީ ނުކުތާ ބަލައިގަންނަކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހަށް ގޯހެއް ހެދިފައިވާ ކަމަށެވެ.
އެ ހިސާބުން މިނިސްޓަރާއި ސުވާލުކުރެއްވުމުގެ އިތުރު ފުރުސަތެއް މެންބަރުންނަށް ނުދެއްވިއެވެ.