ads
މަސައްކަތް އެކުންފުންޏާއި ހަވާލުކުރުމަށް ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތު
ހައި-ސްޕީޑް ފެރީ ވިއުގައަކުން ގުޅާލާ، ފަހު 2 ފިޔަވަހީގެ މަސައްކަތް ވެސް އެމްޓީސީސީއަށް
ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެ ވަނަ އަދި ތިން ވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީއާއި ހަވާލުކޮށްފި އެވެ.

ދެ ވަނަ އަދި ތިން ވަނަ ފިޔަވަހީގެ ދަށުން ހަ ޒޯން އެއްގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށިގެންދާނެ އެވެ. އެމްޓީސީސީން ބުނީ ދެ ވަނަ އަދި ތިން ވަނަ ފިޔަވަހީގެ ޒޯންތަކަށް ހިދުމަތްދިނުމަށް ޖުމްލަ 65 ލޯންޗް އުފައްދާ ތައްޔާރުކުރެވިގެންދާނެ ކަމަށެވެ. 

އެއާކޯން ކުރެވިފައިވާ މިލޯންޗުތައް ހުންނާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާފޭބޭގޮތަށް އަދި ބަލި މީހުން އުފުލުމަށް ވެސް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފަ އެވެ. ލޯންޗުގައި ފާހާނާ އާއި ލަގެޖް ބެހެއްޓޭ ޖާގަ ހާއްސަކުރެވިފައި ހުންނާނެ އެވެ. އެ ހިދުމަތް ހަފުތާއަކު ހަތް ދުވަހު ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. 

ދެ ވަނަ އަދި ތިން ވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 149 ޓަމިނަލް އެޅިގެންދާއިރު، ޒޯން ޓަމިނަލްގެ ގޮތުގައި ފަސް ޓަމިނަލްއާއި، 31 ފެރީ ޓަމިނަލްގެ އިތުރުން 113 ފެރީ ސްޓޮޕް ހެދިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މިއިން ކޮންމެ ތަނަކީ ވެސް ހިދުމަތް ހޯދާ ކަސްޓަމަރުންގެ ފަސޭހައަށްޓަކައި ހެދިގެންދާނެ ތަންތަނެވެ. 

އެމްޓީސީސީން ބުނީ މަޝްރޫއުގެ ދެ ވަނަ އަދި ތިން ވަނަ ފިޔަވަހި ނިމުމާއެކު މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފުރިހަމަވެގެންދާނެ ކަމަށާއި، ރާއްޖޭގައި ދަތުރު ފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެ ކުންފުނީގެ މަގްސަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެ މިތިބުން ކަމަށެވެ.

ނަމަވެސް މިމަޝްރޫއުގެ އަގު އަދި މުޅި މަޝްރޫއު ނިމާލެވޭނެ ތާރީހެއް އެމްޓީސީސީން ހާމަކޮށްފައެއް ނުވެއެވެ. 

އެމަސައްކަތް އެކުންފުންޏާއި ހަވާލުކުރުމަށް ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަގެ ފަރާތުން ސޮއިކުރެއްވީ ޕަމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް