
އިސްލާމް ދީނަށް އަހަރެންގެ ލޯ ހުޅުވިގެން ދިޔައީ އަހަރެން ޖީސީއެސްއީ (ޖެނެރަލް ސާޓިފިކޭޓް އޮފް ސެކަންޑަރީ އެޑިއުކޭޝަން) ހަދަމުން ދަނިކޮށެވެ. އެއީ ގާތްގަނޑަކަށް 2011 ނުވަތަ 2012 ވަނަ އަހަރެވެ. އިމްތިހާނަށް ތައްޔާރު ވުމަށްޓަކައި ލެސަންތައް ނަގަމުން އަހަރެން ދިޔައީމެވެ. އެމީހުން ކިޔަވައިދެމުން ދިޔައީ ކިރިސްޓިއަން ދީނާއި، ޖުޑެއިޒަމް އާއި އަދި ކުޑަކޮށް ހިންދޫ ދީނެވެ.
އިސްލާމް ދީނާއި ބެހޭ ގޮތުން އިނީ އެންމެ ސްލައިޑެކެވެ. އެ ދުވަހު އަހަރެން ގެއަށް ގޮސް އިސްލާމް ދީނާއި ބެހޭ ގޮތުން ހޯދުންތައް ހޯދުމަށްޓަކައި ގޫގުލްގައި އިސްލާމް ދީނަކީ ކޮބައިކަން ޖަހައިގެން ހޯދަން ފެށީމެެވެ. ދެން އަހަރެންނަށް އިސްލާމް ދީނުގެ ތާރީހާއި، ސަގާފަތާއި، ކަޅު ކުލައިގައި ކިޔުބެއް ގޮތަށް އިންނަ ބިލްޑިން (ގެފުޅު) އާއި މައްކާ އަކީ ކޮން ސިޓީ އެއް ކަމާއި، މަދީނާ އަކީ ކޮން ތަނެއް ކަމާއި، ބޮޑެތި ރީތި މިސްކިތް ތަކާއި ބެހޭ ގޮތުން ދަސްކުރަން ބޭނުން ވިއެވެ.
އަހަރެން އިސްލާމް ދީނުގެ ތާރިހާއި އިސްލާމް ދީނާއި ބެހޭ ގޮތުން ދަސްކުރީމެވެ. އަދި ދަސް ކުރުމުގައި ދެމިހުރީ މެވެ. އެ ގޮތުގައި ދެމިހުއްޓައި އަހަރެންގެ ސްކޫލް ނިމުނެވެ. އަދި ފުރަތަމަ ވަޒީފާ އަކަށް އަހަރެން ދިޔައީ ސައުތް ކާޑިފްގެ ސްކައި ކޯލް ސެންޓަރަކަށެވެ. އެތަނަކީ އެކިއެކި ސަގާފަތްތައް ހުރި ތަނެކެވެ. އަހަރެންގެ ފުރަތަމަ ޓްރެއިނިން އަށް ޓްރެއިނިން ރޫމް އަށް ދިޔައީމެވެ. އެތަނުގައި އެންމެން ތިއްބެވެ. އަދި ކަނެއްގައި މުސްލިމް އަންހެން ކުއްޖެއް އެކަނިމާ އެކަނި އިނެވެ.
ޓްރެއިނިން ކުރިއަށް ދިޔަ ވަގުތު އަހަރެންނަށް އިހުސާސްވީ އޭނާ ބާކީ ވެފައި ހުންނަ ހެންނެވެ. އެކަކު ވެސް އޭނާ އާ ވާހަކަ ދައްކައެއް ނޫޅެއެވެ. އެހެންވެ އަހަރެން އޭނާ އަށް ގޮވައި ގެނެސް އަހަރުމެންނާއި ބައިވެރި ކުރީ މެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު ވެސް އޭނާ އިށީންނާނީ އަހަރެން ކައިރީގަ އެވެ. ދެން އަހަރުމެން އިސްލާމް ދީނާއި ބެހޭ ގޮތުން ވާހަކަ ދެއްކީމެވެ. އަހަރެން އޭނާ ކައިރީ މިއީ ކޯއްޗެއް ހެއްޔޭ އެއީ ކޯއްޗެއްހޭ އަހަމުން ދިޔައީމެވެ.
އެކަހަލަ ވާހަކަ ތައް އަހަރުމެންގެ ތެރޭގައި ދެކެވެމުން ދަނިކޮށް އެއް ދުވަހަކު އޭނާ އަހަރެން ކައިރީ އަހަރެން އިސްލާމް ދީނާއި ބެހޭ ގޮތުން ދަސް ކުރުމަށް ވަރަށް ޝައުގުވެރިވާ ކަން ފެންނަމުންދާ ކަމަށް ބުންޏެވެ. އަދި ގުރުއާން ގެނެސްފި ނަމަ ކިޔާނަންތޯ ސުވާލު ކުރި އެވެ. އަހަރެން ކިޔާނަމޭ ބުނީމެވެ. އެހެންވެ ދެން އައި ދުވަހު އޭނާ އައީ ހަތިމެއް ހިފައިގެންނެވެ. އަދި އަހަރެން ގެއަށް ގޮސް ގުރުއާން ކިޔެވީމެވެ. ކިޔަވަމުން ދިޔައިރު އަހަރެންނަށް އޭގައި ހުރި ވާހަކަތައް ހަމަޖެހޭކަން އިހުސާސު ކުރެވެމުން ދިޔައެވެ. އަހަރެން ގުރުއާން ކިޔަވަމުން ދިޔަ ވަރަކަށް ގުރުއާން ކިޔަވަން ޝައުގުވެރިވަމުން ދިޔައެވެ.
އެގޮތުގައި ދުވަސްތައް ހޭދަ ކުރަމުން ދަނިކޮށް އަހަރެންގެ ދިރިއުޅުމަށް ބަދަލުތަކެއް އައެވެ. އަހަރެންގެ ވަޒީފާ ދޫކޮށްލީމެވެ. އަދި ކުއްޖަކާ ރައްޓެހިވީމެވެ. އަދި އެހެން ވަޒީފާތައް އަދާކުރަމުން ދިޔައީމެވެ. އެ ހުރިހާ ދުވަހަކުވެސް ހަތިމް އޮތީ ފޮތް ހަރުގަނޑުގައި ބޭއްވި ގޮތަށެވެ. އަހަރެން އެއަކު އަތެއް ނުލަމެވެ. ނުވެސް ކިޔަމެވެ. އެހެން ހުއްޓައި އަހަރެންނާއި އަހަރެން ރައްޓެހިވެގެން އުޅުނު ކުއްޖާ އާއި ރުޅިވި އެވެ. އެފަހުން އަހަރެން ކޮޓަރި ސާފު ކުރަނިކޮށް ފޮތް ހަރުގަނޑުގެ އެންމެ މަތީގައި ހަތިމް އޮއްވާ ފެނުނެވެ. އަހަރެން އަނެއްކާ ވެސް ގުރުއާން ކިޔަވަން ފެށީމެވެ.
އަހަރެންނަށް ވަަރަށް ރީތި އުފާވެރި އިހުސާސް ތަކެއް ގުރުއާން ކިޔަވަން ފެށުމުން ލިބުނެވެ. ދެން އަހަރެން އަނެއްކާ ވެސް އަހަރެންގެ މުސްލިމް ރައްޓެހިން ގާތު އިތުރަށް ސުވާލު ކުރަން ފެށީމެވެ. ދެން އެ މީހުން އަހަރެން ކައިރީ މިސްކިތަކަށް ގޮސް އިމާމަކާއި ބައްދަލު ކުރުމަށް ދާން ބުންޏެވެ. ފުރަތަމަ ފަހަރު މިސްކިތަށް ދާން ވުމުން އަހަރެން ހުރީ ވަރަަށް ބިރުގެންފަ އެވެ. އެންމެ ފަހުން ހިތްވަރު ކޮށްލާފައި އަހަރެން މިސްކިތަށް ވަނީ މެވެ. މިސްކިތް ތެރޭގައި އެންމެން ވެސް ވަރަށް ހިތްހެވެ އެވެ. އިމާމް ވަރަށް އޯގާތެރި އެވެ. އަދި އަހަރެންނަށް މިސްކިތުގެ ހުރިހާ ދިމާއެއް ދައްކައި ކިޔައިދިނެވެ.
މިސްކިތް ވެގެން ދިޔައީ ވަރަށް އެކުވެރި މާހައުލަކަށެވެ. އިމާމް އިޝާ ނަމާދު ކުރަން ދަމުން އަހަރެން ކައިރީ ފަހަތުގައި ހުރެ ބެލުމަށް ބުންޏެވެ. ނަމާދު ކުރަން ފެށުމާ އެކު އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަހަރެންނަށް ބުނެދޭން ނޭނގޭ ކަަހަލަ އިހުސާސްތަކެއް ވެގެން ދިޔައެވެ. އަހަރެންނަށް އަދި ވެސް އެ އިހުސާސްތައް ރަނގަޅަށް ކިޔައިދޭން ވެސް ނޭނގެ އެވެ. އެހާ ވެސް އުފާވެރި ހިތްހަމަ ޖެހޭ އިހުސާސް ތަކެއް ކުރުވަމުން ދިޔަ އެވެ.
އެ ވަގުތުން ފެށިގެން މުސްލިމަކަށް ވާން ވެއްޖެ ކަމުގެ އިހުސާސްތައް ކުރެވުނެ އެވެ. ނަމަވެސް އޭރު އަހަރެން ހުރީ ކުޑަކޮށް ބިރުންނެވެ. އެހެންވެ އަހަރެން އަދި މުސްލިމަކަށް ވާން ތައްޔާރު ނޫން ކަމުގައި ބުނީމެވެ. އަދި އަހަރެން އިސްރާއީލްގެ އެހެން މީހަކަށް މެސެޖުކޮށް އިސްލާމް ދީނާއި ބެހޭ ގޮތުން އިތުރަށް ދަސްކުރަން ބޭނުންވާ ކަމަށް ބުނީ މެވެ. އަދި އެހެން މިސްކިތްތަކަށް ދާން ފެށީމެވެ. އެތަނުން އަަހަރެންނަށް ޓޭން ކިޔާ މީހަކާ ދިމާވި އެވެ. އޭނާ އަހަރެންގެ ހުރިހާ ސުވާލުތަކަށް ޖަވާބު ދިނެވެ. އަދި އަހަރެން މިސްކިތަށް ގޮސް މުސްލިމުންގެ ޖަމާއަތްތަކުން ބާއްވާ ބައްދަލުވުން ތަކާއި ގުޅެން ފެށީމެވެ.
މުސްލިމަކަށް ވާން ބޭނުންވާ ކަން އަހަރެން ދިޔައީ އަހަރެންގެ އާއިލާ އަށް ސިއްރު ކުރަމުންނެވެ. އެއި އަހަރެންނަށް އެމީހުންގެ ފަރާތުން ރަނގަޅު ކަންތައްތަކެއް ފެނިގެން ނުދާނެ ކަން އެނގޭތީ އެވެ. އަހަރެންނަށް އަހަރެންގެ މަންމަ ގާތު މުސްލިމަކަށް ވެއްޖެ ކަން ބުނާނެ ގޮތެއް ވެސް ނޭނގުނެވެ. އަހަރެން އިސްލާމް ދީނާއި ބެހޭ ގޮތުން ދަސްކުރަމުން ދިޔައީ ވެސް ސިއްރުންނެވެ. އަދި މުސްލިމަކަށް ވެފައި ވެސް ސިއްރުން ހަ މަސް ދުވަސް ހޭދަކުރީ މެވެ. އަހަރެން ޝަހާދަތް ކީ ފަހުން އެއް ރޭ ދަންވަންދެން އަހަރެން ގުރުއާން ކިޔަވަން އިނީމެވެ. އަދި އެއްވެސް ހިޔާލެއް ފިކުރެއް ނެތި ފޮތް ހަރުގަނޑު މަތީގައި ބޭއްވުމުގެ ބަދަލުގައި ކިޔަވާ މޭޒުމަތީގައި ހަތިމް ބާއްވާފައި ނިދީމެވެ. އޭގެ އަނެއް ދުވަހު އަހަރެންނަށް ހޭލެވުނީ އަހަރެންގެ މަންމަ ހަޅޭލަވާ އަޑަށެވެ.
މަންމަ ކައިރީ ކިހިނެއް ވީ ތޯ އަހަމުން ދިޔައީމެވެ. މަންމަ ދުވަމުން ކޮޓަރިން ނުކުމެގެން ދިޔައެވެ. ދެން އަހަރެން ކޮޓަރި ތެރެއަށް ބަލާލުމުން އަހަރެންނަށް މޭޒުމަތީ ބޭއްވިފައި އޮތް ހަތިމް ފެނުނެވެ. ދެން އަހަރެން މަންމަ ފަހަތުން ދިޔައީމެވެ. މަންމަ ދިޔައީ އަހަރެންނާއި ދިމާއަށް އެއްޗެހި ވެސް އުކަމުންނެވެ. އެންމެ ފަހުން ބަދިގޭގެ ކަނެއްގައި މަންމަ މަޑުކޮށްލުމުން އަހަރެން މަންމަ ގައިގައި ބައްދައިލީ މެވެ. އޭރު ވެސް ދެ މީހުން ދިޔައީ ރޮމުންނެވެ.
މަންމަ އަހަރެންނާއި ދިމާއަށް ނޫނެކޭ ނޫނެކޭ ބުނަމުން ދިޔަ އެވެ. އަދި އަހަރެން މަންމަ ކައިރީ އާއެކޭ، އަަހަރެން ބޭނުމޭ މުސްލިމަކަށް ވާން ބުނަމުން ދިޔައީމެވެ. މަންމަ އަހަރެންނަށް އެހެން ހެދީ ކާކުތޯ އަހަމުން ދިޔައެވެ. އަހަރެން މަންމަ ކައިރީ މިއީ އެއްވެސް މީހެއް ކުރި ކަމެއް ނޫން ކަމުގައި ބުނީމެވެ. އަހަރެން އަމިއްލައަށް އިސްލާމް ދީނައި ބެހޭ ގޮތުން ހޯދީ ކަމާއި އެއްވެސް މީހެއް އަހަރެންގެ ސިކުނޑި އާއި ކުޅެފައި ނުވާ ކަމަށް ބުނީމެވެ.
އަދި އަހަރެން އަބަދުވެސް ވާނީ މަންމަގެ ދަރި އެއް ކަމުގައި ބުންޏެވެ. އަދި ހަ މަސް ދުވަސް ވަންދެން މަޑު ކުރުމަށް ބުންޏެވެ. އެއީ އަހަރެން އިސްލާމް ދީނުން ދުރުވުމުގެ ވިސްނުން އައިސްފާނެ ކަމަށް ކުރި ކަމެއް ކަން ނޭނގެ އެވެ. ނަމަވެސް އެކަން އެ ގޮތަަކަށް ނުވި އެވެ. އަހަރެން ރައްޓެެއްސަކާއި ބައްދަލު ކުރަން ކަމަށް ބުނެ މިސްކިތައް ގޮސް ހެދީމެވެ. އެ ގޮތުގައި ހަ މަސް ދުވަސް ފާއިތުވެގެން ދިޔަ އެވެ. އޭރު ވެސް އަހަރެން މުސްލިމަކަށް ވާން ބޭނުންވެ އެވެ. އެންމެ ފަހުން މަންމަ އަހަރެން ބޭނުންވި ގޮތަށް އަހަރެން މުސްލިމަކަށް ވާން އެއްބަސްވި އެވެ.
އިސްލާމް ދީނަށް ވަންނަން ބޭނުންވާ ނަމަ އެންމެ ފުރަތަމަ އިސްލާމް ދީނާއި ބެހޭ ގޮތުން މައުލޫމާތު ހޯދައި ދަސް ކުރަން ފަށާށެވެ. މުސްލިމަކަށް ވުމުން ކިޔާނެ ނަމެއް ނުވަތަ ހެދުން އަޅާ ގޮތެއް ބަލާކަން ނުޖެހެއެވެ. ހެދުން އެޅުމުގައި ނިވާ ވާ ނަމަ ކޮންމެ ހެދުމެއް ވެސް ލެވޭނެއެވެ. އަދި އެންމެ ފުރިހަމަ މީހަކަށް ވެވޭތޯ މަސައްކަތް ކުރާށެވެ.