ads
އައިމިންދިޔެ---
ނުހައްގުން ޖަލުގައި ހޭދަކުރި 29 ދުވަސް: ހިތްދަތި އެތައް ވާހަކައެއް!
މާރިޗު މަހުގެ 24ވަނަ ދުވަހުއެވެ. ސ. ހިތަދޫ މަގުތައްމަތީ ގިނަ އަދަދެއްގެ ބަޔަކު އެއްވެ ގޮވަމުންދިޔައީ އައިިމިނަތުދިޔެ ވަނީ ފްރޭމްކޮށްފައި ކަމަށާއި، "ވަގުތުން ވަގުތަށް ދޫކޮށްލުމަށްފަހު، ރަންހަދާ ޖަމީލް ހައްޔަރު ކުރާށޭ" އެވެ. ޖަޒީރާގޭ ދޮރުމަތީގައި ބަރިއަކަށް ފުލުހުން ތިބިއިރު، އެ ގޭ ތެރެއިން ފުލުހުން ހިމާޔަތް ދެމުންދިޔައީ ހަ އަހަރުގެ މައުސޫމު ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ރައްޔިތުން ތުހުމަތުކުރާ "ކާފަ" އަށެވެ.

ކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކޮށް ހައްޔަރުކުރީ އެ ކުއްޖާ ކިޔަވަންދާ ސްކޫލުގެ މަސައްކަތު މީހެއްގެ ގޮތުގައި 30 އަހަރުވަންދެން މަސައްކަތް ކުރި 59 އަހަރުގެ އައިމިނަތުދިޔެ އެވެ. 

ނަމަވެސް އައިމިނަތުދިޔެގެ އާއިލާއިން ބުނާގޮތުން ކުއްޖާ ސްކޫލަށް އައިއިރުވެސް ކުއްޖާއަށް ވަނީ ޖިންސީ އަނިޔާ ލިބިފައެވެ. ފާހާނާކުރުމަށްފަހު ދިލަ ނަގާ ވާހަކަ ކުއްޖާ ބުންޏެވެ. އެކަން ކުއްޖާގެ މަންމަ އާއި އެއާއިލާ ޖެހީ އައިމިނަތުދިޔެގެ ބޮލަށެވެ. 

ކުއްޖާއަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި މާރިޗު މަހުގެ 24ވަނަ ދުވަހުގެ ރޭ 10:30 ހާއިރު ކޯޓު އަމުރަކާއިއެކު އައިމިނަތުދިޔެ ހައްޔަރުކޮށްގެން ގެންދިޔައެވެ. އޭގެ އަނެއްދުވަހު ކޯޓަށް ހާޒިރުކުރުމުން ހިތަދޫ މެޖިސްޓްރޭޓްކޯޓުން ނިންމީ ހެކިތައް ހުރިކަމަށް ބުނެ ޝަރީއަތް ނިމެންދެން އަމިނަތުދިޔެ ބަންދު ކުރުމަށެވެ. 

އެ ގެންދިޔަ ގޮތަށް ޖަލުގައި ހައްޔަރުކޮށް، އައިމިނަތުދިޔެ ޖަލުގައި 29 ދުވަސް ހޭދަކުރިއެވެ. ފުލުހުން ބުނަމުންދިޔައީ ކުރާ ތުހުމަތުތައް ސާބިތުކޮށްދެވޭ ވަރަށް ހެކި އެބަހުރި ކަމަށާއި އެހެން މީހަކާއި ދެކޮޅަށް އެއްވެސް ހެއްކެއް ނެތްކަމަށެވެ. 

ނަމަވެސް ފުލުހުން ބުނި އެ ހެކިތައް ސިލްސިލާކޮށް ބާއްވަމުންދިޔަ މުޒާހަރާތަކުގެ ބައިވެރިންނަށްވެސް ތަފްސީލުކޮށް ނުދެވުނުތާ، ދައުވާކުރުމަށް ހުށަހެޅި ޕްރޮސިކިއުޓަ ޖެނަރަލް(ޕީޖީ) އޮފީހަށް ވެސް ފުލުހުންނަށް އެވަރުގެ ހެއްކެއް ހުށަނޭޅުނެވެ. 

ނަތީޖާއެއްގެ ގޮތުން ދައުވާކުރެވޭ ވަރަށް ހެކިނެތިގެން އެމައްސަލަ ޕީޖީ އޮފީހުން އަނބުރާ ފޮނުވާލީ އެވެ. އެހެންކަމުން ފުލުހުން ވަނީ މިމަހުގެ 21 ވީ ބުރާސްފަތި ދުވަހު އައިމިނަތުދިޔެ ބަންދުން ދޫކޮށްފަ އެވެ. 

ނަމަވެސް އެހެންމީހެއް ކުރި ކުށެއްގެ ތުހުމަތުތައް ބޮލުގައި އެޅި ހައްޔަރުގައި ހޭދަކުރި 29 ދުވަހަކީ އައިމިނަތުދިޔެ އަށް ހަނދާން ނައްތާލަން އުނދަގޫ ދުވަސްތަކެކެވެ. އެއީ އޭނާގެ ފަސް ބައިގައި ބަޔަކު ޖެއްސި ހަޑި ލައްގަނޑެއްވެސް މެއެވެ.

ޖަލުގައި ހޭދަކުރި 29 ދުވަސް: އެކުވެރިޔަކީ ޤުރުއާން

ޖަލުގައި އައިމިނަތުދިޔެ ހޭދަކުރި ހިތްދަތި އުނދަގޫ 29 ދުވަހުގެ ވާހަކަތައް ނަން ނުޖެހުމަށް ޝަރުތުކޮށް “ސީއެންއެމް”އާއި ހިއްސާކުރި ފަރާތުން ބުނިގޮތުގައި، އެ މުއްދަތުގައި ޖަލުގައި ތިބި އޮފިސަރުންގެ ފަރާތުން އަމިނަތުދިޔެއަށް ވަނީ “ބުލީ”ގެ އުނދަގޫ ކުރިމަތިވެފަ އެވެ. 

އޭނާ ބުނިގޮތުގައި ބަންދުގައި ބެހެއްޓި ފުލުހުންގެ އިދާރާގައި މަސައްކަތްކުރާ ފުލުހެއްގެ ފަރާތުން އިވުނު “ތިއުމުރުގައިވެސް އުޅޭގޮތަކުން ނޫންހޭ ތިހެންވަނީ” މި ޖުމުލައަކީ އައިމިނަތުދިޔެގެ ހިތުން ފިލައިގެން ނުދާނެ ޖުމުލައެއްކަން އައިމިނަތުދިޔެގެ ވާހަކަތަކުން އެނގެއެވެ. އަދި ކުށެއް ނުކުރާ މީހަކާއި ދިމާލަށް އޭނާ އެކުށްކުރި ކަމަށް ގަބޫލުކުރާނެ ބީދައަކުން ފުލުހަކު ދިމާކުރުމުން ކުރާނެ ހުރިހާ އަސަރެއްވެސް އަައިމިނަތުދިޔެ އަށް ކޮށްފައިވާ ކަމަށެވެ.

“އަމިންދައްތަ ގޮޅީގައި އޮވެ ހިނީގެ އުނދަގޫ ވެގެން އެވާހަކަ ދެއްކީމަވެސް ދިނީ ބީރު ކަންފަތް. ހިނި މުޅި ގައިގާ އަދި ލޮލުގައިވެސް ދަތް އަޅާތީ އެ ޝަކުވާ ކުރީ.“ އޭނާ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ހިނީގެ އުނދަގުލާއިހެދި އައިމިނަތުދިޔެ އަށް ހަމަ ނިދިވެސް ނުލިބެއެވެ. އަޅާލާނެ މީހަކު ނެތްކަން އެނގި އެ އުނދަގުލުން ސަލާމަތްވާން އައިމިނަތުދިޔެ ޖަލުގައި ހޭދަކުރި ވަގުތުތައް ހޭދަކުރީ މާތްﷲ ހަދުމަކުރުމުގައެވެ.

ހިނީގެ އުނދަގުލުން ސަލާމަތްވާން ޤުރުއާން ކިޔަވަ، ކިޔަވައި އިންދާ ނިދިގެން ވެއްޓޭ ކިތަންމެ ރެއެެއް ދިޔައެވެ. އެހާލުގައި ދުވަސްތައް ގުނަމުންދަނިކޮށް އަމިނަތުދިޔެ މިނިވަން ވިއެވެ. ހެކި ނެތިގެންނެވެ.

ނަމަވެސް އެދުވަސްތައް ހިތުން ފިލުވާލެވޭނެ ހެއްޔެވެ؟ އުމުރުން ދުވަސްވެފައިވަނިކޮށް ފަސްބައިގައި ޖެއްސި “ހުތުރު” ލައްގަނޑު ފިލުވާލެވޭނެ ހެެއްޔެވެ؟ 29 ދުވަސްވަންދެން އައިމިނަތުދިޔެ އަށް ލިބުނު ޖިސްމާނީ، އަދި ނަފްސާނީ ގެއްލުމާއި، އާއިލާއިން ތަހަންމަލު ކުރި ވޭންތައް އެ ހިތްތަކުން ފޮހެވޭނެ ހެެއްޔެވެ؟

އައިމިނަތުދިޔެ އާއި ދެކޮޅަށް އެދުވަހު ބަޔާންދިން މީހުންވެސް މިއަދު ފައިބުޑަށް ވެއްޓި ރޮއެފައި މާފަށް އެބައެދެއެވެ. އައިމިނަތުދިޔެގެ ހިތްހެޔޮކަމުން އެ މީހުންނަށް މާފު ދިނަސް، މާތްﷲގެ ހަޒްރަތުގައި އެ ފަރާތްތަކަކީ ކުށްވެރިންނަށް ނުވެދާނެބާ އެވެ؟

ކުއްޖާގެ މައިންބަފައިން ކުއްޖާއަަށް އިންސާފު ހޯދާނުދީ ފަރުދާގެ ފުރަގަހުގައި ތިބެނީ ކީއްވެ؟

ސީއެންއެމްއަށް މައުލޫމާތު ދިން ފަރާތުން ބުނިގޮތުގައި ކުއްޖާގެ ބަޔާނެއް ފުލުހުން ނުނަގައެވެ. އެކުއްޖާގެ އަންނައުނުން ނެގި ސާމަޕަލްތަކުން ފެނުނީ ފިރިހެނެއްގެ ޑީއެންއޭ އެވެ. އެވާހަކަވެސް ފުލުހުން ނުދައްކައެވެ. ފުލުހުން ތަކުރާރުކޮށް ބުނަމުންދަނީ އެހެން މީހަކަށް ޝައްކުކުރެވޭ ވަރަށް ހެކި ލިބިފައި ނުވާ ކަމަށެވެ. މި ކަމާއި ގުޅިގެން އަދި އަމިނަތުދިޔެ ބަންދުގައި ހުރި މުއްދަތުގައި ބުލީ ކުރިކުރުމާއި ގުޅޭގޮތުން ފުލުހުންނާއި "ސީއެންއެންއެމް" އިން ސުވާލުކޮށްލަން ގުޅާލުމުން ފުލުހުން ވަނީ އެއްވެސް ވާހަކައެއް ނުދައްކާ ފޯނު ކަނޑާލާފައެވެ. އަދި އިތުރަށް ގުޅުމުންވެސް ވާހަކަދައްކާފައެއް ނުވެއެވެ. 

ކުއްޖާގެ މަންމައާއި ބައްޕަ ހަމަ އެދުވަހު އެމީހުން ދިރިއުޅެމުންދިޔަ ޖަޒީރާގެ (ކުއްޖާގެ ކާފަ ދިރިއުޅޭ ގެ) އިން ކުއްޖާ ގޮވައިގެން ނިކުމެ ވަނީ ހިތަދޫ ފްލެޓަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އައިމިނަތު ދިޔެގެ ދިފާއުގައި ވަކާލާތު ކުރަމުންދާ މީހުން ކުރާ ސުވާލަކީ، ގޭގައި ނުރައްކަލެއް ނެތްކަމަށް ވަންޏާ އެ ގެއިން ނިކުންނަންވީ ކީއްވެތޯ އެވެ.

ކުއްޖާގެ ހައްގުގައި އަޑުއުފުލުމުގެ ބަދަލުގައި އެމައްސަލަ އޮއްބާލަން މަސައްކަތް ކުރަމުންދަނީ އަދި ފަރުދާގެ ފުރަގަހުގައި ކުއްޖާގެ މައިންބަފައިން މަޑުމަޑުން ތިބެނީ ކީއްވެތޯއެވެ؟

“ ކުއްޖާގެ އާއިލާއިން މިހާރު ބޭނުންވަނީ އެމައްސަލަ އަނބުރާ ނަގަން. އެކަމަކު އަހަރެމެން މިހާރު ބޭނުމެއް ނުވޭ އަސްލު ތުހުމަތު ކުރެވޭ މީހާއަށް ހިމާޔަތް ދީ މި މައްސަލަ އޮއްބާލަން އެމީހުން ކުރަމުންދާ މަސައްކަތް ކާމިޔާބުވިޔަ ދޭކަށް. އައިމިންދައްތައަށް ލިބުނު ގެއްލުމުގެ އިތުރުން، ކުށެއް ނެތް ކުއްޖެއްގެ ވެސް ރައްކާތެރިކަމާއި ގުޅިފައިވާ ކަމެއް މިއީ. އަސްލު ކުށްވެރިޔާ ވަނީ ފުލުހުންގެ ހިމާޔަތުގައި ހަމަ އެދުވަހު ރަށުން ފުރުވާލާފަ. ހިމާޔަތް ދީފަ” އައިމިނަތުދިޔެ އަށް އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރަމުންދާ މީހަކު ބުންޏެވެ.

އައިމިނަތުދިޔެ އަށް ކުރާ ތުހުމަތުތަކަކީ އެއްވެސް އަސްލެއް ނެތް ތުހުމަތުކެއް ކަމަށް އެރަށުގެ ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެއީ އެ ސުކޫލުގައި ހޭދަކުރި 30 އަހަރުދުވަހުތެރޭ އައިމިނަތުދިޔެގެ ފަރާތުން އެއްވެސް ކުއްޖަކަށް އެފަދަ އަނިޔާއެއް ލިބިފައި ނެތުމުންނެވެ. 

އައިމިނަތުދިޔެ ދަންނަ އެތައް ބަޔަކު އޭނާގެ ހައްގުގައި އަދިވެސް ދަނީ އަޑުއުފުލަމުންނެވެ. އޭރު މިނިވަން ކުރަން ގޮވާލި ދޫތަކުން މިއަދު ގޮވަމުންދަނީ އިންސާފު ހޯދައިދީ ގެއްލުމުގެ ބަދަލުވެސް ދިނުމަށެވެ. 

ހަމައެކަނި އައިމިނަތުދިޔެގެ ހައްގުގައެއް ނޫނެވެ. ކުޑަކުޑަ ކުއްޖެއްގެ ހައްގުތަކާއި ރައްކާތެރިކަންވެސް ގެއްލިގެންދާތީއެވެ. ހަގީގީ ކުށްވެރިޔާ ހިމާޔަތްކުރުމަށް ފެށުނީންސުރެ ބަޔަކު މަސައްކަތް ކުރަމުން ދާތީއެވެ. އެކަން އޮއްބާލަން މިއަދު ފުރުސަތު ދީފިނަމަ މާދަމާ މިފަދަ އެތައް ކުއްޖެއްގެ ވާހަކަ މިގޮތަށް ދައްކަން ޖެހިދާނެތީއެވެ. 

61%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
8%
ވަރަށް ސަލާމް
ކޮމެންޓްސް