ads
ކޮމަންވެލްތު ގައުމުތަކުގެ އެމްބަސީ ތަކުގެ ނަންބޯޑު ހައިކޮމިޝަނަށް ބަދަލުކޮށްފި
ރާއްޖެ ކޮމަންވެލްތުގެ މެމްބަރު ޤައުމަކަށްވުމާއެކު، ކޮމަންވެލްތުގެ އެހެން ޤައުމުތަކުގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ ނަންތައް، "އެމްބަސީ"ތަކުގެ ނަންބޯޑު "ހައިކޮމިޝަން"އަށް ބަދަލުކޮށްފި އެވެ.

އެގޮތުން މިއަދު އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބޯޑު ބަދަލުކޮށް، ހައިކޮމިޝަންގެ ބޯޑު ބަހައްޓަވައިދެއްވީ އެކަމަށްޓަކައި ލަންޑަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. 

މި ރަސްމިއްޔާތުގައި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި، އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ ފަރަހަނާޒް ފައިޒަލް އާއި، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލީ އާޒިމް އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް ސަބްރާ ނޫރައްދީންގެ އިތުރުން ހައިކޮމިޝަންގެ މުވައްޒަފުން ބައިވެރިވެވަޑައިގަނެފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ. 

މީގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮޝަނާއި، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި، މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބޯޑު މިއަދު ބަދަލުކޮށްފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދިފައިވެއެވެ. 

މީގެ އިތުރުން ކޮމަންލެތް ސެކްރެޓޭރިއޭޓް ހެޑްކުއާޓާޒްގައި ރާއްޖޭގެ ދިދަ އިއްޔެ ވަނީ ނަގާފައެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ކޮމަންވެލްތާއި ދިވެހި ސަރުކާރުން އަލަށް ގުޅުމަށް އެދި މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި މަޖިލީހުން އެކަމަށް ރުހުން ދިނުމުން ކޮމަންވެލްތްގައި ބައިވެރިވުމަށް ރާއްޖެއިން އެދުނެވެ. އަދި ރާއްޖެއިން ކޮމަންވެލްތާއި އަލުން ގުޅިފައިވަނީ މިހިނގާ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް