ads
މިނިސްޓަރު ފައްޔާޒު އަދި ރައީސް ނަޝީދު. ފޮޓޯ: އަވަސް
ނަޝީދު ވިދާޅުވިޔަސް ސަރުކާރާ ފެޔަށް ޖެހެވޭކަށް ނެތް: ފައްޔާޒް
އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރަކާ އެކީ ޕާޓީ ނުފެތުން ކަމަށް ވިދާޅުވެ، ސަރުކާރާއި ފެޔަށް ޖެހުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލެއްވި ގޮވާލެއްވުމަށް، އެޕާޓީގެ ޗެއަޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒް އިސްމާއިލް ރައްދުދެއްވައިފި އެވެ.

ފުވައްމުލަކު ސިޓީގައި ފައްޔާޒުގެ ކެމްޕެއިން ޓީމުން ރޭ ބޭއްވި "ހިންގާލަން ކެމްޕެއިން" ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިދާޅުވީ، އެމްޑީޕީ ވާންޖެހޭނީ ޕާޓީ ވަރުގަދަކޮށް ބާއްވާ މެމްބަރުންނާއި، ސަޕޯޓަރުންގެ އަތުގައި އެމްޑީޕީ ބާއްވައިގެން ސަރުކާރާއި ގުޅިގެން ރައްޔިތުންނަށް ދިމާވާކަންކަން ހައްލުކުރާ ޕާޓީއަކަށް ކަމަށެވެ.

އެކަން ކުރެވޭނީ ޕާޓީއާއި ސަޕޯޓަރުންނާއިވެސް ގުޅިގެން ކަމަށާއި، ޕާޓީއާއި ސަރުކާރާއި ވެސް ގުޅިގެން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ވިދާޅުވިޔަސް ފެޔަށް ޖެހިގެން އެކަން ނުވާނެކަމަށް އޭނާ ވިދާޅުވިއެވެ. 

"ފެޔަށް ޖެހިގެން މިކަމެއް ނުވާނެ އިނގޭތޯ. ވަރަށް އިހްތިރާމާއެކު ރައީސް ނަޝީދު ވިދާޅުވި ކަމަށް ވީނަމަވެސް އަޅުގަނޑު ވަރަށް އިހުތިރާމާއިއެކު މިދަންނަވަނީ ސަރުކާރާއި ފެޔަށް ޖެހުމަކީ އެއްވެސް ގޮތަކަށް ރަނގަޅު ކަމެއް ނޫން. ސަރުކާރާއި އެއްކޮށް މަސައްކަތް ކުރެވޭނެ ގޮތެއް ހޯދުމަކީ މީގަ އޮތް އެންމެ ރަނގަޅު ގޮތަކީ" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު އިތުރަށް ވިދާޅުވީ، ސަރުކާރާއި ފެޔަށް ޖެހިގެން 2023 ހޯދޭނެ ކަމަށް ވިސްނުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށާއި، ސަރުކާރާއި ފެޔަށް ޖެހިއްޖެނަމަ 2023 އެމްޑީޕީއަށް ގެއްލޭނެ ކަމަށެވެ. އަދި 2023 އޭރުން ކާމިޔާބު ވާނީ އިިދިކޮޅަށް ކަަމަށާއި، އެ އަހަރު އިދިކޮޅަށް ދޫކޮށްލައިފިނަމަ 2028 އެމްޑީޕީއަށް އަލުން ނެނގޭނެ ގޮތެއް އެމަނިކުފާނު ވިސްނުމަށް ނާންނަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. 

" ސަރުކާރާއި ފެޔަށް ޖެހި 2023 އަޅުގަނޑުމެނަށް ގެއްލި 2028 ހޯދޭނެ ކަމަށް ވިސްނުމަކީ ރަނގަޅު ވިސްނުމެއް ނޫން. އަޅުގަނޑުގެ ބުއްދިއަކަށް އެއްގޮތަކަށްވެސް ނުވިސްނޭ 2023 އަޅުގަނޑުމެން އިދިކޮޅަށް ދޫކޮށްލާފަ 2028 ނެނގޭނެ ގޮތެއް" ފައްޔާޒް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވިޔަސް ސަރުކާރާއި ފެޔަށް ޖެހިވަޑައި ގަނެވެން ނެތްކަމަށް ފައްޔާޒު ވިދާޅުވެފައި މިވަނީ،   އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެެއް މި ޗެއާޕާސަން އިންތިހާބު ފެށުނީންސުރެ ރައްދުކުރެވެމުންދާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ވަޓްސް އެޕް ގޫރޫޕް ތެރޭގައި "މިވަގުތު އެމްޑީޕީއަށް ރަނގަޅު ގޮތަކީ ފެތެމުންދާ ސަރުކާރަކާ އެކީ ޕާޓީ ނުފެތުން" ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވާހަކަދައްކަވާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައެވެ. ކޯލިޝަނަށް އިޝާރަތްކުރައްވާ ނަޝީދު އެދުވަހު ވިދާޅުވީ، މި ސަރުކާރަކީ އެމްޑީޕީގެ އެކަނި ސަރުކާރެއް ނޫން ކަމަށާއި މެމްބަރުން އެދޭ ގޮތަށް ޕާޓީގެ ވައުދުތައް ވެސް ނުފުއްދޭ ކަމަށެވެ.

ކުރިއަށްއޮތް އެމްޑީޕީ ޗެއަޕާސަން އިންތިހާބާއި ގުޅިގެން ޕާޓީތެރޭގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް ވަނީ އުފެދިފައެެވެ. ރައީސް ނަޝީދު ތާއިދުކުރައްވާ ކެންޑިޑޭޓު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ޕާޓީގެ ޗެއަޕާސަން އަކަށް ގެނައުމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތަކީވެސް ޕާޓީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޮންނާނެ ގޮތެއް ނިންމުމަށް ވަރަށް މުހިންމު ރޯލެއް އަދާކުރާނެ ކަމެއްކަމަށް ކުރީގެ ޗެއަ ހަސަން ލަތީފުވެސް ވަނީ ވިދާޅުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް