ads
މަގުމައްޗަށް އަޅާފައިވާ އިންޑިއާ އައުޓް ގަނޑުތަކެއްް——ފޮޓޯ:ސީއެންއެމް
މަގުތަކަށް "އިންޑިއާ އައުޓް" އަޅާ 4 މީހަކު ދެނެގަނެވިއްޖެ
މަގުތަކަށް “އިންޑިއާ އައުޓް” ލިއުންތައް އަޅާ ހަތަރު މީހަކު ދެނެގަނެވި ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ބުނީ، މާލޭގެ އެކި ސަރަހައްދުތަކުގައި "އިންޑިއާ އައުޓް" ކުރަހައި، ލިޔުންތައް އަޅަމުންދާ މައްސަލައާ ގުޅިގެން މީހުން ދެނެގަނެ، އެމީހުންގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

އެގޮތުން އެކަން ކުރާ ހަތަރު މީހަކު ދެނެގަނެވި އެމީހުންގެ މައްސަލަތައް ފުލުހުން މިހާރު ތަހުގީގު ކުރަމުންދާ ކަމަށް ބުންޏެވެ.

ނަމަވެސް މިމައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވިއެވެ. އެމީހުންގެ އެއްވެސް މައުލޫމާތެއްވެސް ހާމައެެއް ނުކުރެއެވެ.

މަގުތަކަށް “އިންޑިއާ އައުޓް” ލިއުންތައް އަޅާ ހަތަރު މީހަކު ދެނެގަނެވި ތަހުގީގުކުރަމުންދާ ފުލުހުން ބުނިއިރު، މިއަދުގެ އިރުއެރިއިރު، ރައީސް ޔާމީންގެ ގެކޮޅާއި، ޕީޕީއެމް އޮފީހުގައި ވަނީ ރައީސް ޔާމީން ހައްޔަރުކުރުމަށް ގޮވާލާ ސްޕްރޭ ކޮށްފަ އެވެ. އަދި އެފަދަ ލިއުންތަކެއްވެސް އަޅާފައިވެއެވެ.

މިމައްސަލަވެސް ފުލުހުންނަށް ހުށަހާޅާފައިވާއިރު، އެ މީހުން ދެނެގަނެވިފައިވާކަން ނުވަތަ ނޫންކަން ފުލުހުން އަދި ހާމައެއްް ނުކުރެއެވެ. 

ރައީސް ޔާމީން ޖަލުން މިނިވަންވުމާއި އެކު އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަން ގަސްތުކުރާ ކަމެއްގެ ގޮތުގައި އިއުލާންކޮށްފައިވަނީ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ކުރަމުން އަންނަ މަސައްކަތެވެ. 

އެމްއެމްޕީއާރްސީ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދަނިކޮށް، ދެ އަހަރު ފަހުން މިނިވަންވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިންޑިއާ އައުޓުގެ ނަމުގައި ހިންގާ ހަރަކާތަކީ އިދިކޮޅުގެ ވަރަށް މަދު ބަޔަކު ކުރާ ކަމެއް ކަމަށް ބުނެ ވާހަކަތައް ދެކެވެމުންދާކަމަށެވެ. 

ނަމަވެސް އެ ދުވަހުގެ ޖަލްސާގައި ރައީސް ޔާމީން ވަނީ އެއީ އިދިކޮޅުގެ މަދު ބަޔަކު އިސްވެ އޮވެ ކުރާ ކަމެއް ނޫންކަމާއި އެމަސައްކަތަކީ ހުދު އެމަނިކުފާނު އިސްވެ ހުރެ ހިންގަވާ އަދި ކުރިއަށް އޮތްތާގައި ހިންގަވާނެ ހަރަކާތެއްކަން ރަސްމީކޮށް އިއުލާންކުރައްވާފައެވެ.

އެއަށްފަހު އިންޑިއާ އައުޓް ޕެޓިޝަންގައި ސޮއި ކުރުމުގެ ހަރަކާތްތެއް މިދިއަހަރުގެ ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު އިއުލާންކޮށްފައި ވަނިކޮށް އަނެއް ދުވަހުގެ އަލިވިލުނުއިރު، އިންޑިއާ އައުޓް ޖެހި ކަރުދާސްތަކެއް މާލޭގެ އެކި ސަރަހައްދުތަކަށް އަޅާފައިވެއެވެ.

އޭގެފަހުން އެކި ފަހަރުމަތިން މިއަދާއި ހަމަޔަށްވެސް އިންޑިއާ އައުޓް ޖެހި ކަރުދާސްތައް މަގުތަކަށް ދަނީ އަޅަމުންނެވެ. މިއަދުވެސް އެފަދަ ކަރުދާސްތަކެއް ވަނީ އަޅާފައެވެ.

އިންޑިއާ އައުޓު ޖެހި ކަރުދާސް މަގުތަކަށް އަޅާ މައްސަލަގަައި އެކަން ކުރާ މީހުން ދެނަގަތުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ، އެ ހަރަކާތަކީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމެއްކަމަށް ކަނޑައަޅާ އެކަން ހުއްޓުވުމަށް އަމުރުކޮށް ރައީސް ނެރުނު ގަރާރަށް ފަހުއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް