
ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެޕޯލޯ ކްސްޓަރްކްޝަނުން ދެވަނަ ފިޔަވަހީގައި ހަދަމުންދިޔަ އިމާރާތެއްގެ މަތީގައި ދެ މީހަކު މަސައްކަތް ކުރަމުންދިޔައެވެ. އިމާރާތުގެ އެންމެމަތީގައި އޮތް ފިލާތަކެއް ނަގަން މަސައްކަތް ކުރަމުންދަނިކޮށް ގަދަވަޔާއިއެކު ފިލާތައް ވަނީ ވިއްސައިގެން ގޮސް އިމާރާތުގެ އެންމެ ތިރިން މަގުމައްޗަށް ވެއްޓިފަ އެވެ.
ގާތްގަނޑަކަށް ފަސްވަރަކަށް ފިލާ ވިއްސައިގެން ގޮސް މަގުމައްޗަށް ވެއްޓުނުއިރު، އިމާރާތުގައި ޖަހާފައި ހުރި ވަރުގަދަ ދަގަނޑުގަޑެއްވެސް ވަނީ ލުހިގެން ގޮސް މަގުމައްޗަށް ވެއްޓިފައެވެ. އެވަގުތު މަގުތީގައިވެސް މީހުން ހަރަކާތްތެރިވަމުންދިޔައިރު، މީހެއްގެ ގައިގާ ނުޖެހި ސަލާމަތްވީ ހަމަ ކިރިޔާ އެވެ.
ފިލާތައް ވިއްސައިގެން ދިޔަވަގުތު ބެލެވެނީ އެދެމީހުން އުޅުނީ ގަދަވައިގެ ސަބަބުން އެތަކެތި އެހެން ތަނަކަށް ބަދަލުކުރާށެވެ. ނަމަވެސް އޭގެ ކުރިން އެ ފިލާތައް ވިއްސާގެން ދިޔައީ އެމީހުންގެ ބޯމަތިންނެވެ.
ދުރުން ނަގާފައިވާ އެ ވީޑިއޯއިން ފެންނަ ގޮތުން ފިލާތައް ވިއްސައިގެން ދިޔައިރު އެމީހުންނަށްވެސް ގެއްލުން ވާނެއެވެ.
މި ހާދިސާ ހިނގާފައި މިވަނީ މެދުރާއްޖެތެރެއާއި އުތުރު ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، 50 މޭލަށް ވައިބާރުވާނެތީ އެކަމަށް ސަމާލުވުމަށް ރާއްޖޭގެ ގައުމީ މޫސުމާއި ބެހޭ އިދާރާ(މެޓް)އިން އިލްތިމާސްކޮށްފައި ވަނިކޮށެވެ.
މި ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެޗްޑީސީން ވަނީ ހުޅަނގު މޫސުމުގެ ވިއްސާރަޔާއެކު ވައިގަދަވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކަލަކަށް ސަމާލުވެ ރައްކާތެރިވެތިބުމަށް އިލްތިމާސްކޮށްފަ އެވެ.
ގަދަވަޔާއިއެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުންދިޔަ އިމާރާތެއް މަތީ ހުރި ފިލާތަަކެއް ވިއްސައިގެން ގޮސް ނުރައްކާތެރި ހާދިސާއެއް މިއަދު ހިނގިއިރު، މިދިޔަ ބުރާސްފަތި ދުވަހުވެސް ވަނީ ވިއްސާރައާއި ގަދަވަޔާއިއެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕާކުކޮށްފައިވާ ގިނައަދަދެއްގެ ސައިކަލުތަކެއް ވެއްޓި ގެއްލުންތަކެއް ވެފައެވެ.
މީގެ ކުރިން ވެސް މި މޫސުމުގައި ވައިގަދަވެ މިފަދަ ހާދިސާތައް ހިނގާފައިވެއެވެ. ބާރަށް ވައިޖެހި މޫސުން ގޯސްވާ މިދުވަސްވަރު އިމާރާތްތަކުގައި މަސައްކަތް ނުކުރުމަށާއި، ވިއްސައިގެން ދާ ގޮތަށް އިމާރާތްތަކުގައި ތަކެތި ނުބެެހެއްޓުމަށް ޑިޒާސްޓަ މެނޭޖްމެންޓު ސެންޓަރުން އަބަދުވެސް އިލްތިމާސް ކުރެއެވެ.
ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާކަން ހާމަކޮށް މެޓުން ރޭ ދަންވަރު ބުނީ، މިއަދުގެ މޫސުން ގޯސްވެ، “ކަނޑުތައްވެސް ވަރަށް ގަދަވާނެ” ކަމަށާއި، 50 މޭލަށް ވައިވެސް ބާރުވާނެ ކަމަށެވެ.
އެގޮތުން މިއަދާއި މާދަމާގެ ރާޅުގެ އުސްމިން ފަސް ފޫޓާއި، އަށް ފޫޓަށް އުފުލޭނެކަމަށް މެޓުން ލަފާކުރެއެވެ.
އަދި ވައިބާރުވުމުގެ ސަބަބުން ރ. އަތޮޅުން ވ. އަތޮޅަށް، ބ. އަތޮޅުން މ. އަތޮޅަށް ޔެލޯ އެލާޓުވެސް ނެރެފައިވާއިރު، ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ޖެހުން އެކަށީގެންވާކަމަށް މެޓުން ބުނެއެވެ.
މެޓުން މިމަހުން ފެށިގެން ސެޕްޓެމްބަރު މަހާއި ހަމަޔަށް ލަފާކުރާ މޫސުމުގައި ވާގޮތުން އެންމެ އުތުރު އަތޮޅުތަކަށް އާންމުކޮށް ވެހޭވަރަށްވުރެ އިތުރުވާނެ ކަމަށް ބެލެވެއެވެ.