ads
ރައީސް ޔާމީން
ޔާމީން އާއި ދައުލަތުން ހުށަހެޅި ކަންތައްތައް ބަލައި ނުގަންނަން ނިންމައިފި
ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިިވާ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ހިފާފައިވާ ކަމުގު ދައުވާގައި، ޝަރީއަތް ފެށުމުގެ ކުރިން ދައުލަތުންނާއި، ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް ބަލައި ނުގަންނަން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

މި މައްސަލާގައި ރައީސް ޔާމީންގެ އިތުރުން ދެން ދައުވާ އުފުލާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ރިޝްވަތު ދިނުމުގެ ދައުވާ އެވެ. 

މި މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ދެފަރާތުންވެސް ހުށަހެޅުމަށް 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ. ދައުލަތުގެ ފަރާތުން ބައެއް ހެކި ރައްކާތެރި ކުރުމަށް ހުށަހެޅި އިރު، ރައީސް ޔަމީންގެ ފަރާތުން ވަނީ ދައުވާ ކުރިއަށް ނުގެންދެވޭނެ ސަބަބުތަކާއި ދައުވާގައި ފުރިހަމަ ނުވާ ކަމަށް އެ ފަރާތްތަކުން ގަބޫލުކުރާ ކަންކަން ހުށަހަޅާފަ އެވެ. 

މި މައްސަލައިގެ މިއަދުގެ އަޑުއެހުން ފެށުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ، ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށައެޅުންތައް ހުށަހެޅުމަށް މުއްދަތް ގުނީ ކިހިނެއްތޯ ސުވާލު އުފައްދާފަ އެވެ. 

މި މައްސަލާގައި ދައުލަތުގެ އިތުރުން މައްސަލަ ރައްދުވާ އަނެއް ދެ ފަރާތުންވެސް ހުށަހަޅަންޖެހޭ ކަންކަން ހުށަހަޅާފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ. އެގޮތަށް ހުށަހެޅީ، މިދިޔަ އޭޕްރީލް 11, ގައި ބޭއްވި އަޑުއެހުމުގައި 15 ދުވަހުގެ ފުރުސަތެއް ދިނުމުން ހުރިހާ ފަރާތަކުން ވެސް މުއްދަތު ބަލާފައި ވަނީ ދެމެދަށް އަންނަ ބަންދު ދުވަސްތައް ނުހިމަނަ އެވެ.

އެހެން ނަމަވެސް އިސް ގާޒީ ވިދާޅުވީ، ގާނޫނުގައި ވާގޮތުން މުއްދަތް ގުންނަން ޖެހޭނީ، ރަސްމީ ބަންދު ދުވަސްތައްވެސް ހިމަނައިގެން ކަމަށާއި، އެހެން ކަމުން އޭޕްރީލް މަހުގެ 27 ވަނަ ދުވަހާއި ހަމައަށް މުއްދަތް ހަމަވެފައި ވާކަމަށެވެ. އެހެން ކަމުން މި މައްސަލާގައި ހިމެނޭ ތިން ފަރާތުންވެސް ހުށަހެޅި ހުށަހެޅުންތައް ބަލައި ނުގަންނަން ނިންމާފައި ވާކަމަށް އިސް ގާޒީ ވަނީ ވިދާޅުވެފަ އެވެ. 

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ވަނީ، މި މައްސަލައިގެ ޝަރީއަތް ފެށޭއިރު، ޝަރީއަތްތައް ލައިވް ކުރެވޭނެތޯ ސުވާލު ކުރައްވާފަ އެވެ. އެކަމާއި ގުޅިގެން ގާޒީ ވިދާޅުވީ، މި މައްސަލައިގެ ޝަރީއަތްތައް ފެށޭއިރު، އަޑުއެހުންތައް ލައިވް ކުރެވޭނެ ކަމަށެވެ. 

މިއަދު ކުރިއަށް ދިޔަ އަޑުއެހުން ނިންމަވާލައްވަމުން އިސް ގާޒީ ވިދާޅުވީ، ދެން އޮންނާނީ މި މައްސަލައިގެ ޝަރީއަތް ފެށުން ކަމަށާއި، އަންނަ މަހުގެ ދެ ވަނަ ދުވަހު މި މައްސަލައިގެ އިބްތިދާއީ ބަޔާން އިއްވުން އޮންނާނެ ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް