ads
މަޖިލިސް ޖަލްސާއެއް: މަޖިލީހުން ހަމަހަމަކަން ކަށަވަރުކޮށް ދޭން ޖެހޭނެ--
ފްލެޓް ހޯދައިގެން ކުށްވެރިވާންވީ ދެ ފަނޑިޔާރުން އެކަނި ތަ، އެހެން ފަނޑިޔާރުން ކޮބާ!
ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ފެށިފަހުން އަނެއްކާ ވެސް އަޅުގަނޑުމެން މި ތިބީ، ފަނޑިޔާރުގެއާ ގުޅޭ ބޮޑު ނިންމުމެއްގެ އިންތިޒާރުގަ އެވެ. ޖޫޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެފަނޑިޔާރަކު މަގާމުން ވަކިކުރަން ނިންމީ އެވެ. އެއީ އެކޮމިޝަނުން ބެލި ސުލޫކީ މައްސަލައެއް ދެ ފަނޑިޔާރެއްގެ މައްޗަށް ސާބިތުވުމާ ގުޅިގެންނެވެ.

މި ދެފަނޑިޔާރުންގެ މައްޗަށް ހުށަހެޅުނު މައްސަލައަކީ،  ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް ގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދެމެހެއްޓުމަށް ހުކުމްކުރުމަށްފަހު، ހާއްސަ ހެޔޮ އަގެއްގައި ފްލެޓް ބައްލަވައިގަތްކަމަށް ބުނާ މައްސަލައެކެވެ. މި މައްސަލަ ބެލުމަށް ކޮމިޝަނުން ފުރަތަމަ އެކުލަވާލި ތިންމެންބަރުންގެ ކޮމިޓީން ނިންމާފައިވަނީ، ދެ ފަނޑިޔާރުންގެ މައްޗަށް މި މައްސަލަ ސާބިތުނުވާކަމުގަ އެވެ.

ފަނޑިޔާރުންގެ ސުލޫކާ ހިލާފު އަމަލެއް މި ދެ ފަނޑިޔާރުން ހިންގަވާފައި ނުވާ ކަމުގައެވެ. ތަހުގީގުކޮމިޓީގެ މިނިންމުން ކޮމިޝަނަށް ހުށަހެޅުމުން، ކޮމިޝަނުން ނިންމާފައިވަނީ، އެ ނިންމުމުގައިވާ ކަންކަން އިތުރަށް ސާފުކުރަންޖެހޭތީ މައްސަލަ އަނބުރާ ތަހުގީގުކޮމިޓީއަށް ފޮނުވުމަށެވެ. ދެން ފެނުނީ، ތަހުގީގު ކޮމިޓީގައި ހިމެނޭ ކޮމިޝަނުން ބޭރު މެންބަރަކު އިސްތިއުފާ ދިންތަނެވެ. އިސްތިއުފާ ދިން މެންބަރުގެ ބަދަލުގައި ކޮމިޝަނުންގެ މެންބަރަކު ކޮމިޓީއަށް އައްޔަން ކުރެވުނެވެ. ކޮމިޓީން މައްސަލަ އަލުން ބެލުމަށްފަހު ތިން ނިންމުމެއް ނިންމާފައިވެއެވެ. 

އެ ނިންމުންތަކަކީ:

  • ދެ ފަނޑިޔާރުން ފްލެޓް ބައްލަވައިގެންނެވި ވިޔަފާރި މުއާމަލާތާ ހުށަހެޅިފައިވާ މައްސަލައިގައި ބުނެފައިވާ ހައިކޯޓުގެ ހުކުމާ އެއްވެސް ގުޅުމެއް ނުވާކަން.
  • ފަނޑިޔާރުންނަށް ދޭ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ރައްޔިތުންގެ މަޖްލީހުން ކަމުގައި، ޤާނޫނުއަސާސީގެ 152 ވަނަ މާއްދާގައި އޮވެފައި، މަޖްލީހުން މިފަދަ "އިނާޔަތެއް" ފަނޑިޔާރުންނަށް ދިނުމަށް ނިންމާފައި ނުވާތީ، ފްލެޓް ގަތުމަށް ސަރުކާރުން ދިން ފުރުސަތުގެ ބޭނުން ހިއްޕެވުމަކީ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ ދެ މާއްދާއަކާ ހިލާފު އަމަލެއް ކަމަށްވާތީ، ދެފަނޑިޔާރުންގެ މައްޗަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލަ ސާބިތުވާކަން.
  • ފަނޑިޔާރު އަލްއުސްތާޒު ޢަބްދުﷲ ޙަމީދު، މުސާރަ ނުލިބޭ ގޮތަށް ދެ ހަފްތާގެ މުއްދަތަށް ސަސްޕެންޑްކުރުމާއި، ފަނޑިޔާރު އަލްއުސްތާޒު ޢަބްދުއްރައޫފް އިބްރާހީމްގެ މަގާމް ދަށްކުރުން.  މި ތިން ނިންމުމެވެ.

ތަހުގީގު ކޮމިޓީގެ ތިން ވަނަ ނިންމުމާ ހިލާފަށް ކޮމިޝަނުން ނިންމެވީ، ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖްލީހަށް ހުށަހެޅުމަށެވެ. ކޮމިޝަންގެ މި ނިންމުމުގެ އިޖުރާއާތުތަކާ ގުޅިގެން ރައްޔިތުންގެ މަޖްލީހުގެ ޖުޑިޝަރީ ކޮމިޓީއާ  ކޮމިޝަނާ މެދު އުފެދުނު ދެބަސްވުމާ ބެހޭގޮތުން އެއްޗެއް ދަންނަވާކަށް ނެތީމެވެ. ދެކޮޅުގައި ތިއްބެވި ބޭފުޅުންނަށް ބަލާއިރު، މި މައްސަލަ ހައްލުނުވެ ގިނަދުވަސްތަކެއް ވެދާނެއެކޭ އަޅުގަނޑުގެ ހިތެއް ނުބުނެއެވެ. މައްސަލަ ހައްލުވުމާއެކު، ދެން އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މި ދެފަނޑިޔާރުން މަގާމުން ވަކިކުރުމާމެދު ގޮތެއް ނިންމުމެވެ. މިހައި ހިސާބުން މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ބަލައިލާނަމެވެ. އޭރުން އަސްލު މައްސަލައަކީ ކޮބައިކަން ދެނެގަނެވޭނެ އަންދާޒާއެއް ކުރެވޭނެކަމުގައި ހީވެއެވެ.

މަޖްލީހުގެ ނިންމުމެއް ނެތި ފަނޑިޔާރުންނަށް ފްލެޓް ދިނުމަކީ، ރާއްޖޭގައި އަލަށް ކުރެވުނު ކަމެއް ނޫނެވެ. މީގެ ކުރިން ރާއްޖޭގެ ސުޕްރީމްކޯޓުގެ ހުރިހައި ފަނޑިޔާރުނަށް ސަރުކާރުން، ފްލެޓް ބައްލަވައިގަތުމުގެ ފުރުސަތު ދެއްވުމުން އެ ހުރިހައި ފަނޑިޔާރުން ފްލެޓް ބައްލައިގަތެވެ. މިއަދާހަމަށް މިއިން އެއްވެސް ފަނޑިޔާރެއްގެ ކިބައިން އެއިން ފްލެޓެއް ވަކިކޮށްފައެއް ނުވެއެވެ. ދައުލަތުގެ އެއްވެސް އިދާރާރާއަކުން މި ކަމާ ގުޅުވައިގެން މިއިން ފަނޑިޔާރަކާ މެދު  ފިޔަވަޅެއް އަޅާފައެއް ވެސް ނުވެއެވެ.

ކޮންމެއަކަސް މި ދެފަނޑިޔާރުން މަގާމުން ވަކިކުރަންޖެހޭ ކަމުގައި ޖޭއެސްސީން އެ ވަނީ ނިންމާފަ އެވެ. ސަބަބެއް ކަމުގައި އެ ކޮމިޝަނުން ބުނެފައިވަނީ، މީގެ ތިން އަހަރެއްހައި ދުވަސްކުރިން، ސަރުކާރުން ހައިކޯޓުގެ ފަޑިޔާރުންނަށް ދެއްވި ފުރުސަތެއްގެ ބޭނުން ހިއްޕަވައި، ފްލެޓް ބައްލަވައިގެންފައި ވުމެވެ. މި މައްސަލަ ހުށަހެޅި (ކާކުކަން ނޭގޭ) ފަރާތުން، ކޮށްފައިވާ ހުރިހައި ތުހުމަތުތަކަކަށް މި ދެ ފަނޑިޔާރުން އިންކާރު ކުރައްވައެވެ. ފްލެޓް ބައްލަވައިގަތުމަކީ ސުލޫކީ މައްސަލައެއް ކަމުގައި އެބޭފުޅުން ގަބޫލުފުޅެއް ނުކުރައްވަ އެވެ. ސަބަބުތައް ވެސް މި މައްސަލައިގެ ތަހުގީގުގައި އެ ދެބޭފުޅުން ވަނީ ވިދާޅުވެދެއްވާފަ އެވެ. އެ ސަބަބުތައް ހުލާސާ ގޮތެއްގައި ލިޔެވޭތޯ ބަލާނަމަވެ. ފްލެޓް ބައްލަވައިގެންފައިވަނީ އެހެން މީހުންނާތަފާތު ހެޔޮ އަގަކަށް ނޫނެވެ. ސަރުކާރުން ހައިކޯޓުގެ ހުރިހައި ފަނޑިޔާރުންނަށް ފްލެޓް ގަތުމަށް ހުޅުވާލި ފުރުސަތަކީ ގާނޫނުގައި ބުނާ "އިނާޔަތެއް" ވެސް ނޫނެވެ. ސަބަބެއް ކަމުގައި އެބޭފުޅުން ވިދާޅުވަނީ، " އިނާޔަތެއް" މި ބަހުގެ މާނައަކީ ކޮބައިކަން ބަޔާންކޮށްފައިވާ ހަމައެކަނި ގާނޫނު ކަމުގައިވާ، ފަނޑިޔާރުންގެ ގާނޫނުގައި މި ބަހަށް ދީފައިވާ މާނައިގެ ތެރޭގައި ވިޔަފާރިއެއްކޮށް އެއްޗެއް ގަތުމުގެ ފުރުސަތު ނުހިމެނެއެވެ. އެ ޤާނޫނުގައި "އިނާޔަތް" ކަމުގައި ބުނެފައިވަނީ ފަނޑިޔާރަކަށް މުސާރައިގެ އިތުރުން ދައުލަތުން ލިބޭ ފައިސާގެ އެހެނިހެން އިނާޔަތްތަކާއި، މަގާމުގެ ހައިސިއްޔަތުން ލިބޭ އެހެނިހެން ހިދުމަތްތަކަށެވެ.

މި މައްސަލައިގައި ސަރުކާރުން ފަނޑިޔާރުންނަށް ދެއްވީ ފައިސާގެ އިނާޔަތެއް ނޫނެވެ. ދެ ފަނޑިޔާރުން ވިދާޅުވަނީ އެއީ ހިދުމަތެއް ނުވަތަ "ސާވިސް" އެއްވެސް ނޫންކަމުގަ އެވެ. އެހެންކަމުން އެބޭފުޅުންގެ ނަޒަރުގައި ފަނޑިޔާރުންނަށް ފްލެޓް ގަތުމުގެ ފުރުސަތު ދިނުމަށްޓަކައި، ކޮންމެހެން އެކަން ރައްޔިތުންގެ މަޖްލީހުން ފާސްކުރާކަށް ނުޖެހޭނެއެވެ. ކަން އޮތް ގޮތަކީ މިއީ ކަމުގައި ވާތީ، ފަނޑިޔާރުންގެ މަސްތަގިއްލުކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުގެ އެންމެ އިސްވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ ހައިކޯޓުގެ ހުރިހައި ފަނޑިޔާރުންނަށް ފްލެޓް ބައްލަވައިގަތުމުގެ ފުރުސަތު ދެއްވުމުން އެ ފުރުސަތުގެ ބޭނުން ހިއްޕެވުމަކީ ސުލޫކީ މައްސަލައަކަށް ވާނެކަމުގައި ދެފަނޑިޔާރުން ގަބޫލުފުޅެއް ނުކުރައްވައެވެ.  

ސަރުކާރުން ފަނޑިޔާރުންނަށް ފްލެޓް ދެއްވުން ގާނޫނު އަސާސީ އާ ހިލާފުވޭތޯ އާއި ދެ ފަނޑިޔާރުން ފްލެޓް ބައްލަވައިގަތުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއްތޯ ބަލައި އެކަމުގައި ގޮތެއް ކަނޑައަޅާކަށް އަޅުގަނޑު ނެތީމެވެ.  

އަޅުގަނޑުގެ ހިތަށް ވަންނަނީ މުޅިން އެހެން ސުވާލުތަކެކެވެ. ފަނޑިޔާރުންނަށް، އަމިއްލަފުޅު ހިޔާވައްސެއް ލިބެން އޮތީ، މަޖްލިހުން ހާއްސަ ހުއްދަ ދެއްވައިގެން ކަމަށްވާނަމަ، މަޖްލީހުން އެ ހުއްދަ ނުދެއްވައި އޮތީ ކީއްވެގެންތޯއެވެ؟ ޓީޗަރުންނަށާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށާއި، މިނޫން ވެސް ދައުލަތުގެ އެކި ވަޒީފާތައް އަދާކުރައްވާ ބޭފުޅުންނަށް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކުން، ފްލެޓްގަތުމަކަށް ގާނޫނީ ހުރަހެއް ނެތެވެ.

ފަނޑިޔާރުން ފަނޑިޔާރުންނަށް ވީތީ އެ ފުރުސަތުން މަހްރޫމްވާންޖެހޭ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެ އެވެ. ފަނޑިޔާރުންގެ މުސްތަޤިއްލުކަން ކަށަވަރުކުރުމަށްޓަކައި، އެ ބޭފުޅުނަށް ދައުލަތުގެ ފަރާތުން ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަކީ، މައްސަލައެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ދައުލަތުގެ އެހެނިހެން ވަޒީފާތައް އަދާކުރައްވާ ބޭފުޅުންނަށް ފްލެޓް ގަތުމުގެ ފުރުސަތު އޮންނައިރު، ފަނޑިޔާރުންނަށް އެފުރުސަތު ފަހިކޮށްދިނުން އަޅުގަނޑު ދެކޭގޮތުގައި އަދި މާ އައުލާކަން ބޮޑެވެ. އެއީ އެބޭފުޅުން ކުރައްވާ މަސައްކަތްޕުޅުގެ ބާވަތުންނެވެ.  

އަޅުގަނޑު މި ދެ ފަނޑިޔާރުން ދިފާއ ކުރަނީއެއް ނޫނެވެ. ނަމަވެސް ދައުލަތުގެ މުއައްސަސާތަކުން ނިންމާ ނިންމުންތަކަކީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ނިންމާ ނިންމުންތަކަކަށް ވާންޖެހޭނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރަކު (ޖޭ.އެސް.ސީ އިން ބުނާގޮތުން) ގާނޫނު އަސާސީ އާ ހިލާފަށް، ސަރުކާރުން ދެއްވި ފްލެޓެއް ބައްލަވައިގެން ހުންނަވަނިކޮށް، އެ ކޮމިޝަނުން ވަނީ، އެމަނިކުފާނު ޝަރަފްވެރިކަމާއެކު، ރިޓަޔަ ކޮށްދެއްވާފަ އެވެ.

އެ ފަނޑިޔާރުގެ ސުލޫކީ މައްސަލަ އެއްވެސް އޭރު ކޮމިޝަނުން ބަލަމުން ދިޔަކަމަށް ވެއެވެ. އެއީ ފްލެޓް ބައްލަވައިގެން މައްސަލަކަމެއް ޔަގީނެއް ނޫނެވެ. ކޮންމެއަކަސް، ކުރެއްވީ އެއްކަމެކެވެ. ކޮމިޝަންގައި ތިއްބެވީވެސް ހަމަ އެއް ބޭފުޅުންތަކެކެވެ. އެކަމަކު ނިންމުން ތަފާތު ވެއްޖެއެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މައްސަލަ ނުވެސް ބައްލަވައެވެ. މި ދެފަނޑިޔާރުންގެ މައްސަލަ މި އޮތީ ބައްލަވާފައެވެ. ނަމަވެސް ބެއްލެވި މައްސަލައިގައި ދެފަނޑިޔާރުން ކުރައްވާފައިވާ ކަމަށް ތުހުމަތުކުރެވުނު ކަންކަން އެ ބޭފުޅުން ކުރައްވާފައިވާކަން ސާބިތެއް ނުވިއެވެ. ސުލޫކީ މައްސަލައެއް ސާބިތުވާކަމަށް  ނިންމަވާފައިވަނީ މުޅިން އެހެން ސަބަބެއް ދައްކަވާފައެވެ. މީގެ މާނައަކީ، ކޮމިޝަނުން ޝަރަފްވެރި ކަމުގެ ލަޤަބް ދެއްވި ފަނޑިޔާރާއި، މި ދެ ބޭފުޅުންނާ ހުރި ހަމައެކަނި ތަފާތަކީ، މަސައްކަތްޕުޅުކުރައްވާ ކޯޓުގެ ނަމެވެ. ވީއިރު، ކޮމިޝަނުން ކުރިޔާ ތަފާތު ނިންމެވުމެއް މި ދެ ފަނޑިޔާރުންނާ މެދު މި ނިންމެވީ ކީއްވެގެންތޯއެވެ؟

ދެ ފަނޑިޔާރުން ބޭނުން ހިއްޕެވި ފުރުސަތަކީ އޭގެ ޒާތުގައި އެބޭފުޅުންނަށް ލިބިގެންނުވާނޭ ފުރުސަތަކަށް ނުވިނަމަވެސް، އެކަން ކުރައްވާފައި އެވަނީ ގާނޫނު އަސާސީ އާ ހިލާފަށް ކަމަށް ބަޔަކު ތުހުމަތުކޮށްފި އެވެ. ޖޭ.އެސް.ސީ ގެ ނިންމުމަކީ އެއީ އެވެ. މިހިސާބުން އެހެން ސުވާލެއް އުފެދިއްޖެއެވެ. ފްލެޓް ގަތް މީހުން ކުށްވެރިކޮށް އަދަބުދޭ އިރު ފްލެޓް ދިން މީހުނަށް ވަނީ ކިހިނެއް ހެއްޔެވެ؟ މިއީ، ދޭ މީހާ ދިނަސް ކާ މީހާ ކާންވާނީ ބަލައިގެންނޭ ބުނާ "ހަމަ" އިން ނިންމާލެވޭ ބާވަތުގެ ކަމެއް ނޫނެވެ.

ކަންކަން މިހެން އޮތް އިރު، ބޮޑު ސުވާލަކީ ފަނޑިޔާރުން ފްލެޓް ބައްލައިގަތުމަކީ ސުލޫކީ މައްސަލައެއް ހެއްޔެވެ؟ އަދި އެއީ ސުލޫކީ މައްސަލައެއްކަމުގައި ބެލިޔަސް، އެ އަމަލަކީ އެ ދެ ފަނޑިޔާރުން ލަދުވެތިކަމާއެކު މަގާމުން ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާ ވަރުގެ އަހްލާގީ ގޮތުން ދަށްފެންވަރުގެ އަމަލެއް ހެއްޔެވެ؟ އަޅުގަނޑަކީ މި ދެ ސުވާލުގެ ޖަވާބުދެވޭނޭ ފެންވަރު ހުރި، އަދި އެ ޒިންމާ ގާނޫނު އަސާސީން މަތިކޮށްފައިވާ މުއައްސަސާއާ އަރާއަރަފޯދިގެންވާ މީހަކީމެއް ނޫނީމު އެވެ. އަޅުގަނޑު އުއްމީދު ކުރަނީ ރައްޔިތުންގެ މަޖްލީހުގެ އިއްޒަތްތެރި މެންބަރުން މި ކަމުގައި ގޮތެއް ކަނޑަ އަޅުއްވާނީ، މައްސަލައިގެ ވަށައިގެންވާ ހުރިހައި ކަންކަމަށް ރިއާޔަތް ކުރައްވައިގެން ކަމުގައެވެ. މިއީ ދިވެހި ރައްޔިތުންގެ ނަމުގައި ނިމާން އޮތް ބޮޑު ނިންމުމަކަށް ވެފައި، ކަމާބެހޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާކުރުމުގެ ޒިންމާއެއްގެ އިހްސާސް ކުރެވުނީތީ، މި ކަން އަޅުގަނޑުގެ ބުއްދިއަށް ފެނުނުގޮތް ހިއްސާކޮށްލީ އެވެ.

83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް