ads
އޭއެފްސީކަޕް: ބޭނުންވަނީ ގޯހެއް ނުހަދާ މޮޅުވާން: މާޒިޔާ
އޭއެފްސީ ކަޕްގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގުގައި މާދަމާ ހަވީރު ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗުން ބޭނުންވަނީ ގޯހެއް ނުހަދާ މޮޅުވާން ކަމަށް މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނެފިއެވެ.

ސެކުލޮސްކީ މިހެން ބުނީ މާދަމާގެ މެޗާއި ގުޅޭ ގޮތުން އޮތް ރަސްމީ ޕްރެސް ކޮންފަރެންސްގައެވެ.

މާޒިޔާއާ، ބަންގްލަދޭޝްގެ އަބަހާނީ ލިމިޓޭޑް ވާދަކުރާ މެޗު ފަށާނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރުއެވެ. މި ދެ ޓީމުގެ ފުރަތަމަ މެޗު، ބަންގާޅުގައި ދޭއް ދޭކުން އެއްވަރުވެފައިވާތީ މާދަމާގެ މެޗުގައި ހުރިހާ އެޑްވާންޓޭޖެއްވެސް އޮތީ މާޒިޔާއަށެވެ.

"ބަންގާޅުގައި އެއްވަރުވީ މެޗާއި އެކު އަހަރުމެން މާދަމާގެ މެޗަށް ތައްޔާރުވާން ފަށައިފިން. އަހަރުމެން ކޮޅަށް ވަން ލަނޑުތަކަކީ އަހަރުމެންނަށް ހެދުނު ގޯސްތަކެއް. އެހެންވީމާ މާދަމާ ބޭނުންވަނީ ގޯހެއް ނުހަދާ މޮޅުވާން".

ރަށުން ބޭރުގައި ހޯދި ޕޮއިންޓާ އެކު މާދަމާގެ މެޗަށް ހުރިހާ ގޮތަކުންވެސް އެޑްވާންޓޭޖް އޮތީ މާޒިޔާއަށެވެ. މާލޭގައި މާދަމާ ކުޅޭ މެޗުން އެއްވެސް ޓީމެއް މޮޅުވެއްޖެ ނަމަ ގްރޫޕް ސްޓޭޖުގެ ފުރުސަތު ލިބޭނީ އެ ޓީމަކަށެވެ. އެހެންނަމަވެސް މެޗު ލަނޑެއް ނުޖެހި ނުވަތަ އެކެއް އެކެއްގެ ނަތީޖާއަކުންއެއްވަރު ވެއްޖެ ނަމަ އަވޭ ގޯލްސްގެ ގަވާއިދުން މާޒިޔާ ގްރޫޕް ސްޓޭޖަށް ދާނެއެވެ. 

ދޭއް ދޭކުން އެއްވަރު ވެއްޖެ ނަމަ ނަތީޖާ ނެރޭނީ އިތުރު ވަގުތު ކުޅެގެން ނެވެ. އިތުރު ވަގުތުގައިވެސް އެ ނަތީޖާއިން އެއްވަރު ވެއްޖެ ނަމަ ޕެނަލްޓީ ޖަހާނެއެވެ. އަބަހާނީއަށް އޮތް ފުރުސަތަކީ މާޒިޔާ ބަލިކުރުން ނޫނީ، ދެ ލަނޑަށްވުރެ ގިނަ ލަނޑުން މެޗު އެއްވަރުވުމެވެ.

މިދިޔަ ހަފުތާގައި ބަންގާޅުގައި އަބަހާނީއާ ދެކޮޅަށް ކުޅުނު މެޗުގައި މާޒިޔާއަށް ލަނޑު ޖަހާދިނީ އިބްރާހިމް މަހުދި އާއި ބިދޭސީ ފޯވާޑް ސްޓެވާޓެވެ. އަބަހާނީގެ ލަނޑުތައް ޖެހީ އެ ޓީމުގެ ބިދޭސީ ދެ ކުޅުންތެރިންކަމަށްވާ ބްރެޒިލްގެ މެލިސަން އަލްވޭސް އަދި ނައިޖީރިއާގެ ފޯވާޑް ސަންޑޭ ޗިޒޯބާއެވެ.

ކޮލިފައިންގެ މި ދެމެޗުގެ އެގްރީގޭޓުން މޮޅުވާ ޓީމެއް ވާދަކުރާނީ އިންޑިޔާގެ ބެންގަލޫރު އެފްސީ ނުވަތަ ބޫޓާންގެ ޕާރޯއެފްސީއާއެވެ. މި ދެ ޓީމުގެ ފުރަތަމަ މެޗު އެއް ލަނޑު ސުންލަނޑުން ކާމިޔާބުކޮށް ބެންގަލޫރުންވަނީ ގްރޫޕް ސްޓޭޖުގެ ފުރުސަތު ބޮޑު ކޮށްފައެވެ.

ބުދަ ދުވަހު މާލޭގައި ކުޅޭ އަބަހާނީއަކީ ރަސްމީ ބޯޅަ ދަނޑަށް އައު ޓީމެއް ނޫނެވެ. މީގެ ކުރިން ދެ ފަހަރު އަބަހާނީންވަނީ އޭއެފްސީ ކަޕުގައި މާލޭގައި ކުޅެފައެވެ. އެހެންނަމަވެސް އެ ދެ ފަހަރުވެސް އެ ޓީމުވަނީ ރަސްމީ ދަނޑުގައި ބަލިވެފައެވެ. އެއީ މާޒިޔާއަތުންނާއި ނިއުރޭޑިއަންޓު އަތުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް