ads
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު---
"ޑިފޯލްޓެއް ނުވާނެ، އެ ވާހަކަތަކުން ރާއްޖެއަށް ލިބެން ނުޖެހޭ ގެއްލުންތަކެއް ލިބިދާނެ"
ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، އެފަދަ ވާހަކަތަކުން މިދަނޑިވަޅުގައި ރާއްޖެއަށް ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން މި ހަފްތާގައި އާންމުކޮށްފައިވާ ރާއްޖޭގެ ދަރަނީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ ޖުމްލަ ދަރަނި މިހާރު އުޅެނީ 98.9 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ދަރަނި ހުރި އަދަދާ އަޅާބަލާއިރު 4.8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިކަމާއި ގުޅިގެން ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ.

ޑީފޯލްޓް ވެދާނެކަމަށް ދެކެވޭ އެ ވާހަކަތަށް ދޮގުކުރައްވާ މިރޭ އަމީރު ވިދާޅުވީ، ‏ރައްޔިތުން އަދި ބޭރުގެ އިންވެސްޓަރުންނަށް ހަގީގަތް އޮޅޭގޮތައް ދައްކާ މިފަދަ ވާހަކަތަކުގެ ސަބަބުން, ދުނިޔެ މިއޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެއަށް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ވެދާނެ  ކަމަށާއި، އިގްތިސާދުގައި ނުތަނަވަސްތަކަން އިތުރުވެ، ރާއްޖޭގެ މާކެޓަށް ވެސް އޭގެ ނޭދެވޭ އަސަރުކޮށްފާނެ  ކަމަށެެވެ. އަދި ދަރަނި ދެއްކުމުގެ ގާބިލުކަން ސަރުކާރުގައި އަދި އެބައޮތްކަމަށް ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ، އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާއެކު ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ކޮވިޑުގެ ކުރިން ހުރިވަރުގައި ދެމެހެއްޓޭނެ ކަމަށާއި، ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރުމުއްދަތުގެ ގޮންޖެހުންތަކެއް ނެތް ކަމަށެވެ.

“ދަރަނި ދެއްކުމުގެ ގާބިލުކަން އެބަހުރި. މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި. ކުރިއާ އަޅައިބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީ މިންވަރެއްގައި. މި މިންގަނޑުތަކުގައި ދެމެހެއްޓުމަށް ބޭރު ފައިސާގެ އިންފްލޯ އަދި އައުޓްފްލޯ ދަނީ ގާތުން ބަލަމުން. ދިމާވާ ގޮން ޖެހުންތަކަށް ފިޔަވަޅު އަޅަމުން. މި އަހަރު ރިޒާވް ހުންނާނީ ދުޅަހެޔޮކޮށް” އަމީރު ވިދާޅުވިއެވެ.

your imageކުރިއާ އަޅައިބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީ މިންވަރެއްގައި ކަމަށް ވިދާޅުވި

ރާއްޖޭގެ އިގްތިސާދު ދަނީ ހަލުވިކަމާއެކު ކުރިއަރަމުންކަން ފާހަގަކުރައްވާ އަމީރު އިތުރަށް ވިދާޅުވީ، މި އަހަރު ނިމޭއިރު ކޮވިޑް-19ގެ ކުރީގެ އިޤްތިސާދުގެ ސައިޒަށް ރުޖޫއަވެވޭނެ ކަމަށެވެ. މިއީ ފިސްކަލް ހާލަތަށް ބަލައި ކޮވިޑް-19ގެ ސިއްހީ އަދި އިޤްތިސާދީ ކްރައިސިސް މެނޭޖްކުރުމާއި، ރާއްޖޭގެ ރައްޔިތުންނާއި ވިޔަފާރީގެ ވިލުންވެރިކަމުގެ ނަތީޖާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ދުނިޔޭގެ އިގްތިސާދަށް އަންނަ ނުތަނަވަސްވުންތަކާއި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެ ކަމަށް އަމީރު ވިދާޅުވިއެވެ.

މިފަދަ ރިސްކުތަކުން އަރައިގަނެވޭނީ ރަނގަޅު ދަނޑިވަޅުގައި އެކަށީގެންވާ ފިޔަވަޅުތައް އަޅައިގެން ކަމުން ސަރުކާރުން ދަނީ ހާލަތު މޮނިޓަކޮށް ފިޔަވަޅު އަޅަމުން ކަމަށްވެސް ވިދާޅުވިއެވެ.

”ދައުލަތުގެ އާމްދަނީވެސް ރަނގަޅުވެފައިވީ ނަމަވެސް، ދައުލަތުގެ ހަރަދުތަކަށް ވަނީ ވާންވެފައި. ސަރުކާރުގެ ވިސްނުމަކީ ހިދުމަތްތަކަށް ބުރޫ ނާރާނޭހެން ހަރަދުތައް އަލުން ބައްޓަންކޮށް ބަޖެޓު ފައިނޭންސްކުރުން. އަދި މެދުރާސްތާގައި ރަނގަޅު ފިސްކަލް މިސްރާބެއްގައި ސާބިތުވުން” އަމީރު ވިދާޅުވިއެވެ.

ތަކެތީގެ އަގު މައްޗަށް ދިއުމުގެ ސަބަބުން، ހާއްސަކޮށް ތެލުގެ އަގުގު ސަބަބުން، ކަރަންޓާއި ތެލުގެ ސަބްސިޑީވަނީ އިތުރުވެފައިވާކަމަށްވެސް އަމީރު ވިދާޅުވިއެވެ. އަދި ރިޒާވް އިމްޕެކްޓް ކުޑަކުރުމަށްޓަކައި އައިޓީއެފްސީގެ ޓްރޭޑް ފައިނޭންސް ފެސިލިޓީގެ ލިމިޓްވަނީ 175 މިލިއަނަށް އިތުރުކޮށްފަ ކަމަށް  އަމީރު ވިދާޅުވިއެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް