
މިއަދު ރައްޔިތުންގެ މަޖިލީހުގައި ހައިކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމާ ގުޅޭގޮތުން ޖުޑީޝަރީ ކޮމެޓީން ނެރުނު ރިޕޯޓަށް ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، އިންސާފު ހޯދައި ނުދެވޭނަމަ މަޖިލީހުގެ ބޭނުމެއް ނެތްކަމަށެވެ.
އެގޮތުން މިއަދުގެ ސަރުކާރަކީ "ޓިކްޓޭޓަރުންގެ" ސަރުކާރެއްކަމަށް ވެސް ވިދާޅުވެ އާދަމް ޝަރީފް ވަނީ ފާޑުވިދާޅުވެފައެވެ.
އާދަމް ޝަރީފް ވަނީ ރައީސް މުހައްމަދު ނަޝީދު ވެސް މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވުމަށް ގޮވަލައްވާފައެވެ.
"މަނިކުފާނު ވެސް ތި މަގާމުން އިސްތިއުފާ ދެއްވާ ގޮނޑީގައި އިންވާނަމަ ދާއިރާގެ ރައްޔިތުންގެ ވާހަކަތައްވެސް މާރަނގަޅަށް ދެއްކެވޭނެ،" އާދަމް ޝަރީފް ރައީސް ނަޝީދަށް ނިސްބަތްކުރައްވައި ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މި ވެރިކަމަށް ހަތަރު އަހަރުވެފައިވާއިރު ހުރި މައްސަލަތަކަށް ހައްލު ހޯދިފައިނުވާކަމަށެވެ.
"މިއުޅެނީ ޖުޑީޝަރީއާއި ގުޅުން ހުރިކަމެއް މަޖިލީހުން ނިންމާނުލެވިގެން. ކޮބާތޯ މި މަޖިލިސް އޮތުމުގެ ބޭނުމަކީ؟ 85 މެންބަރުންނާއެކު މި މަޖިލިސް މިއަދު އޮންނަންޖެހޭ އެއްވެސް ސަބަބަބެއް ނެތް. މަޖިލިސް އުވާލަންޖެހޭ. މި މަޖިލީހަކުން ނުފެނޭ ފައިދާ ހުރި އެއްވެސް މަސައްކަތެއް ކުރާތަނެއް،" ހައިކޯޓުގެ ދެ ފަނޑިޔާރުންގެ ވަކިކުރުމާމެދު ޖުޑީޝަރީ ކޮމެޓީން ފޮނުވި ރިޕޯޓަށް ބަހުސް ކުރައްވަމުން ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ، ރައީސް ނަޝީދަކީ އެމްޑީޕީގެ ވެސް ރައީސްކަމަށެވެ. ނަމަވެސް މަޖިލީހުން "އެއްވެސް ކަމެއް ހައްލުނުވާ" ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމީ ގޯސްކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުން އެމައްސަލަ ދިރާސާކުރި ޖުޑިޝަރީ ވަނީ މީގެ ކުރިން އިއްތިފާގުނެ ނިންމާފައެވެ. ނަމަވެސް އެ މައްސަލައިގައި ފަނޑިޔާރުން ވަކިކުރުމާމެދު ގޮތެއް ނިންމުމަށް މިއަދު ވޯޓަށް އެހުން 13:30 ގައި އޮންނާނެކަމަށް މަޖިލީހުގެ ރައީސް ވަނީ އިއުލާނު ކުރައްވާފައެވެ.