ads
ރައީސް ސޯލުހު އަދި އެމަނިކުފާނުގެ އަނބިކަނބަލުން
ކޮމަންވެލްތު ވެރިންގެ ބައްދަލުވުމަށް ފަހު ރައީސް ރާއްޖެ ވަޑައިގެންފި
ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވުމަށް ރުވާންޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހެނދުނު މާލެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހު ރުވާންޑާއަށް ކުރެއްވި މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަހުމަދާއި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމަކީ، 1 ފެބްރުއަރީ 2020ގައި ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށްފަހުގައި ބޭއްވި، ކޮމަންވެލްތުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ.

ޖޫން 20 އިން 25އަށް ރުވާންޑާގެ ކިގާލީގައި ބޭއްވި ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022ގެ ޝިއާރަކީ "ޑެލިވަރިން އަ ކޮމަން ފިއުޗާ: ކަނެކްޓިން، އިނޮވޭޓިން، ޓްރާންސްފޯމިން" މި އެވެ. މިބައްދަލުވުމުގައި ކޮމަންވެލްތުގެ 54 މެމްބަރު ގައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެން، މެމްބަރު ގައުމުތަކުގެ ގުޅުން ވަރުގަދަކުރުމާއި، މުސްތަގުބަލުގެ ޖީލުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް އާ ފުރުސަތުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ވަނީ މަތީފަންތީގެ ބައްދަލުވުންތައް ބާއްވައި ވިޔަފާރި އާއި، ސިއްހަތާއި، މޫސުމާ ގުޅޭ އެކި މައުލޫތަކުގައި މަޝްވަރާ ކުރައްވާފަ އެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ބައްދަލުވުމުގެ ހަވާސާގައި، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި މޮރިޝަސްގެ ބޮޑުވަޒީރާއެކު ބައްދަލުކުރެއްވުންތައް ބާއްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް