ads
ރައީސް ނަޝީދާ ރައީސް އިބްރާހީމް މުހައްމަދު ސާލިހް
ރައީސް ނަޝީދަށް ޗޮއިސް ނެތަސް ރައީސް ސާލިހަށް ޗޮއިސް އެބައޮތެވެ.
ހަފުތާ ނިމިގެން ދިޔައީ ނޫސްވެރިން މުޒާހަރާކޮށްކޮށް ތިއްބައި، ސަރުކާރު ފަރާތުން ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާ އާ އެކު ފާސްކޮށްގެނެވެ. ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީއާއެކު އެމްޑީޕީން މި ކުރި ކަމަކީ ނޫސްވެރިންނަށް ގަބޫލު ކުރެވެނޭ ކަހަލަ ކަމެއް ކަމަށް ހަމަ ޔަގީނުން ވެސް ނުވާނެއެވެ.

މަޖިލިސް އިދާރާ ދޮށުގައި ބުރާސްފަތި ދުވަހު ނޫސްވެރިން މުޒާހަރާކޮށް ކަންބޮޑުވުންތައް ހާމަ ކުރަން ފެށުމާއި އެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭރަށް ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރެއްވި އެވެ. އެހެން ނަމަވެސް ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ބަދަލުގައި ކުރިން ނޫސްވެރިކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ރައީސް ނަޝީދު ވެސް މި ފަހަރު ނެންގެވީ އޭނގެ އަނެއް ކޮޅެވެ. ވިދާޅުވީ މިވަގުތަށް ހޯދައި ދެވޭނެ ހައްލެއް ނެތް ކަމަށެވެ.

ގިނަ ނޫސްވެރިން ގަބޫލު ކުރާ ގޮތުގައި މިއީ ރައީސް ނަޝީދު ނެންނެގި ވަރަށް ޒިންމާދާރުކަން ކުޑަ ސްޓޭންޑެކެވެ. އެ ބިލު ފާސްނުކޮށް އަލުން ވިސްނާލުން އެއީ އޮތް ފުރުސަތެކެވެ. މަޖިލީހުގެ މެޖޯރިޓީގެ ބޭނުންކޮށްގެން މީގެ ކުރިން ވެސް އެ ނޫން ވެސް އެކަހަލަ ކިތައްމެ ކަމެއް ކޮށްފައި އެބަހުއްޓެވެ. އުސޫލުތަކުގެ ބޭރުންނާއި އެތެރެއިން ވެސް ކަންކަން ކުރުމަކީ މަޖިލީހުން ކޮށްފައިވާ ކަމެކެވެ. ކުރެވޭނެ ވެސް ކަމެކެވެ. އެކަން މަޖިލީހުން ނުކުރުމުން ދެން އެކަން ކުރެއްވޭނީ ރައީސުލް ޖުމްހޫރިއްޔާއަށެވެ. 

ރައްޔިތުންގެ މަޖިލީހުން ފާސްވާ ކޮންމެ ބިލެއްމެ ފާސްވާތާ ހަތް ދުވަހުގެ ތެރޭގައި އެ ބިލު ތަޞްދީޤު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާންވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް އެ ބިލު ލިބޭތާ 15 ދުވަހުގެ ތެރޭގައި ބިލު ތަޞްދީޤު ކުރާން ވާނެ އެވެ. ނުވަތަ އެ ބިލާމެދު އަލުން ވިސްނުމަށް ނުވަތަ އެ ބިލަށް ގެންނާން ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ އިޞްލާޙަކާ މެދު ވިސްނުމަށް އެ މުއްދަތުގެ ތެރޭގައި އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުވާންވާނެއެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައި ނުދެއްވައި ބިލް ފާސް ކުރެއްވުމުން ދެން އެކަމުގައި ހައްލެއް ހޯދައިދެވޭނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށެވެ. ބިލު ފާސްކޮށްފައި މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމުން، ބިލް ތަސްދީގުކޮށް ގާނޫނަކަށް ބަދަލު ކުރުމުގެ ކުރިން އަލުން ވިސްނުމަށް މަޖިލީހަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރެކެވެ.  ގާނޫނު އަސާސީގެ 91 ވަނަ މާއްދާއަކީ ރައީސުލް ޖުމްހޫރިއްޔާއަށް ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭ ހައްލު ހޯއްދަވައިދެއްވޭނެ މާއްދާއެވެ.

ވަރަށް ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި މީގެ ތިން އަހަރު ކުރިން އޮތް ދިވެހި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު މިއަދު އަޅުގަނޑު އުފާ ކުރަމެވެ. މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ނޫސްވެރިންނަށް ފަހިކޮށްދިން މިނިވަން މާހައުލުގެ ސަބަބުން، ދިވެހި ނޫސްވެރިންގެ ފަރާތުން ފެންނަމުން ދަނީ، ޒިންމާދާރުކަމާއެކު އެބޭފުޅުންގެ ވާޖިބު އަދާކުރައްވައި، ރައްޔިތުންނަށް ކަންކަމުގެ ތެދު މަޢުލޫމާތާއި ޙަޤީޤަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މަންޒަރެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ތެރެއިން ރައްޔިތުންނާ ހަމައަށް ތިލަކުރުމަކީ، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމަށްވެސް ލިބޭ ނުހަނު ބޮޑު ބާރެކެވެ.

ހުރިހާ ނޫސްވެރިންގެ އުއްމީދަކީ ވެސް މިހާރު މަޖިލީހުން ފާސްކޮށްފައިވާ މި ބިލް، ރައީސް އެ އޮތް ގޮތަށް ތަސްދީގު ނުކުރައްވައި ދެ ވަނަ ވިސްނުމަކަށް އަލުން މަޖިލީހަށް ފޮނުއްވައިދެއްވުންކަމާ މެދު ޝައްކެއް ވެސް ނެތެވެ. ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަހު ރައީސް ފޮނުއްވި ހިތާބުގައިވެސް ނޫސްވެރިކަމާ މެދު ރައީސްގެ ސްޓޭންޑް ސާފުކޮށް ވިދާޅުވެފައިވާތީއެވެ. އެ ދުވަހު އެ މަނިކުފާނު ދެއްވި ޔަގީން ކަމަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހިމާޔަތްކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް، ހަބަރާއި މައުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކުރިމަގުގައި ވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިދިނުމެވެ.

33%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
17%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް