ads
ދެހާސް އަށާރަވަނަ އަހަރު ޑާކާގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ތެރެއިން
ސާފް ޗެމްޕިއަންޝިޕްގެ ފޯމެޓް ބަދަލުކުރަން ވިސްނަނީ
ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފޯމެޓް ބަދަލުކުރަން ވިސްނަމުން އަންނަ ކަމަށް ސާފުގެ ޖެނެރަލް ސެކެއްޓްރީ ބަންގްލަދޭޝްގެ އަންވަރުލް ހައްގު ވިދާޅުވެއްޖެއެވެ.

ސާފްގެ އޯޑިނަރީ ކޮންގްރެސް ބާއްވައި، އިތުރު ދައުރަކަށް މިހާރުވެސް ރައީސްކަމުގައި ހުންނެވި ބަންގްލަދޭޝްގެ ޙާޒީ އެމްޑީ ސަލާހުއްދީންވަނީ މި ހަފްތާގައި އިންތިހާބުކޮށްފައެވެ. ޑާކާގައި އޮތް ސާފްގެ ކޮންގްރެސްއަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން ސާފްގެ ޖެނެރަލް ސެކެއްޓްރީވަނީ، ސާފް ޗެމްޕިއަންޝިޕްގެ ފޯމެޓް ބަދަލު ކުރުމުގެ ވިސްނުން ހާމަ ކުރައްވާފައެވެ.

އަންވަރުލް ހައްގު ވިދާޅުވި ގޮތުގައި މިހާތަނަށް ސާފް ޗެމްޕިއަންޝިޕް ބާއްވަމުން އައި ސެންޓްރަލައިޒްޑް ވެނިއު ނުވަތަ އެއް ތަނެއްގައި ބޭއްވުމުގެ ބަދަލުގައި ހޯމް އެންޑް އަވޭ އުސޫލުން ގައުމުތަކުގެ މެދުގައި ކުޅުމަށް މާކެޓިން ޕްރޮޕޯސަލެއް ސާފަށްވަނީ ލިބިފައެވެ.

މިހާރު ލިބިފައި އޮތް ޕްރޮޕޯސަލްއަކީ، ކޮންމެ ގައުމަކުންވެސް އަމިއްލަ ދަނޑުގައި ތިން މެޗު އަދި އަވޭ ތިން މެޗު ކުޅޭ ފޯމެޓެއް. މި ގޮތަށް ހަތް ގައުމުން ހުރިހާ މެޗެއް ފުރިހަމަ ކުރުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ޗެމްޕިއަންކަން ލިބޭ ފޯމެޓަކަށް މުބާރާތް ކުރިއަށް ގެންދިޔުމުގެ ޕްރޮޕޯސަލެއް ލިބިފައި އެބައޮތް. މި ޕްރޮޕޯސަލް މެންބަރު ހުރިހާ ގައުމަކަށް ފޮނުވުމަށް ފަހު މެންބަރުންގެ ހިޔާލު މިކަމުގައި ހުރި ނެތްގޮތް ބެލުމަށް ފަހު މިކަމުގައި ގޮތެއް ނިންމުން ވިސްނުމަކީ.

ދެ އަހަރުން އެއް އަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕް އާއްމުކޮށް ބާއްވަނީ އެއް ގައުމުގައެވެ. ދެހާސް އަށްވަނަ އަހަރު ރާއްޖެއާ ލަންކާ ގުޅިގެން ދެ ގައުމުގައި މުބާރާތް ބޭއްވިއެވެ. އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވީ ރާއްޖޭގައެވެ. އެއީ މިދިޔަ އަހަރުއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ފޯމެޓް ބަދަލު ކުރުމުގެ އިތުރުން ސާފް ކްލަބު ޗެމްޕިއަންޝިޕްގެ މަޝްވަރާތައްވެސް އަނެއްކާވެސްވަނީ ފެށިފައެވެ. ސާފް ކްލަބު ޗެމްޕިއަންޝިޕްގެ މަޝްވަރާތައް ގިނަ ދުވަސްތަކަކަށް ދެމިގެން ގޮސްފައިވާއިރު، އެކަމުގައި އަދި އަލިމަގެއް ނުފެނެއެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް