ads
އެމްޓީސީސީއިން ގެނައި މިނީ ބަސްތައް
މިނީ ބަހުގެ ހިދުމަތް ފެށުމަށް ބޭނުންވާ ބަސްތައް ރާއްޖެއަށް ގެނެސްފި
ރައްޔިތުންނަށް ފަސޭހަ ހިދުމަތެއް ދިނުމުގެ މަގްސަދުގައި ސަރުކާރުން ފެށުމަށް ހަމަޖެހިފައިވާ މިނީ ބަހުގެ ހިދުމަތަށް ބޭނުންވާ ބަސްތައް ރާއްޖެއަށް ގެނެސްފައި ވާކަމަށް އެމްޓީސީސީއިން މިއަދު ބުނެފި އެވެ.

އެމްޓީސީސީއިން މިއަދު ބުނީ، މިނީ ބަހުގެ ހިދުމަތް ފެށުމަށް ބޭނުންވާ ބަސްތަކުގެ ތެރެއިން ރާއްޖެއަށް 36 ބަހެއް މިހާރު ގެނެސްފައި ވާކަމަށާއި، މިހާރު ކުރިއަށް ދަނީ، ކަސްޓަމްސްއިން ކްލިއާ ކުރުމުގެ މަސައްކަތް ކަމަށެވެ. 

އެމްޓީސީސީއިން މީގެ ކުރިން މައުލުމާތު ދެމުން ބުނީ، މި ބަސްތަކަކީ، 16 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށާއި، މި ބަސްތަކުގެ ދިގުމިނުގައި 20 ފޫޓު ހުންނާނެ ކަމަށެވެ. އަދި މި ބަސްތަކަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަ އިން އަރާ ފޭބޭނެ ގޮތް ހެދިފައި ހުންނާނެ ކަމަށާއި، މި ބަސްތަކަކީ ތިމާވެއްޓާއި ރައްޓެހި ބަސްތަކަކަށް ވެގެން ދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. 

އެކުންފުނިން ބުނީ، މިއަދު ގެނައި 36 ބަހުގެ ތެރެއިން މާލެ ސަރަހައްދަށް 12 ބަސް ބޭނުން ކުރަމުން ދާނެ ކަމަށާއި، ބާކީ ބަސްތަކަކީ އަތޮޅު ތެރޭގެ ރަށްތަކަށް ފޮނުވުމަށް ނިންމާފައިވާ ބަސްތައް ކަމަށެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާއި އެކު މިނީ ބަސް ރާއްޖެއަށް ގެނެސް މި ހިދުމަތް ފެށުމަށް އެއްބަސްވުމުގައި ސޮއި ކުރީ، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. 

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާއި ހެދި އެ ހިދުމަތް ފެށުމަށް ވަނީ ހުރަސްތައް ކުރިމަތި ވެފަ އެވެ. 

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީ ތަކުގެ ތެރެއިން މާލޭގެ ބޮޑެތި މަގުތަކުގައި ޕާކު ކުރުން މާނާ ކުރުމަށް ސަރުކާރުން ސިޓީ ކައުންސިލްގައި އެދިފައި ވާކަމަށް ކައުންސިލުން ވަނީ މީގެ ކުރިން ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް