ads
މަންކީޕޮކްސް
ރާއްޖޭގައި މަކުނު ވިދުރު ފެތުރިދާނެ ކަމުގެ އިންޒާރު އެޗްޕީއޭއިން ދީފި!
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ މަކުނު ވިދުރި (މަންކީ ޕޮކްސް) ރާއްޖެއަށް ފެތުރިދާނެ ކަމުގެ އިންޒާރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފި އެވެ.

އެޗްޕީއޭއިން ރާއްޖެއަށް މި ބަލި ފެތުރިދާނެ ކަމުގެ އިންޒާރު ދީފައި ވާއިރު، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ، މި ބަލީގެ ސަބަބުން މުޅި ދުނިޔެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއްޔެގެ ވަގުތެއްގައި އިއުލާން ކޮށްފަ އެވެ. 

އެޗްޕީއޭއިން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ފެތުރެމުން އަންނަ މަކުނު ވިދުރި ރާއްޖެއަށް އައުމުގެ ފުރުސަތު އެބައޮތް ކަމަށާއި، އެހެން ނަމަވެސް ކޮވިޑް-19 އާއި އަޅާ ބަލާއިރު، މިބަލި ފެތުރުމުގެ ފުރުސަތު ބޮޑަށް އޮތީ ވަރަށް ގައިގޯޅިކޮށް އުޅޭ މީހުންގެ ތެރޭގައި ކަމަށް ވަނީ ބުނެފަ އެވެ. 

އަދި މި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއަކަށް ދެއްކުމަށާއި، ގައިގައި ހުރީ ކޮން ބައްޔެއްތޯ ކަށަވަރުވަންދެން މީހުންނާއި ވަކިން، އަދި ގައިގޯޅި ނުވެ އުޅުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ. 

އެޗްޕީއޭއިން ނެރެފައިވާ ބަޔާނުގައި އިތުރަށް ބުނީ، މިބަލި ފެތުރެނީ، އާއްމުގޮތެއްގައި ފިރިހެނުންގެ މެދުގައި ކަމަށާއި، އޭގެ ތެރެއިންވެސް ހާއްސަކޮށް އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި މިބަލި ކޮންމެސް ވަރަކަށް އަންހެނުންނާއި ކުޑަކުދިންގެ ހަށިގަނޑުންވެސް ފެންނަމުން އަންނަ ކަމަށް އެޗްޕީއޭއިން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފަ އެވެ. 

"މި ބައްޔާއި ގުޅިގެން ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން. މި ބައްޔަށް ސިއްހީ ހިދުމަތްތެރިން ހޭލުންތެރި ކުރުމާއި، ބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދަނީ." އެޗްޕީއޭއިން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެޗްޕީއޭއިން ރާއްޖެއަށް މިބަލި ފެތުރިދާނެ ކަމުގެ ނުރައްކާތެރި އިންޒާރު ދީފައި ވާއިރު، މިހާތަނަށް ދުނިޔޭގެ 74 ގައުމަކުން 16،000 އަށްވުރެ ގިނަ މީހުންނަށް މިބަލި ޖެހިފައި ވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް