މިނިސްޓަރު އަމީރު މިއަދު ކުރައްވާފައިވާ ޓުވީޓްތަކެއްގައި ގިނަ މައުލޫމާތު ތަކެއް ވަނީ ހިއްސާ ކޮށްދެއްވާފަ އެވެ. އެގޮތުން މިނިސްޓަރު އަމީރު ވިދާޅުވީ، މިސަރުކާރުން އިގްތިސާދު އަދި ފިސްކަލް ކަންކަން މެނޭޖްކުރަމުންދަނީ ދުނިޔޭގެ މާލީ އިދާރާތަކުގެ މަޝްވަރާއާ ލަފާގެ މަތިން ކަމަށާއި މިގޮތުން ކޮވިޑް-19 އާއެކު ދިމާވި އިގްތިސާދީ ކާރިސާ މެނޭޖްކުރުމުގައި ސަރުކާރުން އެޅި ފިޔަވަޅުތަކާމެދު އެ ފަރާތްތަކުގެ ރުހުމާއި ތާއީދު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.
އަދި މުސްތަގުބަލުގައިވެސް، ރާއްޖެއިން އިގްތިސާދީ އަދި ފިސްކަލް ކަންކަމުގައި ފިޔަވަޅު އަޅަމުންދާނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި، ރައްޔިތުންގެ ފާގަތިކަމާއި، މާލީ ދެމެހެއްޓެނިވިކަން އިސްކޮށްގެން، ރާއްޖެއާއެކު މަސައްކަތްކުރާ މާލީ އިދާރާތަކުގެ ލަފާއާއެކުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިތުރަށް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ އަދި ފިސްކަލް މިންގަނޑުތައް ހަރުދަނާކުރުމަށާއި ދެމެހެއްޓެނިވިކަން އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާ ފިޔަވަޅުތަކަށް އައި.އެމް.އެފް އަދި ވޯލްޑް ބޭންކް އިން މަރުހަބާ ކިޔުމަކީ ރާއްޖޭގެ އިގްތިސާދު ކުރިއަރުވައި މެނޭޖްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ހިތްވަރެއް ކަމަށެވެ.
މީގެ އިތުރުން އަމީރު ވިދާޅުވީ، އައި.އެމް.އެފް އަދި ވޯލްޑް ބޭންކް އިންވެސް ފާހަގަކޮށްފައިވާ ފަދައިން އާމްދަނީ އިތުރުކުރުމަށް 2023 ވަނަ އަހަރު ޖީ.އެސް.ޓީ އަދި ޓީ.ޖީ.އެސް.ޓީ ބޮޑުކުރުމާއި ހަރަދުތައް ދެމެހެއްޓިނިވި މިންގަނޑެއްގައި ބެހެއްޓުމަށް ސަބްސިޑީތައް ދެވޭގޮތް މުރާޖައާކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އިގްތިސާދީ މިންގަނޑުތައް ރަނގަޅުކުރުމަށް މުހިއްމު ފިޔަވަޅުތަކެއް ކަމަށެވެ.
އަދި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ، ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ކަންކަން ކުރުމަށް ކަމަށާއި، މިކަންކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އަލުން އާރާސްތުވެ ރައްޔިތުންނަށް އުފާވެރިކަން ލިބިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.