
މާދަމާ ކިޔެވެން ފެށޭއިރު، ސްކޫލުތަކަށް ދާނެ ދަރިވަރުންތަކެއް އަލަށް މީހުން އާބާދުވެފައިވާ ދެވަނަ ފިޔަވަހީގައިވެސް އެބައުޅެ އެވެ. އެކުދިންނާއި، އެކުދިންގެ މައިންބަފައިން ތިބީ ފަސޭހަކަމާއިއެކު މިއަހަރުގެ ކިޔެވުން ފެށިގެންދާނީ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ފުރަތަމަ ޕްރީސްކޫލު، ކާމިލްދީދީ ސްކޫލުން ކަމުގެ އުންމީދުގައި ނުހަނު ހިނިތުން ވެގެން ނެވެ.
އެއީ އޮގަސްޓަށް އެ ސްކޫލުގެ 12 ކްލާސްރޫމުގެ މަސައްކަތް ނިންމާ، ދަރިވަރުންނަށް ކިޔަވާދޭން ފެށޭނެ ކަމުގެ ޔަގީންކަން މިނިސްޓްރީން މާކުރިން ދީފައޮތީމަ އެވެ. އެކަމަށްޓަކައި ދިރާސީ އާ އަހަރު ފެށެންވާއިރަށް އެކުދިންގެ މައިންބަފައިން ތިބީ ކާމިލްދީދީ ސްކޫލުގެ ބެޖުޖެހި ޔުނީފޯމު ދަރިވަރުންނަށް ހޯދައިދީގެން ނެވެ.
ނަމަވެސް މާދަމާ އެ ޔުނީފޯމު ލައިގެން ކާމިލްދީދީ ސްކޫލުގައި ކިޔަވަން އިށީނާކަށް އެކުދިންނަކަށް ނުދެވޭނެ އެވެ. އެތަން ހުރީ އަދި ނުނިމި އެވެ.
އެމަސައްކަތް ނިމޭނެ ކަމަށް ލަފާކުރަނީ މިމަހުގެ 15 އަށެވެ. މުޅި މަޝަރޫއު ނިމޭނީ އަންނަ ސެޕްޓެމްބަރަށެވެ. ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، ސްކޫލުގައި ކިޔަވާދޭން ފެށޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.
ދެވަނަ ފިޔަވަހީގައި ތަރައްގީކުރަމުންދާ ޕްރީސްކޫލު މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިމަހު ނިމޭނެ---ފޮޓޯ:ސީއެންއެމް
މި ޔުނީފޯމު ލައިގެން ދާނީ ކޮންތާކަށް؟
އެޑިއުކޭޝަން މިނިސްޓްރީ އާއި މިއަދު "ސީއެންއެމް" އިން މި ސުވާލުކުރުމުން ބުނީ، އެ ކުދިން ދާނީ ހުޅުމާލޭގައި ހުރި ބޮޑު ތިން ސްކޫލަކަށް ކަމަށެވެ. އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރުވަނަ ދުވަހާއި ހަމަޔަށް އެކުދިންނަށް ކިޔަވާދޭނީ އެ ސްކޫލުތަކުގައި ކަމަށެވެ.
ނަމަވެސް ކުދިން އެ ސްކޫލުތަކަށް ހާޒިރުވާނީ، އަދި މަސައްކަތް "ނުނިމިހުރި ކާމިލްދީދީ ސްކޫލު ޔުނީފޯމުގަ" އެވެ. މިނިސްޓްރީން ބުނީ، ކުދިންގެ ޔުނީފޯމުތައް ރެޑީކުރެވުނީ މިމަހަށް އެ ސްކޫލުގެ މަސައްކަތް ނިމޭނެ ކަމަށް ކުރިން ލަފާކުރެވިފަ އޮތުމުން ކަމަށެވެ. ނަމަވެސް ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު އެތަނުގެ މަސައްކަތް ނުނިމިވަނީ ބޭރުން ގެންނަން ޖެހޭ ތަކެތި ގެނައުމުގައި ލަސްތަކެއް ވުމުން ކަމަށް ބުންޏެވެ.
ހުޅުމާލޭގައި މިހާރު ތަރައްގީކުރަމުންދާ ޕްރީންސްކޫލަކީ ދެ ސްކޫލެއްގެ ގޮތަށް ހަދާ އެއް މަޝްރޫއެކެވެ. އެބިމުގައި ކާމިލްދީދީ ޕްރީސްކޫލާއި، ޖަމީލުދީދީ ނަމުގައި ޕްރީސްކޫލެއް ގާއިމުކުރާނެ އެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު، ކިޔަވާދޭން ފެށޭނެ ކަމަށް މީގެ ކުރިން ލަފާކޮށްފަ އޮތީ 12 ކްލާސްރޫމް ހިމެނޭ ކާމިލްދީދީ ޕްރީސްކޫލުގަ އެވެ. ނަމަވެސް އެތަނުގެ މަސައްކަތް އަދި ނުނިމެވެ.
އެމަސައްކަތް ހަވާލުކޮށްފަވާ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނީގެ ލޮޖިސްޓިކް މެނޭޖަރު ޝަފްޒާދު ޒާހިދު އިއްޔެ ވިދާޅުވިގޮތުގައި، އެ މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. މިމަހު 15 އަށް 12 ކްލާސްރޫމުގެ ކާމިލްދީދީ ޕްރީންސްކޫލު އެޗްޑީސީ އާއި ހަވާލުކުރާނެ އެވެ. ނަމަވެސް ތަނުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެބަރު މަހަށް ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު މިނިސްޓްރީން ސީއެންއެމް އަށް ވިދާޅުވިގޮތުން މިއަދު އެ ކްލާސްރޫމުތައް މިނިސްޓްރީއާއި ހަވާލުކުރާނެ އެވެ. ނަމަވެސް ކްލާސްރޫމުތަކުގައި ކިޔަވާދިނުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސައި ތަނުގައި ކިޔަވާދޭން ފެށޭނެ ކަމަށް މިނިސްޓްރީން ލަފާކުރަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހަށެވެ.
އެހެންކަމުން އެމުއްދަތައް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ދާނީ، ކާމިލްދީދީގެ ޔުނީފޯމުގައި އެހެނަސް ހުޅުމާލޭގެ އެހެން ސްކޫލުތަކުގަ އެވެ.