ads
ސީންގައި ފުލުހުން ހަރަކާތްތެރިވަނީ
ޝިއާއު މަރާލަން ބޭނުންކުރި ހަތިޔާރުތަކެއް ވަނީ ހޯދިފަ: ފުލުހުން
އަނިޔާވެރިގޮތަކަށް ރޭ މަރާލި ޝިއާއު މުހައްމަދު ސައީދަށް ހަމަލާދީ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް ތަހުގީގަށް ހޯދިފަވާކަން ފުލުހުން ހާމަކޮށްފި އެވެ.

ހ. ޝީރީންވިލާގައި ރޭ މަރާލި އުމުރުން 22 އަހަރުގެ ޝިއާއު ކަރުގެ އިތުރުން ހަތަރެސް ފައިވެސް ވަނީ ބުރިކޮށްލާފައި ކަމަށް ވެއެވެ. މި މައްސަލަ އާއި ގުޅިގެން ކްރައިމް ސީން އިން އުމުރުން 22 އަހަރުގެ އަލީ ޝާހިލް ރޭ ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އެމަރާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، އެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ، ރޭގެ 23:28 ހާއިރު، އާއްމުންގެ މީހަކު ފުލުހުންގެ ކޮމާންޑު ސެންޓަރަށް ފޯނުން ގުޅާފަ ކަމަށެވެ. 

ފުލުހުން ބުނީ، މަރާލާފައިވާ އަންހެނާއަށް ވަރަށް ބޮޑެތި އިހާނެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެ އަނިޔާތަކާއި ގުޅޭ ތަފްސީލުތައް ހާމައެއް ނުކުރެ އެވެ. އެމައުލޫމާތު ފުލުހުން ހާމަނުކުރީ އެކަަމަކީ އެ ހަމަލާތަކުގައި މަރުވެދިޔަ އަންހެން މީހާގެ އާއިލާއަށް ވަރަށް ފުން އަސަރުތަކެއް ކުރާނެ ކަމަކަށްވުމުން އާއިލާއިން އެކަމަށް އެދިފަ އޮތުމުން ނެވެ.

މަރާއި ގުޅިގެން އެ އެޕާޓުމެންޓު ބަލައި ފާސްކޮށް، ތަހުގީގު، ރެއިން ފެށިގެން މިހާރުވެސް ކުރިއަށް ދާއިރު، ފުލުހުން ބުނީ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް ފުލުހުންގެ ތަހުގީގަށް ހޯދިފަވާ ކަމަށެވެ. 

"ހާދިސާގެ ސީން އިން މަރާލަން ބޭނުންކުރިކަމަށް ނުވަތަ ހަމަލާދިނުމަށް ބޭނުންކުރިކަމަށް ބެލެވޭ ހަތިޔާރުތަކެއް ތަހުގީގަށް ވާނީ ހޯދިފަ،" ފުލުހުން ބުންޏެވެ.

އިތުރު ހެކި ގަރީނާވެސް ފުލުހުންނަށް ލިބިފަވާކަން ފުލުހުން ފާހަގަކުރި އެވެ. ނަމަވެސް ތަހުގީގުގެ މި މަރުހަލާގައި އެތަފްސީލުތައް ހާމަކުރަން އުޒުރުވެރިވާކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ، ޝާހިލް ހައްޔަރުކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ވަގުތީ ނަތީޖާތަކުން ދައްކާކަމަށާއި، މިވަގުތަށް އެމަރުގެ ތުހުމަތުކުރެވެނީ ޝާހިލަށް އެކަނި ކަމަށެވެ. ނަމަވެސް މިހާތަނަށް އޭނާ ކުށަށް އިއުތިރާފުވެފަ ނުވާކަމަށެވެ. 

ޝިއާއު މަރާލިކަމަށް ޝާހިލް އެއްބަސްވެފަ ނުވިނަމަވެސް ޝާހިލް ހައްޔަރުކުރިއިރު އެ ސަރަހައްދުގައި ތިބި މީހުންނާއި، ހަވާލާދީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފަވާ ގޮތުގައި، އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ޝާހިލުގެ އެޕާޓުމެންޓުގައި އުޅޭ  މީހެކެވެ. އަދި ފުލުހުން ސީން އަށް އައިއިރުވެސް ޝާހިލް ހުރީ ލެއިން ތަތްތެޅިފަވާ ގަމީހާއެކު އެ ކޮޓަރިތެރޭގަ ކަމަށް ބުނެފަވެއެވެ.

ޝާހިލުގެ ބަންދާއިމެދު ގޮތް ނިންމަން މިއަދު ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފަ އެވެ.

ޝިއާއުއަށް ހަމަލާދީފަވަނީ ނުވަތަ މަރާލާފައިވަނީ ކީއްވެކަން މިހާތަނަށް ދެނެެގަނެވިފަވޭތޯ ނޫސްވެރިއަކު ސުވާލުކުރުމުން ފުލުހުން ބުނީ، އެކަން އަދި ސާފު ނުވާ ކަމަށެވެ. ނަމަވެސް ޕޯސްމޯޓަމް ރިޕޯޓުން އެކަން މަރުގެ ހަގީގަތް ދެނެގަތުމަށް ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.

53%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް