ads
ނާޒިމް މިއަދުގެ ކޯޓުގައި ހެކިބަސް ދެއްވަނީ
ކަޅު ދަބަހުގައި 15 މިލިއަން އަދީބު ޔާމީނަށް ދިން، އެތާ ހުރިން: ނާޒިމް
ކަޅު ދަބަހެއްގަ 15 މިލިއަން ރުފިޔާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރު ރައީސް ޔާމީންގެ އަތްޕުޅަށް އެރުވިއިރު، އެތަނުގައި ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ކޯޓުގައި ހެކިބަސްދީފި އެވެ.

ޔާމީނުގެ ކުރީގެ ވަރަށް ގާތް އެކުވެރިއެއްގެ ގޮތުގައި ހުންނެވުމަށްފަހު، ޔާމީންގެ ވެރިކަމުގައި އުފެދުނު ހިޔާލު ތަފާތުވުންތަކާއި ގުޅިގެން ގުޅުން ގޯސްވެފައިވާ ނާޒިމް، ވ. އާ ރަށް ކުއްޔަށް ދިނުމުގައި ޔާމީން ރިޝްވަތު ނެންގެވި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާގެ މައްސަލާގައި މިއަދު ކޯޓުގައި ޔާމީނާއި ދެކޮޅަށް ވަނީ ހެކިބަސް ދެއްވާފަ އެވެ. ހެކިބަސް ދެއްވިއިރު ނާޒިމް ވަނީ، ޔާމީނު ރިޝްވަތު ނެންގެވި ކަމާއި އެމްއެމްޕީއާރްސީގެ މޭސްތިރިއަކީވެސް ޔާމީން ކަމަށް ވިދާޅުވެފަ އެވެ. 

ނާޒިމް ވިދާޅުވީ، އޭނާ އަކީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ޕާޓީގެ އިސް ސަފުގައި ވަރަށް އިސް މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށާއި، 2013 ވަނަ އަހަރުގެ ކެމްޕެއިނަށް ފައިސާ ހޯދުމުގައި އެންމެ އިސްކޮށް އުޅުނީ އަދީބު ކަމަށެވެ. އެގޮތުން އެ ފައިސާ އެކި ދިމަދިމާލުން ހޯދުމާއި އެފައިސާ ފޯރުކޮށްދިނުމުގައި އިސްކޮށް އަދީބު އުޅުނު ކަމަށެވެ. އެފަދަ ފައިސާ ނާޒިމްގެ ހާޒިރުގައިވެސް ހަވާލުކުރެއްވާ ކަމަށެވެ.

"ފައިސާ ހޯދުމާއި، އެ ފައިސާ ގެނެއުމުގައި ވަރަށް އިސްދައުރެއް އަދީބު އަދާކުރެއްވި. ހަމަ ނަގުދު ފައިސާގެ ގޮތުގައިވެސް އަދީބު ގެންނަވާ. އަަޅުގަނޑުގެ ހާޒިރުގައިވެސް ފައިސާ ގެނެސް އަބްދުﷲ ޔާމީނާއި ހަވާލުވެސް ކުރައްވާ. އަޅުގަނޑުގެ ހާޒިރުގައި އެ ފައިސާ ގެނެސްފަވަނީ ދޫވެސް އަށް، ކަޅުކުލައިގެ ދަބަހަކަށް އަޅައިގެން އެ ފައިސާ ގެނައީ އަދީބު ވިދާޅުވި 15 މިލިއަން ރުފިޔާ އެރޭ ގެނާކަމަށް،" ނާޒިމް ވިދާޅުވި އެވެ.

އެއީ ކޮންތާކުން އަދީބު ހޯދި ފައިސާއެއްތޯ ދައުލަތުން ސުވާލުކުރުމުން ނާޒިމް ވިދާޅުވީ، އެފައިސާ އާއްމު ގޮތެއްގައި ހޯދަމުންދިޔައީ ޗެކު ދީފަ ދަރަނީގެ ގޮތުގައި އެ ފައިސާ އަބުރާ ދައްކާގޮތަށް ކަމަށެވެ. އެގޮތުން ޔާމީނަށް ދިން 15 މިލިއަނަކީވެސް އެގޮތަށް ޗެކު ދީފަ ހޯދި ފައިސާ ކަމަށާއި، އެ ފައިސާތައް ދެނީ މަޝްހޫރު ވިޔަފާރިވެރިން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެމީހުންގެ ތަފްސީލް ހާމަކުރަން އުޒުރުވެރިވި އެވެ. 

ދައުލަތުން ޔާމީނާއި ދެކޮޅަށް ހުށަހަޅާ ހެކިވެރިއެއްގެ ގޮތުގައި ނާޒިމް ހުށަހަޅާފަވަނީ 2013 އަދި 2014 ވަނަ އަހަރު ހިނގާފައިވާ އެމްއެމްޕީއާރްސީ މައްސަލާގެ ކަންކަމާއި ގުޅިގެންނެވެ. ނާޒިމަކީ، ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ގެނައުމަށް އެ ޕާޓީގެ އިސް ސަފުގައި މަސައްކަތް ކުރެއްވި ޔާމީންގެ އަރިސް ބޭފުޅެކެވެ. އަދި 2013 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މާލިއްޔަތު ކޮމެޓީގެ މުގައްރިރުކަންވެސް އޭނާ ވަނީ ކުރައްވާފަ އެވެ. އެއްފަހު މަޖިލީހުގެ ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ. 

ނާޒިމް ވިދާޅުވީ، 2014 ވަނަ އަަހަރުގެ އެޕްރީލް 28 ވަނަ ދުވަހު، މަޖިލިސް ނިންމާލުމަށްފަހު، ރައީސް އޮފީހަށް ވަޑައިގެން ރައީސް ޔާމީނާއި ބައްދަލުކޮށްފައިވާނެ ކަމަށެވެ. އެދުވަހު ބައްދަލުކުރަން ދިޔައީ މަގާމުގެ ހައިސިއްޔަތުގެ ގޮތުން ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

" އަޅުގަނޑަށް ލިބުނު މައުލޫމާތަކީ މޯލްޑިވްސް ޕޯސްޓު ލިމިޓެޑުން 5 މިލިއަން ޑޮލަރު، އޭރުގެ ޓްއަރިޒަމް މިނިސްޓަރު އަދީބު ފަހުން ދެއްވާގޮތަށް ނަންގަވައިފި ކަމަށް. އެކަމާއި ބެހޭ ލިޔެކިއުންތައް ވެސް ލިބުނު. އަޅިގަނޑު ދެންނެވިން. އަދީބު ފަސް މިލިއަން ނަގާފިޔޭ އެމްޕީއެލުން. އެ ފައިސާ ނެގިނެގުމެއް ނޫން އަޅުގަނޑު ޔާމީން އަރިހަށް ދިޔަ ބޭނުމަކީ. އަޅުގަނޑު ދިޔައީ ކެމްޕެއިން ތެރޭ އަދީބު ފައިސާ ނެގި ބައެއް ވިޔަފާރިވެރިންނަށް ފައިސާ ޖަމާވަމުން ދިއުމުން،" ނާޒިމް ވިދާޅުވި އެވެ.

އެ ފައިސާ ނެގީ ކެމްޕެއިންގެ ދަރަނި އަދާކުރަން ކަމަށް ނާޒިމް ތުހުމަތުކުރެއްވި އެވެ. އަދި ރައްޔިތުންގެ ފައިސާ އިން އެ ދަރަނި އަދާކުރުމަކީ ޒަމީރު ގަބޫލުކުރާ ކަމަކަށް ނުވާތީ އެވާހަަކަ ދަންނަވަން ދިޔައީ ކަމަށް ނާޒިމް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ، އަދީބު ލާރި ނަގަނީ "ތިމަންނަ ފޮނުވާގެން" ކަމަށް ޔާމީން ވިދާޅުވި ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް