ads
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު--
ސިއްރުކުރި އޭސީސީގެ ތަހުގީގު ރިޕޯޓު މަޖިލީހުން އާންމުކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ސީޕްލޭން ޓާމިނަލް ހެދުމަށްފަހު ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް އެތަނުން ބޮޑު ބައެއް ދޫކޮށްލަން ނިންމުމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކުލަވާލި ރިޕޯޓް މަޖިލީހުން އާންމުކޮށްފި އެވެ.

އޭސީސީގެ ރިޕޯޓް މިރޭގެ ވަގުތެއްގައި އާންމުކޮށްފައި މިވަނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު، އެ ރިޕޯޓް ސިއްރު ރިޕޯޓެއްގެ ގޮތުގައި ލިބިފައިވާތީ ރިޕޯޓް ސިއްރުކުރަން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިވެފައިވަނިކޮށެވެ. 

ރިޕޯޓް ސިއްރު ކުރަން ނިންމި ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ފާޑުކިޔަމުންދަނިކޮށް މިހާރު މިވަނީ އެ ރިޕޯޓް މަޖިލީހުގެ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.

އެ ރިޕޯޓްގައި ފާހަގަކޮށްފައި ވަނީ ސީޕްލޭން ޓާމިނަލް މައްސަލައިގައި ޖިނާއީ ތަހުގީގެއް ފެށި ކަމަށް ބުނެ އޭސީސީން ނެރެފައިވާ ނޫސްބަޔާނުގައި ވެސް ފާހަގަ ކުރެވުނު ކަންތައްތަކެވެ. އެގޮތުން ޖިނާއީ ތަހުގީގު ފެށީ ސީޕްލޭން ޓާމިނަލް ވަކި ބަޔަކަށް މަންފާވާ ގޮތަށް ކުއްޔަށް ދިނުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކޮށެވެ. 

މި މައްސަލައާ ގުޅިގެން އޭސީސީގެ ތަޙްޤީޤަށް މިހާތަނަށް ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ރިޢާޔަތްކޮށް ގިނަ ކަންތައްތަކެއް އިސްލާހުކުރުމަށް އެމްއޭސީއެލްއަށް އަންގާފައިވާ ކަމަށްވެސް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ސީ ޕްލޭން ޓާރމިނަލް މައްސަލަ ތަހްގީގް ކުރުމަށްފަހު އޭސީސީން  ބުނެފައިވަނީ އެމް.އޭ.ސީ.އެލްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިންޓަރނޭޝަނަލް ޓަރމިނަލްއިން 2017 އަދި 2018 ގައި ރިޒޯޓްތަކަށް ޖާގަ ކުއްޔަށް ދޫކުރުމަށް ވެފައިވާ އެއްބަސްވުންތަކުގައިވާ އަގުތަކަށްބަލާއިރު، ރިޒޯޓްތަކަށް ޖާގަ ކުއްޔަށް ދޫކޮށްފައިވާ އެންމެބޮޑު އަގަކީ 314.57 (ތިންސަތޭކަ ސާދަ  ޑޮލަރު ފަންސާސްފަސް ސެންޓް) ކަމަށެވެ. 

އަދި އެންމެ ކުޑަ އަގުގައި އެމް.އޭ.ސީ.އެލްއިން ރިޒޯޓަކަށް ޖާގަ ކުއްޔަށް ދޫކޮށްފައިވަނީ އަކަމީޓަރަކަށް މަހަކަށް 174.92 (އެއްސަތޭކަ ހަތްދިހަ ހަތަރު ޑޮލަރާއި ނުވަދިހަ ދެ ސެންޓް)ގެ ރޭޓުންކަން ފާހަގަކުރެވޭ ކަމަށާއި، އެހެންކަމުން، އެމް.އޭ.ސީ.އެލް އިން ސީ ޕްލޭން އޮޕަރޭޓަރުންނަށް ލައުންޖް ހަދަން މިހާރު ކުއްޔަށް ދޭން މަޝްވަރާކުރެވިފައިވާ، އަކަމީޓަރަކަށް 10.35 (ދިހަ  ޑޮލަރު ތިރީސް ފަސް ސެންޓް)ގެ ރޭޓަކީ، އެމް.އޭ.ސީ.އެލްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުރި އެހެން އިމާރާތްތަކުން ޖާގަ ކުއްޔަށް ދޫކޮށްފައިވާ އަގުތަކަށް ބަލާއިރު ވަރަށް ކުޑަ އަގެއްކަން ފާހަގަކުރެވޭ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.

އޭސީސީން  ބުނެފައިވަނީ އެންމެ ބޮޑު އަގު (އަކަމީޓަރަކަށް މަހަކަށް 314.57 ޑޮރަލުގެ ރޭޓު) އާ އަޅާކިޔާއިރު، އެމް.އޭ.ސީ.އެލް އިން އަކަމީޓަރަކަށް މަހަކަށް 10.35ދިހަ ޑޮލަރު ތިރީސް ފަސް ސެންޓު ގެ ރޭޓުން ކުއްޔަށް ދީފިކަމުގައިވާނަމަ، އަހަރަކު 55,062,603.12 (ފަންސާސްފަސް މިލިއަން ފަސްދޮޅަސްދެ ހާސް ހަސަތޭކަ ތިން ޑޮލަރު ބާރަ ސެންޓް) ގެ ގެއްލުން އެމް.އޭ.ސީ.އެލް އަށް ލިބޭނެކަމަށް ބެލެވޭ ކަމަށެވެ. އަދި އެންމެ ކުޑަ އަގު (އަކަމީޓަރަކަށް މަހަކަށް 174.92 ޑޮލަރުގެ) ގެ ރޭޓާ އަޅާކިޔާފިނަމަ، އަހަރަކު 29,786,511.72 (ނަވާވީސް މިލިއަން ހަތްސަތޭކަ އަށްޑިހަ ހަހާސް ފަސްސަތޭކަ އެގާރަ ޑޮލަރު ހަތްދިހަ ދެ ސެންޓް) ގެ ގެއްލުން އެމް.އޭ.ސީ.އެލް އަށް ލިބޭނެކަމަށް ބެލެވޭ ކަމަށެވެ.

 އޭސީސީން ބުނީ އެންމެ ބޮޑު އަގުގެ ރޭޓް (314.57 ޑަޮލަރު) އާ އަޅާކިޔާއިރު، 15 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 825,939,047 (އަށްސަތޭކަ ފަންސަވީސް މިލިއަން ނުވަސަތޭކަ ތިރީސް ނުވަހާސް ސާޅިސް ހަތް  ޑޮލަރު) ގެ ގެއްލުން އެމް.އޭ.ސީ.އެލް އަށް ލިބޭނެކަމަށް ބެލެވެއެވެ. އަދި އެންމެ ކުޑަ އަގުގެ ރޭޓާ އަޅާކިޔާއިރު، 15 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 446,797,676 (ހަތަރުސަތޭކަ ސާޅީސްހަ މިލިއަން ހަތްސަތޭކަ ނުވަދިހަ ހަތްހާސް ހަސަތޭކަ ހަތްދިހަ ހަ  ޑޮލަރު) ގެ ގެއްލުން އެމް.އޭ.ސީ.އެލް އަށް ލިބޭނެކަމަށް ބެލެވޭ ކަމަށެވެ.

އެމް.އޭ.ސީ.އެލްއިން އިމާރާތްކުރާ އައު ސީ ޕްލޭން ޓަރމިނަލް އޮޕަރޭޓްކުރުމާ ގުޅޭގޮތުން ސީޕްލޭން އޮޕަރޭޓްކުރާ ފަރާތްތަކާ މަޝްވަރާކޮށްފައިވީނަމަވެސް، އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާއެކު ސޮއިކޮށްފައިނުވާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.

އައު ސީ ޕްލޭން ޓަރމިނަލްއާ ގުޅިގެން ބިނާކުރާ އެމް.އާރް.އޯ ފެސިލިޓީއަކީ، 12,746އަކަމީޓަރުގެ ބޮޑުމިނުގެ ފެސިލިޓީއެއްކަމާއި، މިއީ ސީ ޕްލޭން ޓަރމިނަލް ޕްރޮޖެކްޓްގެ ދަށުން ޤާއިމްކުރާ ހަމައެކަނި އެމް.އާރް.އޯ ފެސިލިޓީކަމާއި، އަދި އެމް.އާރް.އޯ ފެސިލިޓީ އަކީ 5,461,952.00 (ފަސް މިލިއަން ހަތަރުސަތޭކަ ފަސްދޮޅަސް އެއްހާސް ނުވަސަތޭކަ ފަންސާސްދެ  ޑޮލަރު) އަށް ކޮންޓްރެކްޓްކޮށްގެން ޤާއިމްކުރާ ތަނަކަށްވާއިރު، އަދި އައު ސީ ޕްލޭން ޓަރމިނަލްއަކީ މަލްޓި-އޮޕަރޭޓަރުންނަށް ބޭނުންކުރެވޭގޮތަށް ފަރުމާކޮށްފައިވާ ތަނަކަށްވީހިނދު، އެމް.އޭ.ސީ.އެލް އިން ދުނިޔޭގެ ފެންވަރުގައި އެމް.އާރް.އޯ ފެސިލިޓީއެއް ޤާއިމުކޮށް، އަކަމީޓަރަކަށް (10.35ޑޮލަރު) ގެ ކުޑަ ރޭޓުގައި ވަކިފަރާތަކަށް ދީފިނަމަ، އެމް.އޭ.ސީ.އެލްއަށް ލިބެން އޮތް ފައިދާއަށް އުނިކަމެއް އަންނާނެކަމަށް ކޮމިޝަނުގެ ތަހްގީގަށް ފާހަގަކުރެވޭ ކަމަށެވެ.

ސީ ޕްލޭން އޮޕަރޭޓަރުންނަށް އައު ސީ ޕްލޭން ޓަރމިނަލުން ޖާގަ، އަކަމީޓަރެއް މަހަކަށް (10.35) ގެ ރޭޓުގައި ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ 28 ނޮވެމްބަރު 2017 ގައި ބޭއްވި އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި ކަމަށް އޭސީސީން ވަނީ ބުނެފައެވެ. ނަމަވެސް މިއަދު މާލިއްޔަތު ކޮމިޓީގައި އެމްއޭސީއެލުގެ ބޯޑުގައި އެކަމާއި ގުޅޭ އެއްވެސް މަޝްވަރާއެއްކޮށްފައި ނުވާނެ ކަމަށް ބޯޑުގެ އެއް މެމްބަރު ޑރ. އިބްރާހިމް މަހްފޫޒު ވިދާޅުވި އެވެ.

މި މަޝްވަރާކުރިއިރު، އެމް.އޭ.ސީ.އެލްގެ ޑިރެކްޓަރުންގެ ބޯޑުގައި ކުރިން ތިބި ފަރާތްތަކާއި، އެމް.އޭ.ސީ.އެލްގެ ޑިރެކްޓަރުންގެ ބޯޑުގައި މިހާރު ތިބި ފަރާތްތަކާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ސީ ޕްލޭން އޮޕަރޭޓްކުރާ ތިން ފަރާތުގެ ތެރެއިން އަމިއްލަ ދެ ކުންފުނިކަމަށްވާ ޓީ.އެމް.އޭއާއި މަންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑްއާ ޢާއިލީ އަދި ވިޔަފާރީގެ ގުޅުން އޮންނަކަން ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ. އަދި އެމް.އޭ.ސީ.އެލްގެ ބޯޑުގެ ކުރީގެ އަދި މިހާރުގެ ބައެއް ފަރާތްތަކުގެ މަސްލަހަތު އެ ކުންފުނިތަކުގައި އޮންނަކަން އެނގޭ ކަމަށެވެ.

އެހެންކަމުން، އެ ފަރާތްތަކުގެ މަސްލަހަތު އޮންނަ މިފަދަ ކުންފުނިތަކާއި އެމް.އޭ.ސީ.އެލްއާ ދެމެދު ވެވޭ އެންމެހައި އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ނިންމާއިރު، އެ ފަރާތްތަކުގެ މަސްލަހަތު ފުށުއަރާއަކަން އޭސީސީގެ ތަޙްޤީޤަށް ފާހަގަކުރެވޭ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް