އިމްތިހާނުގައި ބައިވެރިވާނެކަމަށް އަންދާޒާ ކުރެވޭ ކެނޑިޑޭޓުންގެ އަދަދަށް ބަލާއިރު ބޮލަކަށް 20،000 ރުފިޔާ ފީގެ ގޮތުގައި ޖެހެއެވެ. ނަމަވެސް މިއީ ރާއްޖޭގައި މި އިމްތިހާނު ހަދާ ފުރަތަމަ ފަހަރަށް ވާތީ ފީގެ 50 އިންސައްތާގައި ބާ ކައުންސިލުން ހިފުމުން، ދަރިވަރުން ދައްކަން ޖެހޭނީ 10،000 ރުފިޔާގެ ފީއެއް ކަމަށް މިދިޔަ މާޗު މަހު ވަނީ ކަނޑައަޅާފަ އެވެ.
ނަމަވެސް އެކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން އެ ފީ މިހާރު ވަނީ، 6،500 ރުފިޔާއަށް ކުޑަކޮށްފަ އެވެ. އެކަމަކު އެ ފީ ރިފަންޑެއް ނުކުރެވޭނެ ކަމަށް އިއުލާނުގައި ވެއެވެ.
ވަކީލު ކަމުގެ ހުއްދަ ހޯދުމަށް ބާ އިމްތިހާނު ފުރިހަމަކުރާ ގޮތަށް ހަމަޖެއްސީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން އިމްތިހާނު ބޭއްވުމަށް ހުރަސްތަކެއް ކުރިމަތިވެ އިމްތިހާން ލަސްވަމުން ދާތީ، ގާނޫނު އިސްލާހުކޮށް ނިންމީ ބާ ކައުންސިލުން ކުރިއަށް ގެންދާ ވަކި ތަމްރީނެއް ފުރިހަމަ ކުރުމަށް ފަހު ހުއްދަ ދިނުމަށެވެ.
އެގޮތުން މިދިޔަ އަހަރު، އެ ތަމްރީން ފުރިހަމަ ކުރި 283 ވަކީލުންނަށް ވަނީ ވަގުތީ ލައިސަންސެއް ދޫކޮށްފައެވެ. ނަމަވެސް ގާނޫނުގައިވާ ގޮތުން އެ ދަރިވަރުން ވެސް މިފަހަރު އިމްތިހާނުގައި އިށީންނަން ޖެހޭނެއެވެ.
ބާ އިމްތިހާނުގެ ފީ ކުޑަކޮށްފައިމިވަނީ، އެފަހަރު ވަގުތީ ސެޓްފިކެޓެއް ދިނީ 1000 ރުފިޔާގެ ފީއަކަށް ކަމަށްވާއިރު، އަލުން ބާ އެގްޒާމަށް 10،000 ރުފިޔާ ނަގަން ބާ ކައުންސިލުން މާޗު މަހު ނިންމުމުން އެ ދަރިވަރުން ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.
މި އިމްތިހާން ބާއްވަން ނިންމާފައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.
ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމުގައި ހިމެނޭ ބައިތައް
- މޯލްޑިވިއަން ލީގަލް ސިސްޓަމް
- ކްރިމިނަލް ޕްރޮސީޖާ
- ސިވިލް ޕްރޮސީޖާ
- ޕްރޮފެޝަނަލް އެތިކްސް
- ޑްރާފްޓިން
- ދިވެހި ބަސް