ads
ޑރ. ވަހީދު، ޑރ. ޝަހީމް އަދި ޑރ. ޖަމީލް
ރައީސް ޔާމީންގެ ރަނިން މޭޓަކަށް ކޮން ބޭފުޅެއް؟
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރިޔާސީ ޓިކެޓު ރާއްޖޭގެ ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީނާ މިދިޔަ ހަފްތާ ބަންދުގައި ހަވާލުކޮށް އެ ޕާޓީން މިހާރުވަނީ އަންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފަށާފައެވެ.

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ރައީސް ޔާމީންގެ ޝަރީއަތްތައް ނިމޭ ގޮތަކުން، ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ބައިވެރިވެވޭނެތޯ ނޫންތޯ އެއީ އަދި މުޅިން އެހެން ވާހަކައެކެވެ. މި ބަލާލަނީ، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިން މޭޓަކަށް ވެވަޑައިގަންނަވާނީ ކޮން ބޭފުޅެއްތޯއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރަށް ބަލައިލައިފިނަމަ ފާހަގަވާނެ އެއް ކަމަކީ އެ މަނިކުފާނަށް އިތުބާރުކޮށްގެން އެކުގައި މަސައްކަތް  ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމެވެ. އެމަނިކުފާނުގެ ފުރަތަމަ ރަނިން މޭޓު އަދި ފުރަތަމަ ނާއިބު ރައީސްއަށް ޖެހިވަޑައިގަތީ އުނދަގޫ ދަތުރެކެވެ. ފިއްލަވައިގެން ރާއްޖެ ދޫކޮށް ވަޑައިގެން އެ މަނިކުފާނުގެ ވެރިކަން ނިމެންދެން އުޅުއްވީ ރާއްޖޭން ބޭރުގައެވެ. ދެވަނަ ނާއިބު ރައީސް އަހްމަދު ޢަބްދުލްޣަފޫރަށްވެސް ޖެހިވަޑައިގަތީ އުނދަގޫ ދަތުރެކެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު އަދީބު އިންނެވީ ޖަލުގައެވެ. ތިންވަނަ ނާއިބު ރައީސް ޢަބްދުﷲ ޖިހާދާ ރައީސް ޔާމީނާވެސް ގުޅުން ރަނގަޅު ކަމަކަށް ނުފެނެއެވެ. ހަގީގަތެއް ނޭނގެއެވެ.

ކަންކަން ބަދަލުވެ، ރައީސް ޔާމީންގެ ފުރަތަމަ ނާއިބް ރައީސް އަލުން މިވަނީ ރައީސް ޔާމީނާ އެކުގައި މަސައްކަތް ފަށްޓަވާފައެވެ. ދެހާސް އަށާރައިގެ އިންތިހާބުގައި ރައީސް ޔާމީނާ އެކު ނުކުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުވެސް ޔާމީންގެ އަރިހުގައި އެބަ ހުންނެވިއެވެ. ދެން ހުންނެވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހަވާލު ކުރި ޖަލްސާގެ އެންމެ ކުރީ ސަފުގައި ޑރ. ޖަމީލް، ޑރ. ވަހީދު އަދި ޑރ. ޝަހީމް ތިއްބެވިއިރު މީގެ ތެރެއިން ކުރިއަށް އޮތް އިންތިހާބުގައި ރައީސް ޔާމީންގެ ރަނިން މޭޓަކަށް ނަންގަވާނީ ކޮން ބޭފުޅެއްތޯ މިއީ ސުވާލެކެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުން ރިޔާސީ ކެންޑީޑޭޓުގެ ރަނިން މޭޓު ކަނޑައެޅުމަކީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ދޫކޮށްލާފައިވާ ކަމެކެވެ. އެހެންނަމަވެސް ރަނިން މޭޓުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. އެއީ ޕާޓީގެ މެންބަރެއްގެ ގޮތުގައި މަދުވެގެން އަހަރެއްވުމާއި، ގާނޫނު އަސާސީގައި ބުނާ ރައީސެއްގެ ޝަރުތު ހަމަވުމެވެ. މި ޝަރުތުތަކަށް ބަލާއިރު ޑރ. ވަހީދު، ޑރ. ޖަމީލް އަދި ޑރ. ޝަހީމުގެވެސް ޝަރުތު ހަމަވެއެވެ. ޑރ. ވަހީދު ޕީޕީއެމަށް ސޮއި ކުރެއްވީ ދެހާސް ސާދަވަނަ އަހަރުއެވެ. ޑރ. ޝަހީމް ދެހާސް އަށާރަވަނަ އަހަރު ޕީޕީއެމަށް ސޮއިކުރެއްވިއިރު، ޑރ. ޖަމީލް އަލުން އެނބުރި ޕީޕީއެމަށް ވަޑައިގެންނެވީ ދެހާސް ވިހި ވަނަ އަހަރުއެވެ.

ދެން އޮތީ އެ ތިން ބޭފުޅުންގެ ތެރެއިން ރައީސް ޔާމީން ނިންމަވާ ނިންމެވުމެކެވެ. އެ ތިން ބޭފުޅުން ނޫން ބޭފުޅަކު ކަނޑަ އެޅުއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

52%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
28%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް