
އެގޮތުން ސާނަވީ ތައުލީމު ނިންމައި، މިއަހަރު ދިވެހިރާއްޖެއިން 5955 ދަރިވަރުން އެސްއެސްސީ އަދި އޯލެވެލް އިމްތިހާނުތަކުގައި ބައިވެރި ވިއިރު، މަތީ ސާނަވީ ތަައުލީމު ނިންމައި، ރާއްޖެއިން 2641 ދަރިވަރުން ވަނީ އެޗްއެސްސީ އަދި އޭލެވެލް އިމްތިހާނުތަކުގައި ބައިވެރިވެފަ އެވެ.
ސާނަވީ އިމްތިހާނުތަކުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން، 757 ދަރިވަރުން ވަނީ ގައުމީ ގަދަ 10 ގައި ހިމެނިފަ އެވެ. އަދި، 13 ދަރިވަރަކު ވަކިވަކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 ގައި ހިމެނިފައިވާ އިރު، 6 ދަރިވަރަކު ވަނީ ހައި އެޗީވްމަންޓް އެވޯޑް ހާސިލުކޮށްފަ އެވެ.
މީގެ އިތުރުން، މަތީ ސާނަވީ އިމްތިހާނުތައް ނިންމި ދަރިވަރުންގެ ތެރެއިން 348 ދަރިވަރަކު ގައުމީ ގަދަ 10 ގައި ހިމެނިފައިވާއިރު، 41 ދަރިވަރަކު ވަނީ ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މޮޅު 10 ވަނައިގެ ތެރޭގައި ހިމެނިފަ އެވެ.
އިނާމުދިނުމުގެ ޖަލްސާތެރެއިން
ރޭ ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން ވަކިވަކި މާއްދާތަކުން މުޅި ދުނިޔެއިން އެއްވަނަ ނަތީޖާ ހޯދި 18 ދަރިވަރުންނަށް ޓްރޮފީ އަދި ހަނދާނީ ލިއުން ހަވާލުކޮށްދެއްވާފަ އެވެ.
އަދި 2020 ވަނަ އަހަރުން 2021 ވަނަ އަހަރުގެ ސާނަވީ އަދި މަތީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުތަކުން އެއްވަނަ ހޯދި 17 ދަރިވަރުންނަށް އެމަނިކުފާނު ވަނީ ޓްރޮފީއާ ހަނދާނީ ލިއުން ހަވާލުކޮށްދެއްވާފަ އެވެ.
މިޖަލްސާގައި، އިމްތިހާނުތަކުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން ދެވަނަ ހޯދި 29 ދަރިވަރުންނަށް ޓްރޮފީއާ ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.
އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން ތިންވަނަ ހޯދި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.
އިނާމުދިނުމުގެ ޖަލްސާތެރެއިން
“އަޒުމެއް އޮތިއްޔާ، ކާމިޔާބީގެ އައްސޭރި އަތުވާނެ ކަމުގެ އަލިގަދަ ހެއްކެއް”
މަތީ ނަތީޖާތައް ހޯދި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދިނުމުގެ ރަސްމިޔާތު ފެށުމުގެ ގޮތުން ރައީސް ސޯލިހު ދެއްކެވި ވާހަކައިގައި ވަނީ ކޮވިޑުގެ ދަތި ހާލަތާއިއެކު ވެސް ކުދިން ހޯދި ފުރިހަމަ ކާމިޔާބީ ފާހަގަކުރައްވާފަ އެވެ.
ކޮވިޑް-19ގެ ދަތިކަމުގެ ތެރޭގައި، ކިޔެވުން ކުރިއަށް ގެންދިޔައިރު، ދަރިވަރުން ވަނީ ތައުލީމީ ދާއިރާގައި ރާއްޖެދުއް އެންމެ އާ ކަންތައްތައް ތަޖުރިބާކޮށްފަ އެވެ.
ބައެއް ދުވަސްތަކުގައި ސްކޫލަށް ހާޒިރުވެ މާސްކް އަޅައިގެން ދުރުދުރުގައި ތިބެގެންނެވެ. އަދި ބައެއް ދުވަސްތަކުގައި ގޭގައި ތިބެ އޮންލައިންކޮށް ކިޔެވުމަކީ ކުދިންނަށް ލިބިގެންދިޔަ މުޅިން އާ ތަޖުރިބާއެކެވެ.
ރައީސް ސޯލިހު ވިދާޅުވީ، އެ ދަތިކަމުގެ ތެރޭގައިވެސް، ދަރިވަރުނަށް އެހާ ފުރިހަމަ ނަތީޖާއެއް ހާސިލުކުރެވުނީ، ސްކޫލްތަކުން ދެމުންދިޔަ އިރުޝާދުތަކަށް ބޯލަނބައި، މައިންބަފައިންގެ ބަސްއަހައިގެން، ކެތްތެރިކަމާއެކު ކުރި ހިތްވަރުގެ ސަބަބުން ކަމަށެވެ.
މިދިޔަ ދެ އަހަރު ދަރިވަރުން ކުރި ބުރަ މަސައްކަތަކީ، އަދި ދަތި އުނދަގޫ ހާލަތްތަކަށް ކެތްތެރިވެ، ހިތްވަރާއެކު އާ އަޒުމެއްގައި ކަންތައްތަކާ ކުރިމަތިލުމުގެ ވަރަށް ފުރިހަމަ ނަމޫނާއެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ.
ވިިހިވިހި ވަނަ އަހަރު ދިމާވި ކޮވިޑް-19 އިގެ އާލަމީ ވަބާ ވެގެން ދިޔައީ ދިވެހިރާއްޖޭގެ ތައުލީމީ ހަޔާތައް ދިމާވި އެންމެ ބޮޑު ގޮންޖެހުމަށެވެ. އަދި އެ ގޮންޖެހުމުގެ ގެއްލުން މާލީ ގޮތުންނާއި، މައުނަވީ ގޮތުންވެސް ބޮޑެވެ.
މީގެ އިތުރުން 2021 ވެސް ދިޔައީ އެގޮތުގައެވެ. އެ ދެއަހަރަކީ ހުރިހާ ގޮތަކުންވެސް ގޮންޖެހުން ބޮޑު، ދަތި ދުވަސްތަކެއްް ގޮތުގަައި ގިނަ ކަންތަަށްތަކެއް ފެނި އިބުރަތް ލިބި "ދެފުށަށް ހަން ނޮޅިގެން" ނިމުނު އަހަރެއްގެ ގޮތުގައި ތާރީހުގައި ލިޔެވިގެންދިޔަ ދެ އަހަރެވެ.
އެގޮތުން 2020 ވަނަ އަހަރުގެ ކިޔެވުން ނިމިގެންދިޔައީ ކޮވިޑް-19 ދަތި ދަނޑިވަޅުގައި ކިޔެވުމުގެ މުހިންމު އުމުރެއް ތައުލީމީ ހަޔާތުން ކުދިބަޔަކަށް ގެއްލިގެން ނެވެ.
އެ އަހަރުގެ މާޗް 12 ގައި ރާއްޖޭގެ ސްކޫލުތައް ބަންދު ކުރުމަށް ފަހު ޖުލައި އެކެއްގައި މާލެ ނޫން ރަށްރަށުގައި ގްރޭޑް އެކަކުން މަތީގެ ކުދިންނަށް ކިޔަވައިދޭން ފެށި އެވެ.
ފަހުން ހާލަތު ކުޑަކޮށް ހަމަޔަަކަށް އެޅި ފައުންޑޭޝަން އަދި ޕްރީސްކޫލް ކުދިންނަށް އަތޮޅުތަކުގައި ކިޔަވައިދޭން ފަށަން ނިންމި ނަމަވެސް، 2020 ވަނަ އަހަރުގެ ކިޔެވުން މާލެ ސަރަހައްދުގެ އެ އުމުރުގެ ކުދިންނަށް ނިންމާލަން ޖެހުނީ ސްކޫލަށް ދިޔުމުގެ ހުއްދައެއް ނުލިބިއެވެ.
އެ ޓާމުގެ ރިޕޯޓް ފޮތް ޑިޖިޓަލްކޮށް ބޭއްވި ހަފުލާއެއްގައި ދިނުމަށް ފަހު ސްކޫލުތައް ބަންދުކުރިއިރު، ކޮވިޑް-19 އާ ގުޅިގެން ތައުލީމީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުން ބޮޑެވެ.
ދެންވެސް މިއަދު މިތިބަ ހިސާބަށް އައުމާއި ހަމަޔަށް 2021 ވަނަ އަހަރު ނިމި 2022 ވެސް ވަކި ހިސާބަކަށް ދިޔައީ މިގޮތުގައެވެ.
ކޮވިޑް-19 ގެ ހާލަތުގައި އެކި ފަހަރުމަތިން ސްކޫލްތަކުގައި ދަރިވަރުންނަށް ކިޔަވައި ދިނުން ހުއްޓާލަން ޖެހުނުއިރު ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވެ ސްކޫލްތަކަށް ކުދިން ގެންގޮސްގެން ކިޔަވައި ދިނުމަކީ އެންމެ ރައްކާތެރިގޮތަށް ނުވާތީ ކުދިންނަށް މުޅިންހެންވެސް ކިޔަވައިދެމުންދިޔައީ އޮންލައިންކޮށެވެ.
ހާއްސަކޮށް ޕްރީންސްކޫލް ލެވެެލްގެ ދަރިވަރުންގެ 2020-2021 ވަނަ އަހަރުގެ މުޅި ތައުލީމީ ދައުރު ނިމިގެންދިޔައީ އޮންލައިން ކްލާސްތަކުންނެވެ.