ads
ޑރ. ބިލާލް ފިލިޕްސް
ޑރ. ބިލާލް ގެނައުން މަޑުޖައްސާލުމުން ވެސް ބޮޑެތި ފާޑުކިޔުންތަކެއް!
އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ދެކޮޅު ހެއްދުމާ ގުޅިގެން ދުނިޔޭގެ މަޝްހޫރު އިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުން ސަރުކާރުން މަޑުޖައްސާލުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ޑރ. ބިލާލް ފިލިޕްސް ސަރުކާރުގެ ދައުވަތަކަށް ދީނީ ނަސޭހަތް ދެއްވުމަށް އަންނަ މަހުގެ ތެރޭގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އިއްޔެ އިއުލާންކުރެއްވުމާ އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒް ފަހްމީއާއި އެމްޑީޕީގެ ބައެއް އާންމު މެންބަރުން ވަނީ ދަރުސް ދެއްވުމަށް ޑރ. ބިލާލް ރާއްޖެ ގެނައުމާ ދެކޮޅަށް ވާހަކަދައްކާފަ އެވެ. 

ޑރ. ބިލާލަށް ފާޑު ވިދާޅުވި ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި އޭނާ އަކީ ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރައްވާ އެކަން ޕްރޮމޯޓް ކުމަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ޑރ. ބިލާލަށް މިފަދަ ތުހުމަތުތަކެއް ބައެއް މީހުން ކުރާއިރު އޭނާ ބައެއް ގައުމުތަކަށް ދަތުރުކުރުން އެ ގައުމުތަކުން ވަނީ މަނާކޮށްފަ އެވެ. މީގެތެރޭގައި އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ކެންޔާ ފަދަ ބައެއް ގައުމުތައް ހިމެނެ އެވެ. 

އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ ދެކޮޅު ހެއްދެވުންތަކާ ގުޅިގެން ޑރ. ބިލާލް ރާއްޖެ ގެނައުން މަޑުޖައްސާލާފައިވާ ކަމަށްވެސް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ފަހުން ވަނީ ވިދާޅުވެފަ އެވެ. 

ޑރ. ބިލާލަށް ތުހުމަތުތަކެއް ކޮށް އޭނާ ރާއްޖެ ގެނައުން މަޑުޖައްސާލުމާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ޑރ. ބިލާލަކީ ހަރުކަށި ފިކުރުގެ ބޭފުޅެއް ނޫން ކަމަށާއި އަދި އެ ފިކުރަށް ތާއީދު ކުރައްވާ ބޭފުޅެއްވެސް ނޫން ކަމަށެވެ. 

"އެއީ އިލްމީ ބޭފުޅެއް. އެތައް ފޮތެއް ލިޔުއްވާފައިވާ ބޭފުޅެއް. އެތައް ތައުލީމީ މުއައްސަސާއެއް އިސްލާމީ އުއްމަތުގައި އުފެއްދެވި ބޭފުޅެއް. އެއީ މަދީނާގެ އިސްލާމީ ޔުނިވަސިޓީގެ ފަހުރުވެރި ދަރިވަރެއް،" ބިލާލްގެ ދިފާއުގައި ޝަހީމް ވިދާޅުވެފައިވެ އެވެ. 

ޑރ. ޝަހީމް ވިދާޅުވީ އޭނާ ހެޔޮ ސިއްހަތެއްގައި ދުނިޔޭގައި ހުންނަވައިގެން ރާއްޖެ ވަޑައިގެންނެވުނު ދުވަހަކުން ޑރ. ބިލާލް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވާނެ ކަމަށާއި އެކަން ހުއްޓުވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށެވެ. 

މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިލްޔާސް ހުސައިން ވިދާޅުވީ ތިމާއަށް ނޭނގޭ ކަންކަމުގައި ވާހަކަ ދައްކައިފިނަމަ މާދަމާ ﷲގެ ހަޒްރަތުގައި ސުވާލުކުރެވޭނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ފެންވަރުގެ ދީނީ އިލްމުވެރިންގެ ބޮލުގައި ތުހުމަތު އެޅުވުމަކީ އެމީހެއްގެ ހިތުގައި ދީނާ މެދު ނަފްރަތުވާ ކަމުގެ ހެއްކެއް ކަމަށެވެ.

ޑރ. ބިލާލް ފިލިޕްސް ރާއްޖެ ގެނައުން މަޑުޖައްސާލުމާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުންގެ ބައެއް މީހުން ވެސް ވަނީ ސަރުކާރުގެ މިނިންމުމާ ގުޅިގެން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ޑރ. ބިލާލް ފިލިޕްސްގެ މައްސަލަ ފެންމަތިކޮށް އޭނާގެ އަބުރުކަތިލަނީ އެމްއޭސީއެލް އިން ހަދާފައިވާ އާ ސީޕްލޭން ޓާމިނަލްގެ ބޮޑު ބައެއް ޓީއެމްއޭ އަށް ދިނުމުގައި ނުރަނގަޅު ކަންތައްތަކެއް ހުރުމުން އެ މައްސަލަ އޮއްބާލުމަށް ކަމަށްވެސް ބައެއް މީހުން ގެންދަނީ ބުނަމުންނެވެ.

ޑރ. ބިލާލް ފިލިޕްސް މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން ދީނީ ދަރުސްތައް ދެއްވާފައިވެ އެވެ. އޭނާ އެންމެ ފުރަތަމަ ރާއްޖެ ވަޑައިގެންނެވީ ޖަމިއްޔަތުއްސަލަފްގެ ދައުވަތަކަށް އިސްލާމިކް މިނިސްޓްރީގެ ހުއްދަވެސް ލިބިގެން 2009 ވަނަ އަހަރު އެެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް