ads
އިންޑިއާ އައުޓް ހަރަކާތެއްގެ ތެރެއިން
ރައީސް ޔާމީން ”އިންޑިއާ އައުޓް“ ހަރަކާތާއި ދުރަށްޖެހިއްޖެ
ރިޔާސީ ޓިކެޓު ލިބުމާއިއެކު ގާނޫނާއި ހިލާފުވާން ބޭނުންފުޅުނުވާކަމަށް ވިދާޅުވެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ހަރަކާތާއި، އެ ޕާޓީގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފެޔަށް ޖެހިވަޑައިގެންފި އެވެ.
Advertisement

އެމްއެމްޕީއާރްސީ ހިޔާނާތުގެ ދައުވާއެއް ސާބިތުވެ، ރައީސް ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމުން ދެ އަހަރުފަހުން މިނިވަންވެވަޑައިގަތުމާއިއެކު ރައީސް ޔާމީން ވަނީ އިންޑިއާ އައުޓް ހަރަކާތް އިތުރަށް ވަރުގަދަކޮށް މުޅި ރާއްޖެއަށް ފުޅާކޮށްފަ އެވެ. 

ނަމަވެސް ރައީސުލްޖުމްހުރިއްޔާގެ ގަރާރަކުން އެކަން މިހާރު އޮތީ ކުށަކަށް ހަދާފައެވެ. އޭގެފަހުންވެސް އިދިކޮޅުން ބުނަމުންދިޔައީ އެ ހަރަކާތް ނުހުއްޓާނެ ކަމަށެވެ. ނަމަވެސް މިފަހަކުން އެ ހަރަކާތް ކުރިއަށް ގެންދާތަނެއް ނުފެނެއެވެ.

އެކަމާއި ގުޅިގެން ސަންގްޓީވީގެ ޕްރޮގްރާމެއްގައި ރައީސް ޔާމީނަށް ސުވާލުދެންނެވުމުން އެމަނިކުފާނު ވިދާޅުވީ، ވެރިކަމާއި ކުރިމަތިލެއްވުމަށް ޓިކެޓު ލިބިވަޑައިގެންފައިވުމާއިއެކު ގާނޫނާއި ހިލާފު އެއްވެސް ކަމެއް ކުރަން ބޭނުންނުވާތީ އެ ހަރަކާތާއި ދުރުގައި ހުންނެވި ކަމަށެވެ.

“ އަޅުގަނޑު ރަށްރަށަށް ކުރި ދަތުރުތައް ކުރުމާއި މިކަންކަމުގައި އުޅެން ބޭނުން ނުވަނީ އަޅުގަނޑަކީ ގާނޫނާއި އެއްގޮތައް މަސައްކަތްކުރަން ބޭނުންވާ މީހެއް. ރައީސުލްޖުމްހުރިއްޔާ ކަމަށް ކުރިމަތިލަނީވެސް ގާނޫނު ތަންފީޒު ކުރާ މީހެއް ކަމަށް ގަބޫލުކުރެވޭތީ. އެހެންވީމަ ރިޔާސީ ޓިކެޓު ލިބި ރައީސުލްޖުމްހުރިޔާ ކަމަށް ކުރިމަތިލާފައިވާ މީހަކު ގާނޫނާއި ހިލާފަށް މަސައްކަތްކުރަން ނިކުތުމަކީ ހަަމަޖެހޭ ކަމަކަށް ނުވާތީ އަޅުގަނޑު އެކަމުގައި ނޫޅެނީ،” ރައީސް ޔާމީން ވިދާޅުވި އެވެ.

ނަމަވެސް އިންޑިއާ އައުޓު ހަރަކާތް ހުއްޓާނުލާ އަދިވެސް އެ ޕާޓީން ކުރިއަށް ގެންދާނެ ކަމަށާއި، އެކަން ހުއްޓުވަން ނެރެފައި އޮތް ގަރާރަކީ ގާނޫނާއި ހިލާފު ގަރާރެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ ގަރާރު ގާނޫނާއި ހިލާފުކަމަށް ގަބޫލުކުރިނަމަވެސް، ރައީސުލްޖުމްހުރިއްޔާ ނެެރެފައި އޮތް ގަރާރެެއް ތަންފީޒުކުރަން ފުލުހުން ނިކުންނަން މަޖުބޫރުވާތީ، އެ ހަރަކާތް ހުއްޓުވަން ކޮންމެ ވަގުތަކު ފުލުހުން ނުކުންނާނެ ކަމަށެވެ. 

އެގޮތަށް ނިކުތުމުންނާއި، ސިޔާސީ ހަމަނުޖެހުމަކަށް ގޮސްފާނެތީ މިވަގުތު އެ ހަމަނުޖެހުންތަކާއި ކުރިމަތިލައްވަން އެމަނިކުފާނު ބޭނުންނުވާ ކަމަށްވެސް ވިދާޅުވި އެވެ. 

ގާނޫނާއި ހިލާފުވެވަޑައި ނުގަންނަވަން އެ ހަރަކާތާއި ދުރުގައި ހުންނެވި ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، ގަރާރަށްފަހުވެސް ޔާމީން މީގެ ކުރިން ވަނީ އެ ހަރަކާތުގައި ބައިވެރިވެފައެވެ. 

އެގޮތުން އިންޑިއާގެ ސިފައިންނާއި، ބޫޓުކިބައެއް އިނަސް "އައުޓް" ކުރުމަށް ވެސް ގޮވާލައްވާފައި ވެއެވެ.

މީގެ އިތުރުން، އެމްއެމްޕީއާރްސީ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދަނިކޮށް، ދެ އަހަރު ފަހުން މިނިވަންވެވަޑައިގެންނެވުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޔާމީން އޭރު ވިދާޅުވީ، އިންޑިއާ އައުޓުގެ ނަމުގައި ހިންގާ ހަރަކާތަކީ އިދިކޮޅުގެ ވަރަށް މަދު ބަޔަކު ކުރާ ކަމެއް ކަމަށް ބުނެ ވާހަކަތައް ދެކެވެމުންދާކަމަށެވެ.

ނަމަވެސް އެ ދުވަހުގެ ޖަލްސާގައި ރައީސް ޔާމީން ވަނީ އެއީ އިދިކޮޅުގެ މަދު ބަޔަކު އިސްވެ އޮވެ ކުރާ ކަމެއް ނޫންކަމާއި އެމަސައްކަތަކީ ހުދު އެމަނިކުފާނު އިސްވެ ހުރެ ހިންގަވާ އަދި ކުރިއަށް އޮތްތާގައި ހިންގަވާނެ ހަރަކާތެއްކަން ރަސްމީކޮށް އިއުލާންކުރައްވާފައެވެ. 

އިންޑިއާ އައުޓު ހަރަކާތަކީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމެއް ކަމަށް ކަނޑައަޅާ އެކަން ހުއްޓުވަން ރައީސް ސޯލިހް ނެރުއްވި ގަރާރަށްފަހު، ފާޅުކަން ބޮޑުކޮށް މަގުމަތީގަޔާއި ބެނާގެ ޒަރިއްޔާއިން އެ ހަރަކާތް ހިންގުމުގެ ފުރުސަތު ފުލުހުން ނުދެއެވެ. 

އިންޑިއާއާއިމެދު ނަފްރަތު އުފެއްދުމަށް ހިންގާ ކަމަށް ބުނާ “އިންޑިއާ އައުޓް” ކެމްޕެއިންއަކީ ގައުމީ ސަލާމަތައް ނުރައްކާވާ ކަމެއްކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަނޑައެޅުމުން "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން އަންގާ ރައީސް ނެރުއްވި ގަރާރު ގައި ބުނެފައިވަނީ، އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ، ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއް ކަމަށެވެ. 

40%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް