ads
ކާމިލްދީދީ ސްކޫލު ހުޅުވުމުގެ ރަސްމިޔާތުގައި ނައިބު ރައީސް ފައިސަލް ވާހަކަދައްކަވަނީ
އެއް ކުއްޖަކު އަނެއް ކުއްޖަކަށް އޯގާތެރިވާން ޖެހޭ: ނާއިބް ރައީސް
ސްކޫލުގައި އެންމެ ބޮޑު އިސްކަމެއް ދޭންވީ އެއް ކަމަކީ އެއް ކުއްޖަކު އަނެއް ކުއްޖަކަށް އޯގާތެރިކަމާއި އެކު ކަންކަން ހިއްސާކުރުން ކަމަށް ވިދާޅުވެ، ނާއިބު ރައީސް ކިޔަވާ ކުދިންނަށް ނަސޭހަތް ދެއްވައިފިއެވެ.

ނާއިބް ރައީސް ފައިސަލް ނަސީމް މި ނަސޭހަތް ދެއްވީ، ހުޅުމާލޭ ފޭސް ޓޫގައި މިއަދު އަލަށް ހުޅުނު އަހްމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްކެވި ވާހަކަފުޅުގައެވެ. މި ސްކޫލު ހުޅުވައިދެއްވީ މިއަދު ހެނދުނު ނާއިބް ރައީސް ފައިސަލް ނަސީމްއެވެ.

ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ ޤައުމަށްބޭނުންވާފަދަ ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރެވޭނީ، ހުރިހާ ފަރާތްތަކަކުންވެސް އެފަރާތްތަކާއި ހަވާލުވެފައިވާ ޒިންމާއާ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމުގައެވެ. އަދި ނާއިބް ރައީސް ވިދާޅުވީ މުދައްރިސުންނާއި ބެލެނިވެރިންނާއި ސަރުކާރުގެ ޒިންމާއެއްވެސް އެބައޮތް ކަމަށާއި، ޤައުމަށް ހެޔޮލަފާ ޖީލެއް ލިބެން އޮތީ، އެ ހުރިހާ ފަރާތްތަކަކުންވެސް އެފަރާތްތަކުގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށެވެ. އަދި އެކަކު އެކަނި ކުރާ މަސައްކަތުން ބައެއް ކަންކަމަކީ ކާމިޔާބު ނުކުރެވޭނެ ކަންކަން ކަމަށާއި، ކާމިޔާބީއާ ހަމައަށް ދެވޭނީ އެންމެން އެކުގައި ގުޅިގެން ކުރާ މަސައްކަތުން ކަމުގައިވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ކާމިލްދީދީ ޕްރައިމަރީ ސްކޫލް އަޅާފައިވަނީ، ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުތައް ކައިރީގައެވެ. މިސްކޫލަކީ، ފައުންޑޭޝަން ލެވެލްއިންފެށިގެން، ގުރޭޑް 6 އާއި ހަމައަށް ކިޔަވައިދޭ ސްކޫލެކެވެ. މިސްކޫލުގައި 824 ދަރިވަރުން ތައުލީމް ހާސިލްކުރާއިރު، މުދައްރިސުންނާއިއެކު ޖުމުލަ 65 މުވައްޒަފުން މިވަގުތު މި ސްކޫލުގައި އެބަތިއްބެވެ. ކާމިލްދީދީ ޕްރައިމަރީ ސްކޫލް ނިސްބަތްވަނީ، ދިވެހިރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީގެ ދަށުން ވަޒީރުލްމަޢާރިފްގެ މަޤާމަށް އައްޔަނުކުރެއްވި އަލްއުސްތާޛު އައހްމަދު ކާމިލްދީދީއަށެވެ. އެމަނިކުފާނަކީ ދިވެހި އަދަބިއްޔާތުގައިވެސް ފާހަގަކޮށްލެވޭ ޝަޚުސިއްޔަތެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް