ads
އަމީރް މިއަދުގެ މަޖިލީހުގައި
ބަގުރޫޓުވިޔެކޭ ނުބުނަން، ނަގާފައި ހުރި ލޯނުތައް ދެއްކޭނެ: މިނިސްޓަރު އަމީރް
ނަގާފައިވާ ލޯނުތައް ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީރް މިހެން ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން ގެއްލުވަމުންދާއިރު އެފަދަ ތަންތަން ބަންދުކުރަން ވިސްނަމުންދޭތޯ އާއި ރާއްޖެ ބަގުރޫޓުވި ކަމަށް ފިނޭންސް މިނިސްޓަރު ނިންމެވީތޯ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އަމީރް ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އެކިގޮތްގޮތުން މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.

އަޅުގަނޑު އެއްވެސް ފަހަރެއްގައި އަޅުގަނޑު ފާހަގައެެއް ނުކުރަން ބަގުރޫޓުވި ވާހަކައެެއް. އަޅުގަނޑުމެން މިހާރުވެސް އެންމެ ދަތި ހާލަތުގައި ކޮވިޑްތެރޭގައިވެސް މިދިޔައީ އަޅުގަނޑުމެންގެ ދަރަނި ބަރާބަރަށް އަދާކުރަމުން، އެހެންވީމަ ކުރިއަށް އޮތްތާގައިވެސް ނަގާފައިވާ ދަރަނިތައް ދެއްކޭނެ ކަމުގެ ޔަގީންކަން އެބައޮތް، އަމީރް ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓްރީން ޖޫން މަހުގެ ތެރޭގައި އާންމުކޮށްފައިވާ ރާއްޖޭގެ ދަރަނީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގެ ޖުމްލަ ދަރަނި އުޅެނީ 98.9 ބިލިއަން ރުފިޔާގަ އެވެ. މިއީ މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ ދަރަނި ހުރި އަދަދާ އަޅާބަލާއިރު 4.8 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިކަމާއި ގުޅިގެން ރާއްޖޭގެ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން އަންނަނީ ފާޅުކުރަމުންނެވެ.

ޑީފޯލްޓް ވެދާނެކަމަށް ދެކެވޭ މި ވާހަކަތަކާއި ގުޅިގެން އޭރުވެސް މިނިސްޓަރު ވިދާޅުވީ، ދަރަނި ދެއްކުމުގެ ގާބިލުކަން ސަރުކާރުގައި އަދި އެބައޮތްކަމަށެވެ. އަދި ރާއްޖެއަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރުމުއްދަތުގެ ގޮންޖެހުންތަކެއް ނެތް ކަމަށެވެ.  

އަމީރު މިއަދުވެސް ވިދާޅުވީ، އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވް ހުންނާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓާއި އެއްގޮތަށް ކަމަށެވެ.

އަދި، 200 މިލިއަން ޑޮލަރު އެކްސްޓާނަލްކޮށް ހޯދުމަށް ބަޖެޓުގެ ފައިނޭންސިން ޕްލޭންގައި ހިމަނާފައިވާއިރު، އޭގެތެރެއިން 100 މިލިއަން ޑޮލަރު މިހާރު ހޯދިފައިވާކަމަށާއި، އަނެއް 100 މިލިއަން ޑޮލަރު އެކިގޮތްގޮތުން ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް މިއަދު ވިދާޅުވި އެވެ. 

ނަމަވެސް ދަރަނި ދެއްކުމަށް ހޭދަވަމުންދާ އަދަދު މަޖިލީހުގައި ހާމައެއް ނުކުރިއެވެ. ވިދާޅުވީ ވަކިން އެމައުލޫމާތު ސުވާލުކުރެއްވި މެމްބަރަށް އަރުވާނެ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް