ads
މަޖިލިސް
”މަޖިލިސް މެމްބަރެއް ކުރާ ކުށަކަށް ފިޔަވަޅެެއް ނޭޅޭ، އުޅެނީ މީދޫ މުދިމު ހޯދަން“
މަޖިލިސްތެރޭގައި ”ސެލެކްޓިވް ޖަސްޓިސް“ އޮތްވަރު އެތަނުގެ ތެރެއިން ފެންނަމުންދާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ޓްއަރިޒަމްގެ ގަރާރަށް ބަހުސްކުރައްވަމުން މެމްބަރު ވިދާޅުވީ، އިންވެސްޓްރުން ރާއްޖެ ނާންނަނީ އިތުބާރު ނެތުމުން ކަމަށެވެ.

މިސާލެއްގެ ގޮތުން ނެންގެވީ މަޖިލީހުގައި އޮތް    ”ސެލެކްޓިވް ޖަސްޓިސް“ އެވެ. އެގޮތުން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުގެ މަޖިލިސް މެމްބަރަކު ކުށެއް ކުރިނަމަވެސް ފިޔަވަޅެއް ނާޅާކަމަށާއި އުޅެނީ ރަށު ބަހުން ހުތުބާ ދިން މުދިމަކު ހޯދައި އޭނާއަށް ފިޔަވަޅު އަޅަން ކަމަށެވެ.

ހަމަ މިތަނުގެ މެމްބަރަކު ކުށްކުރިކަމަށް ވިޔަސް ސަރުކާރަށް ނިސްބަތްވާ ކަމަށް ވަންޏާ ފިޔަަވަޅެއް ނޭޅެ. މީދޫ މުދިމު ހޯދަން ކުރާ މަސައްކަތް އިންތިހާއަށް ބޮޑު. މިއީ މިތަނުގެ ހާލަތު އޮތްގޮތަކީ އެހެންވީމަ މިތާ ކޮން ވާހަކައެެއް ދައްކާކަށް، އާދަމް ޝަރީފް ވިދާޅުވި އެވެ.

މިވާހަކަތައް މިގޮތަށް ކުރިއަށް ގެންދަން ފެށުމުން މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު(ބޮންޑޭ) ނިޒާމީ ނުކުތާއެއް ނަންގަވާ ވަނީ މެމްބަރު އާދަމް ޝަރީފް ވާހަކަދައްކަވަނީ ގަރާރަށް ނޫން ކަމަށް ވިދާޅުވެފަ އެވެ. 

އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނަގާ ބޭރަށް  އުކާލުމަށްފަހު “ގުދޯ، ގުދޯ” ގޮވަނީ ކަމަށްވެސް ވިދާޅުވި އެވެ.

އާދަމް ޝަރީފުގެ ވާހަކައިގައި މީދޫ މުދިމު ހޯދަން އުޅޭކަމަށް އިޝާރާތްކުރައްވަނީ، އައްޑޫ ސިޓީ މީދޫގައި މިދިޔަ ހުކުރު ދުވަހު ހުކުރު ކުރި މުދިމު ހުތުބާ ރަށު ބަހުން ވިދާޅުވުމުން އޭނާ ސަސްޕެންޑުކޮށްފައިވާތީ އެކަމަށް އިޝާރާތްކުރައްވައެވެ.

އެގިފައިވާގޮތުގައި އޭނާ ސަސްޕެންޑުކުރިނަމަވެސް އެ މުދިމު ހުތުބާ ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ފޮނުވާފައިވާ ހުތުބާ ހަމަ އޮތްގޮތައް ހުތުބާގައިވާ އެެއްވެސް އެއްޗަކަށް ބަދަލު ނުގެނެހެވެ. ހަމައެކަނި ބަދަލުކުރި ކަމަށް ވަނީ ހުތުބާ ދިން ބަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް