ads
ކުއީން އެލިޒަބަތު
އިނގިރޭސި ރާނީ: ޝަރަފާ އިއްޒަތަށްފަހު ކީ އަލްވަދާއު!
އިނގިރޭސި ވިލާތުގެ އެންމެ ގިނަ ދުވަހު ތަހުތުގައި ރެދެލި ކުރެއްވި އަދި އިތުރު 14 އިސްތިއުމާރީ ގައުމެއްގެ ރާނީކަން ކުރެއްވި ރާނީ އެލިޒަބަތު 2، އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައި ބުރާސްފަތި ދުވަހުގެ މެންދުރުފަހު ސްކޮޓްލެންޑްގެ އެބަޑީންޝިއާ ހުންނަ ބެލްމޯރަލް ކާސަލްގައެވެ.

ރާނީ ދިރިއުޅުއްވީ ފުރިހަމަ ދިރިއުޅުއްވުމުގައި، ހަތަރު ދަރިކަލުންނާއި އަށް މާމަ ދަރިކަލުންނާއި 11 މުނިމާމަ ދަރިކަލުން ލިބިވަޑައިގަތެވެ.

އިނގިރޭސި ތާރީހުގައި އެހެން އެއްވެސް ބޭފުޅަކު ނުކުރައްވާހާ ދިގު މުއްދަތަކަށް ރާނީ އެލިޒަބަތު 2 ރަނިކަން ކުރެއްވި އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާނީ އަކީ ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ ޝަޚްޞިއްޔަތެކެވެ. އެކަމަނާއަކީ އިނގިރޭސިވިލާތަށާއި ކޮމަންވެލްތަށް ބޮޑެތި ބަދަލުތަކެއް ގެނެވުނު ދުވަސްވަރު ވަރަށް މުހިންމު ޝަޚްޞިއްޔަތެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ބޭކަނބަލެކެވެ.

ރާނީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 26 އެޕްރީލް 1916 ގައެވެ.

އެކަމަނާގެ އާއިލާއިން އެކަމަނާއަށް ރަނިކަން ލިބިވަޑައިގަންނަވާނެ ކަމަށް އުންމީދު ނުކުރައްވަ އެވެ. ފަހުރުވެރި ދިރިއުޅުއްވުމެއް އުޅުއްވުމަށް މަގުފަހި ވެދާނެ ކަމަށް އުއްމީދު ކުރި ނަމަވެސް އިންގިރޭސި ތަހުތުގައި އިންނަވާނެ ކަމަށް އޭރު ހިއެއް ނުކުރެ އެވެ. ނަމަވެސް ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ 1936 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އެކަމަނާގެ ބޮޑުބޭބެ ކިންގް އެޑްވާޑް 8 ، އޭނާ އެންމެ ލޯބިވާ މީހާ އާ ކައިވެނި ކުރެއްވުމަށް ރަސްކަމުގެ ތަހުތު ދޫކުރެއްވުމުންނެވެ. އެހިސާބުން ވެރިކަން ލިބިވަޑައިގަތީ އެކަމަނާގެ ބައްޕާފުޅަށެވެ. އޭރު އެކަމަނާގެ އުމުރުފުޅުން 10 އަހަރެވެ. 

ޕްރިންސެސް އެލިޒަބަތުގެ ބައްޕާފުޅު ކިންގް ޖޯޖް ހަ ވަނަ އަށް ރަސްކަމުގެ ތާޖު ލިބިވަޑައިގަތީ 1937 ގައެވެ. ވެސްޓްމިންސްޓާ އެބީގައި އެކަމަނާގެ މައިންބަފައިންނާއެކު އެހަފްލާގައި އެކަމަނާ ބައިވެރިވެވަޑައިގަތެވެ.

އެކަމަނާ ތައުލީމު ހާސިލް ކުރެއްވީ އަމިއްލަ ގެކޮޅުގަ އެވެ. 1936 ވަނަ އަހަރު ބައްޕާފުޅު ރަސްކަމަށް އިސްވެވަޑައިގަތުމަށް ފަހު، ރަނިކަން ލިބިވަޑައިގަންނަވަން ހުންނެވި ރާނީ،  ދުސްތޫރީ ތާރީހާއި ގާނޫނު ކިޔަވާ ވިދާޅުވާން ފެއްޓެވީ އެކަމަނާގެ މުސްތަގުބަލަށް ތައްޔާރުވުމުގެ ގޮތުންނެވެ. ރަނިކަން ލިބިވަޑައިގަތުމުން ކުރަވަން ޖެހިވަޑައިގަންނަވާ ކަންކަން އުނގެނިވަޑައިގަތުމަށެވެ.

އެކަމަނާގެ ބައްޕާފުޅުގެ ފަރާތުން ތައުލީމު ހާސިލް ކުރެއްވި އިރު އޭރުގެ އިނގިރޭސިވިލާތުގެ އިސްވެރީންގެ ފަރާތުން ތައުލީމް ހާސިލް ކުރެއްވި އެވެ. އަދި ފަހުން ފަރަންސޭސި ބަސް ދަސް ކުރެއްވި އެވެ. އެކަމުގެ ސަބަބުން ފަރަންސޭސި ބަހުން ވާހަކަ ދައްކާ ގައުމުތަކުގެ އިސްވެރީންނާ މުއާމަލާތް ކުރެއްވުމުގައި ދަތިކަމެއް އެކަމަނާއަށް ނެތެވެ.

ރާނީ އެލިޒަބަތު ވަނީ އާޓާއި، މިއުޒިކް ވެސް ދަސްކުރައްވާފަ އެވެ. އަސް ދުއްވަން ދަސް ކުރެއްވުމުގެ އިތުރުން ފަތަން ވެސް ދަސް ކުރެއްވި އެވެ. އުމުރުން 11 އަހަރުގައި ގާލް ގައިޑެއްގޮތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެކަމަނާ ކައިވެނި ބައްލަވައިގަތީ 20 ނޮވެމްބަރު 1947 ގައި ލަންޑަންގެ ވެސްޓްމިންސްޓާ އެބީގައި ގްރީކްގެ ޕްރިންސެސްއެއް ކަމަށްވާ ނޭވީ ލެފްޓިނެންޓް ފިލިޕް މައުންޓްބެޓެން އާ އެވެ.

ޑިއުކް އޮފް އެޑިންބާގް އާ އެކު ރާނީ ދިގު މުއްދަތެއް ހޭދަ ކުރެއްވި އިރު އެ ދެ ބޭފުޅުންނަށް  ހަތަރު ބޭފުޅުންނާއި އަށް މާމަ ދަރިކަލުންނާއި 11 މުނިމާމަ ދަރިކަލުން ލިބިވަޑައިގެންނެވިއެވެ.

ޕްރިންސް ޗާލްސް އަކީ ދެން ރަސްކަމުގެ ތަހުތަށް އިސްވެވަޑައިގަންނަވާ ޕްރިންސް އޮފް ވޭލްސް އެވެ. ޕްރިންސް ޗާލްސް އުފަންވެވަޑައިގެންނެވީ 1948 ވަނަ އަހަރު އެވެ. އަދި އޭގެ ދެ އަހަރު ފަހުން ޕްރިންސެސް ރޯޔަލް، ޕްރިންސެސް އޭން ވެސް ވަނީ ލިބިވަޑައިގެންނެވިއެވެ.

ޕްރިންސެސް އެލިޒަބަތު ރާނީއަކަށް ވެވަޑައިގެންނެވުމަށް ފަހު، އެ ދެ ބޭފުޅުންގެ ތިން ވަނަ ދަރިކަލުން ޕްރިންސް އެންޑްރޫ 1960 ވަނަ އަހަރު އަދި ހަތަރު ވަނަ ދަރިކަލުން ޕްރިންސް އެޑްވާޑް 1964 ވަނަ އަހަރު ރާނީއަށް ލިބިވަޑައިގަތެވެ. 

ނަވާރަސަތޭކަ ފަންސާސް ދެވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު ބައްޕާފުޅު އަވަހާރަވުމުގެ ސަބަބުން ރަސްކަމުގެ ތަހުތަށް އެކަމަނާ އިސްވެވަޑައިގެންނެވީ 2 ޖޫން 1953 ގައި ވެސްޓްމިންސްޓާ އެބީގަ އެވެ. މިއީ ޓީވީ މެދުވެރިކޮށް ފުރަތަމަ ފަހަރަށް ދުރަށް ދެއްކި ތާޖު އެޅުވުމުގެ ރަސްމިއްޔާތެވެ.

އެކަމަނާ އެމަގާމަށް ވަޑައިގެންނެވިއިރު ސޯވިއެޓް ޔޫނިއަން، ޗައިނާ އަދި އެމެރިކާގައި އިސްވެރިންގެ ގޮތުގައި ތިއްބެވީ ޖޯސެފް ސްޓާލިން، މާއޯ ޒެޑޮންގް އަދި ހެރީ ޓްރޫމަން އެވެ. އަދި  ވިންސްޓަން ޗާޗިލް ހުންނެވީ އިނގިރޭސި ބޮޑުވަޒީރުގެ ގޮތުގައެވެ.

އޭގެ ފަހުން އެކަމަނާގެ ގައުމުގައި 15 ބޮޑު ވަޒީރަކު ހިދުމަތް ކުރައްވާފައިވާއިރު، އެކަމަނާގެ ރަނިކަމުގައި އެމެރިކާގެ 14 ރައީސުން ވަނީ ފެނިފަ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެކަމަނާ ވަނީ 63 އަހަރާއި ހަތް މަހާއި ދެ ދުވަހާއި 16 ގަޑިއިރާއި 23 މިނެޓަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައި އެކަމަނާގެ މުނިމާމަ، ރާނީ ވިކްޓޯރިއާ ރަނިކަމުގެ ތަހުތުގައި ހޭދަކުރެއްވި ވަގުތު ހަމަކުރައްވާފަ އެވެ.

އެކަމަނާ އަކީ އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ކެނެޑާ، ނިއުޒިލެންޑް، ޖެމެއިކާ، އެންޓީގުއާ އެންޑް ބާބިއުޑާ، ބަހާމާސް، ބެލީޒް، ގްރެނެޑާ، ޕަޕުއާ ނިއުގިނީ، ސޮލޮމޮން އައިލެންޑްސް، ސެއިންޓް ކިޓްސް އެންޑް ނެވިސް، ސެއިންޓް ލޫސިއާ، ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނާޑީންސް އަދި ޓުވާލޫގެ ރާނީ އެވެ.

އިނގިރޭސި ރަނިކަމާ ހަވާލުވިތާ 70 އަހަރު ފުރުން ފާހަގަކުރެއްވީ 2022 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ހަ ވަނަ ދުވަހު، ޕްލެޓިނަމް ޖުބިލީގެ ގޮތުގައެވެ.

އެކަމަނާ ވަނީ 600 އަށްވުރެ ގިނަ ޗެރިޓީތަކާއި، އަސްކަރީ ޖަމިއްޔާތަކާއި، ޕްރޮފެޝަނަލް ބޮޑީތަކާއި، ޕަބްލިކް ސާވިސް އޯގަނައިޒޭޝަންތަކުގެ ރައީސާކަން ވެސް ކުރައްވައިފައެވެ.

ދެހާސް ހަތްވަނަ އަހަރު ރާނީ އާއި ޑިއުކް އޮފް އެޑިންބާގް ވެގެން ގޮސްފައިވަނީ ޑައިމަންޑް ވެޑިން އެނިވާސަރީ (60 އަހަރު) ފާހަގަކުރެއްވި ޝާހީ އާއިލާގެ ފުރަތަމަ ދެމަފިރިންނަށެވެ. 

ފިލިޕް އަވަހާރަވީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހު، އުމުރުން 99 އަހަރުގައެވެ.

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
38%
ވަރަށް ސަލާމް
ކޮމެންޓްސް