
އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތަކީ، ދިވެހި ދައުލަތުގެ އެންމެ މަތިވެރި އިއްޒަތް، ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް އަރުވައިފައިވާ ބޭފުޅެކެވެ.
ރާނީ އެލިޒަބަތު އުމުރުފުޅުން 96 އަހަރުފުޅުގައި އަވަހާރަވުމާއި ގުޅިގެން އެކަމުގެ ހިތާމައިގައި، އިނގިރޭސި ރަސްގެފާނު އަދި އެކަމަނާގެ ދަރިކަލުން ޗާލްސްއަށް ރައީސް ސޯލިހު ރޭ ވަނީ ތައުޒިޔާގެ މެސެޖެއް ވެސް ފޮނުއްވާފައެވެ.
ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، ރާނީ އެލިޒަބަތު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމަޔާއިއެކު ކަމަށާއި އަދި ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖޭގެ ރައްޔިތުން ވެސް އެހިތާމައިގައި ބައިވެރިވާކަމަށް ވަނީ ވިދާޅުވެފައެވެ.
އެކަމަނާގެ 70 އަހަރުފުޅުވީ މޫރިތި ރަނިކަމުގައި، އަދި އެކަމަނާގެ ހަޔާތްޕުޅުގައި، ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގެ ވާޖިބު އަދާކުރައްވައި، ދުނިޔެއަށް ބަދަލުތަކެއް ގެނެސްދެވިކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެކަމަނާގެ ރަނިކަމަކީ، ކޮމަންވެލްތުގެ ޤައުމުތަކުގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ބަދަހިކަމުގެ އަލިގަދަ ދަންމަރެއް ކަމުގައިވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރާނީ އެލިޒަބަތުގެ ކެތްތެރިކަމާއި ވާޖިބުއަދާކުރެއްވުމުގެ މަތިވެރި ސިފަތަކުގެ ޒިކުރާ، ޖީލުތަކަށް ދެމިހުންނަނިވި ގޮތުގައި ދިރިދެމިހުންނާނެ ކަމުގައިވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.
އަދި 1972 ވަނަ އަހަރުގެ މާރިޗު މަހުގެ 13 ވަނަ ދުވަހު ރާނީ އެލިޒަބަތު ރާއްޖެއަށް ވަޑައިގެންނެވި އިރު، އެހަނދާންތަކަކީ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހަޔާތުން މުހިއްމު ހަނދާނެއްކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ، އެކަމަނާގެ ލާމަސީލުހަޔާތްޕުޅުގައި އިނގިރޭސިވިލާތަށާއި ކޮމަންވެލްތުގެ ޤައުމުތަކަށް ހަމަޖެހުމާއި ކުރިއެރުން ގެނެސްދެއްވުމަށް އެކަމަނާ ކުރެއްވި މަސައްކަތްޕުޅުގެ ހަނދާންވެސް އާ ކުރައްވާފައެވެ.