އޫއެންޑީޕީން ހާމަކުރާ އިންސާނީ ތަރައްގީގެ ކުރިއެރުން އަންގައިދޭ އެ އިންޑެކްސްގައި 191 ގައުމު ހިމެނެ އެވެ. އެ އިންޑެކްސް ރޭންކްތައް ބެހެނީ ހަތަރު ދަރަޖައަކަށެވެ. އެއީ:
- ވެރީ ހައި ހިއުމަން ޑިވިލޮޕްމެންޓް( އެންމެ މަތީ ދަރަޖަ)
- ހައި ހިއުމަން ޑިވިލޮޕްމެންޓް( މަތީ ދަރަޖަ)
- މީޑިއަމް ހިއުމަން ޑިވިލޮޕްމެންޓް( މެދުމިނުގެ ދަރަޖަ)
- ލޯ ހިއުމަން ޑިވިލޮޕްމެންޓް( ދަށް ދަރަޖަ)
އިއްޔެ ނެރުނު 2021 ވަނަ އަހަރުގެ އިންޑެކްސް ރިޕޯޓުގައި ވާގޮތުން، މިދިޔަ އަހަރު އެންމެ ”މަތީ ދަރަޖައިގެ ތަރައްގީ“ ހޯދި ގައުމުތަކުގެ ތެރޭގައި ހިމެނެނީ، 66 ގައުމެކެވެ.
އެންމެ މަތީ ދަރަޖައިން:
- އެއްވަނަ އަށް އޮތީ ސްވިޒްލެންޑް.
- ދެވަނަ އަށް އޮތީ، ނޯވޭ
- އަދި ތިންވަނަ އަށް އޮތީ އައިސްލޭންޑް
ރާއްޖެ އޮތީ ”މަތީ ދަރަޖައިގެ ތަރައްގީ“ ހޯދި ގައުމުތަކުގެ ތެރޭގައެވެ. އެ ދަރަޖައިގައި ހިމެނޭ 49 ގައުމުތަކުގެ ތެރެއިން ރާއްޖެ އޮތީ، 24 ވަނައިގައި ރޭންކް 90 ގައެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު ހަތް ދަރަަޖައިގެ ކުރިއެރުމެކެވެ. އޭގެ ކުރީ އަހަރު ރާއްޖެ އޮތީ 97 ވަނައިގައެވެ.
ރާއްޖޭގެ އިންސާނީ ތަރައްގީ ހޯދާ ދަރަޖައިން ބޮޑުތަނުން ކުރިއަށް ޖެހިލީ 2019 ވަނަ އަަހަރުގެ ތެރޭގައެވެ. އެއީ 2018 ވަނަ އަހަރު 104 ގައި އޮތް ރޭންކް 2019 ވަނަ އަހަރު 95 އަކަށް ބަދަލުވެ ނުވަ ދަރަޖައިގެ ކުރިއެރުމެއް ހޯދުމުން ނެވެ. އެއަށްފަހު 2020 ވަނަ އަހަރު ފަސް ދަރަޖައިގެ ކުރިއެރުމެއް ހޯދިއެވެ. އަދި 2021 ވަނަ އަހަރު ހަތް ދަރަޖަ ކުރިއަށް ޖެހިލައި މިހާރު ރާއްޖެ އޮތީ އެ މަތީދަރަޖައިގެ އިންސާނީ ތަރައްގީ ހޯދި ގައުމުތަކުގެ 90 ވަނަގައެވެ.
އިންސާނީ ތަރައްގީގައި މެލޭޝިއާ، ލަންކާ އަދި ޗައިނާ ރާއްޖެއަށްވުރެ ކުރީގައި، އިންޑިއާ ފަހަތުގައި
ރާއްޖެ ހިމެނޭ އޭޝިއާ ސަރަހައްދުން އެންމެ މަތީ ދަރަޖައިގެ ތަރައްގީ ހޯދި ގައުމެއްގެ ގޮތުގައި އޮތީ ރޭންކް 62 ވަނަައިގައި އޮތް މެލޭޝިއާއެވެ.
އެއަށްފަހު، މަތީ ދަރަޖައިގެ ތަރައްގީ އާއެކު 73 ވަނައިގައި އޮތީ މިހާރު ބޮންސުންލާފައިވާ އިގްސޯދަކާއި އެކީ އޮތް ސްރީލަންކާ އެވެ. އަދި 79 ވަނައިގައި އޮތީ މަތީ ދަރަޖައިގެ ތަރައްގީއާއިއެކު ޗައިނާ އެވެ.
މީގެ އިތުރުން:
- އިންޑިއާ އޮތީ ރޭންކް 132 ވަނައިގައި ”މެދުމިނުގެ ތަރައްގީ“ ހޯދި ގައުމުތަކުގެ ލިސްޓުގައެވެ. މިއީ އޭގެ ކުރީ އަހަރަށްވުރެ ދެ ދަރަޖައިގެ ދަށްވުމެއް.
- އަދި ބަގްލަދޭޝް އޮތީ ހަމަ އެ ދަރަޖައިގައި އިންޑިއާއަށްވުރެ ކުރީގައި 129 ވަނައިގައެވެ. މިއީ އެއް ދަރަޖައިގެ ދަށްވުމެކެވެ.