
އިންޑިއާއިން ޑިމާންޑުކުރަނީ ރާނީ އެލިޒަބަތު(ދެވަނަ)ގެ މަންމާފުޅު ބޭނުންކުރެއްވި ތާޖެކޮޅެއްގައި އިން 105 ކެރެޓުގެ "ކޮހިނޫރް" ކިޔާ ޖަވާހިރު އަބުރާ ދިނުމަށެވެ.
މިއީ އެ ޖަވާހިރު އަބުރާ ދިނުމަށް އިންޑިއާއިން ޑިމާންޑުކުރި ފުރަތަމަ ފަހަރެއް ނޫނެވެ. އިނގިރޭސީން 1858 ވަނަ އަހަރު އިންޑިއާ ހިފާ، އެތަނުގައި "ބްރިޓްޝްގެ ކްރައުން ރޫލް" ނުވަތަ "އިނގިރޭސި ތާޖުގެ ވެރިކަން" ކުރަމުންގޮސް، 1947 ވަނަ އަަހަރު އިނގިރޭސީންގެ އަތްދަށުން މިނިވަންވުމާއިއެކުވެސް އިންޑިއާ ސަރުކާރުން ވަނީ އެ ޖަވާހިރު އަނބުރާ ދިނުމަށް ޑިމާންޑުކޮށްފަ އެވެ.
އޭގެފަހުން ރާނީ އެލިޒަބަތު(ދެވަނަ) އިނގިރޭސީންގެ ރަނިކަމާއި ހަވާލުވެ، ތާޖު އެޅުއްވި އަހަރުގައިވެސް އިންޑިއާއިން ވަނީ އެ ޖަވާހިރު އަބުރާ ދިނުމަށް އެދިފަ އެވެ. ނަމަވެސް އެ ޑިމާންޑްތަކަށްވެސް ބީރު ކަންފަތެއް ދިންއިރު، އިނގިރޭސިވިލާތުން ވަނީ އެފަހަރުވެސް "ކޮހިނޫރު އިންޑިއާއަށް އަނބުރާ ދިނުމަށް ގާނޫނީ އެއްވެސް އަސާސެއް ނެތް" ކަމަށް ދަލީލުކޮށްފަ އެވެ.
އަނެއްކާވެސް، 70 އަހަރުވަންދެން ރަނިކަން ކުރެއްވި، ރާނީ އެލިޒަބަތު(ދެވަނަ) އަވަހާރަވިތާ މާގިނަ ދުވަހެއް ނުވެ ޓްވިޓާގައި އިންޑިއާ މީހުން އެ ކޮހިނޫރަށް ދަނީ ޑިމާންޑު ކުރަމުންނެވެ.
އެއްބަޔަކު ބުނަނީ، އެ ޖަވާހިރު "ވަގަށް ނެގީ" އިނގިރޭސިން ކަމަށާއި، އިނގިރޭސިން މުއްސަދިކަން ހޯދާފައިވަނީވެސް، "މަރާއި" "ބަނޑުހައިހޫނުކަމުން" އަދި "ލޫޓުވުމުން" ކަމަށެވެ.
ކޮހިނޫރަކީ ކޮބާ؟
"ކޮހިނޫރް" އަކީ ދުނިޔޭގެ އެންމެ އަގުބޮޑު އެއް ޖަވާހިރެވެ. އެއީ މިފަހުން އަވަހާރާވި ރާނީ އެލިޒަބަތުގެ މަންމާފުޅު ތުރުކުރެއްވި ތާޖެއްގައި ޖަހާފައިވާ 2،800 ޖަވާހިރުތަކުގެ ތެރެއިން އެއް ޖަވާހިރެވެ. ނަމަވެސް ތާޖުގެ މެދުގައި ޖަހާފައިވާ އެ ބޮޑު "ކޮހިނޫރް" އަކީ ތާޖުގެ މައިގަނޑު ޖަވާހިރެވެ. 105 ކެރެޓްގެ އޯވަލް ބައްޓަމުގެ އެ ޖަވާހިރަކީ ތާޖުގައި އިން އެންމެ މައުނަވީ ޖަވާހިރެވެ.
އެލިޒަބަތުގެ މަންމާފުޅު ތުރުކުރެއްވި ކޮހިނޫރް ޖަހާފައިވާ ތާޖުކޮޅު(ކޮހިނޫރް މެދުގައި)
އިންޑިއާއިން ހޯދުނުކަމަށް ބުނާ އެ ޖަވާހިރަކީ އިންޑިއާގެ "ޕީކޮކް ތުރޯން" ގައި ހުރި ޖަވާހިރުތަކުގެ ތެރެއިން އެއް ޖަވާހިރު ކަމަށް ވެއެވެ.
އިންޑިއާގެ ރެޑްފޯޓުގައި ހުންނަ ޕީކޮކް ތުރޯން-------
ކޮހިނޫރްގެ ތާރީހާއި، އިނގިރޭސީންގެ އަތްދަށަށް އެ ޖަވާހިރު ދިޔަގޮތް
ތާރީހީ ފަތްފުއްތަކުން އެގޭގޮތުން، މި ޖަވާހިރު ފެނުނީ އިންޑިއާއިން ނެވެ. އެ ޖަވާހިރު ފެނިފައިވަނީ، މިހާރުގެ އަންދްރާ ޕްރަދޭޝްގެ "ކޮއްލޫރު" ކިޔާ މައިން އަކުން ކަކާތިޔާ ދަރިކޮޅުގެ ދުވަސްވަރު ކަމަށް ބުނެވެއެވެ. ތާރީހުން ދައްކަނީ ކޮހިނޫރަކީ 16 ވަނަ ގަރުނުގައި މޮގޫލްސްގެ އަތްމައްޗަށް އޮތް އެއްޗެއްގެ ގޮތުގައެވެ. ދެން ފާރިސީން އެ ކޮހިނޫރް އަތުލައިގަނެ، އޭގެފަހުން އަފްޣާނިސްތާނުން ވެސް އެ ޖަވާހިރު އަތުލައިގެން ކަމަށް ބުނެވެއެވެ.
ބުނެވޭގޮތުން އަފްޣާނިސްތާނުގެ ލީޑަރު ޝާހް ޝުޖާހު ދުރާނީގެ އަތުން އެ ޖަވާހިރު ނެގުމަށްފަހު ސިކުންގެ މަހާރާޖާ ރަންޖިތު ސިންގް، އެ ޖަވާހިރު އަބުރާ އިންޑިއާއަށް ގެނައެވެ. ބައެއް ތާރީހީ ފަތްފުއްތަކުން އެގޭގޮތުގައި އިންޑިއާގެ ވެރިރަށް ރެޑްފޯޓްގައި ހުރި ޕީކޮކް ތަހުތުން އެ ޖަވާހިރު ފޭރިގަތީ ނާދިރު ޝާހު ކިޔާ މީހެކެވެ. މި ޖަވާހިރު އިނގިރޭސިންގެ އަތްމައްޗަށް ދިޔައީ 19 ވަނަ ގަރުނުގެ މެދުތެރޭގަ އެވެ.
ބައެއް ލިއުންތައް ބުނަނީ، އިނގިރޭސީން އެ ޖަވާހިރު އަތުލީ މަހާރާޖާ ރަންޖިތު ސިންގް އަތުން ކަމަށެވެ. އެގޮތުން އެ ޖަވާހިރު އިނގިރޭސިންނާ ހަވާލުކުރަން ޖެހޭ މާއްދާއެއް ހިމެނޭ ގާނޫނީ ލިޔުމެއްގައި ސޮއިކުރުމަށް އިނގިރޭސިން އޭނާއަށް މަޖުބޫރުކުރީ ކަމަށް ބުނެވެއެވެ.
2002 ވަނަ އަހަރު އިންޑިއާގައި އޮތް ޕްރެސް މީޓިންއެއްގައި ކޮހިނޫރް ޖަވާހިރު ރަމްޒުކޮށްދޭ ޖަވާހިރެއް ދައްކާލަނީ---
"ކޮހިނޫރް" އިންޑިއާއަކަށް ނުލިބޭނެ، ތާޖު ދޭނީ ރަސްގެފާނުގެ އަނބިކަބަލުންނަށް
އިނގިރޭސި ރަނިކަމުގައި 70 އަހަރު ވަންދެން ތަހުތުގައި އިންނެވި ރާނީ އެލްޒަބަތު(ދެވަނަ) އަވަހާރާވީ އާލާސްކަންފުޅެއްގައި އުޅުއްވުމަށްފަހު ފަރުވާކުރަމުންދަނިކޮށް ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އުމުރުން 96 އަހަރުފުޅުގައި ރާނީ އަވަހާރާވުމާއިއެކު އިނގިރޭސިވިލާތުގެ ދުސްތޫރީ ރަސްކަމުގެ ނިޒާމުގެ ތެރެއިން ރަސްކަމުގެ ތާޖު ވަގުތުން އެކަމަނާގެ ދޮށީ ދަރިކަލުން، ޕްރިންސް(ކުރީގެ) ޗާލްސް އާއި ވަނީ ހަވާލުވެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، އެ ޖަވާހިރު އަބުރާ އިންޑިއާއާއި ހަވާލުކުރުމަށް ގޮވާލަމުން ދިޔަނަމަވެސް އެ ޖަވާހިރު އަބުރާ ހަވާކުރުމުގެ އެއްވެސް ވިސްނުމެއް އިނގިރޭސީންގެ ނެތެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، "ކޮހިނޫރް ތާޖު" ދާނީ އިނގިރޭސިވިލާތުގެ އާ ރަސްގެފާނު ޗާލްސްގެ، އަނބިކަނބަލުން ކެމިލާ އަށެވެ.